އިންޑިއާ - ބަންގްލަދޭޝްގެ އަރައިރުންވުން ކުރިކެޓަށް، އިންޑިއާގައި ބާއްވާ ޓީ20 މެޗުތައް ލަންކާއަށް ބަދަލުކުރަން އެދިއްޖެ
4 ޖެނުއަރީ 2026 - 04:19

ބަންގްލަދޭޝް އާއި އިންޑިއާއާ ދެމެދު އޮތް ސިޔާސީ ގުޅުން ގޯސްވުމުގެ ސަބަބުން، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގެ ކޮލްކަޓާ ނައިޓް ރައިޑާސް (ކޭކޭއާރު) އިން ބަންގްލަދޭޝްގެ އުކުންތެރިޔާ މުސްތަފިޒުއްރަހުމާން ދޫކޮށްލަން އެންގުމާ ގުޅިގެން، ކުރިއަށް އޮތް ޓީ20 ވޯލްޑް ކަޕްގައި ބަންގްލަދޭޝް ކުޅޭ މެޗުތައް އިންޑިއާއިން ސްރީލަންކާއަށް ބަދަލުކުރުމަށް އައިސީސީގައި އެދުމަށް ބަންގްލަދޭޝް ކްރިކެޓް ބޯޑުން ނިންމައިފިއެވެ.
ބަންގްލަދޭޝްގެ ކުޅުންތެރިންގެ ސަލާމަތާ މެދު ކަންބޮޑުވުން ފާޅުކޮށް، ބަންގްލަދޭޝް ކްރިކެޓް ބޯޑު (ބީސީބީ) އިން އައިސީސީއަށް ސިޓީއެއް ފޮނުވާނެ ކަމަށް ބެލެވެއެވެ. ވޯލްޑް ކަޕްގެ ފުރަތަމަ ތިން މެޗު ކޮލްކަޓާގައި ކުޅުމަށް ތާވަލުކޮށްފައިވާއިރު، ބީސީބީގެ މީޑިއާ ކޮމިޓީގެ ޗެއާމަން އަމްޖަދު ހުސައިން ވިދާޅުވީ، ކޮލްކަޓާގައި ކުޅެން ހުރި މެޗުތަކާ ގުޅޭގޮތުން އައިސީސީއަށް ޝަކުވާ ހުށަހަޅާނެ ކަމަށެވެ.

Ad by Hajj Corporation
ބަންގްލަދޭޝްގެ ސްޕޯޓްސް އެޑްވައިޒަރު އާސިފް ނަޒްރުލް ވިދާޅުވީ، އިންޑިއާގައި ބަންގްލަދޭޝް ޓީމަށް އޮތް ސަލާމަތީ ރައްކާތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. "އެއްބަސްވުމެއްގެ ދަށުން އިންޑިއާގައި ކުޅުންތެރިއަކަށް ނުކުޅެވޭ ހާލަތެއްގައި، މުޅި ޓީމަށް އިންޑިއާގައި ރައްކާތެރިކަމެއް އޮތް ކަމަކަށް ގަބޫލެއް ނުކުރެވޭ،" ނަޒްރުލް އޭނާގެ ފޭސްބުކް ޕޭޖުގައި ލިޔުއްވާފައިވެއެވެ. މީގެ އިތުރުން ބަންގްލަދޭޝްގައި އައިޕީއެލް ދެއްކުން ހުއްޓާލުމަށް ވެސް އޭނާ ވަނީ ކަމާބެހޭ މިނިސްޓްރީގައި އެދިވަޑައިގެންފައެވެ.
މުސްތަފިޒުއްރަހުމާން ކޭކޭއާރުން ދޫކޮށްލާފައިވަނީ އިންޑިއާގެ ސިޔާސީ އަދި ދީނީ ލީޑަރުންގެ ފަރާތުން ކުރިމަތިވި ފިއްތުންތަކާ ގުޅިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭނާ އަކީ މިދިޔަ މަހު ބޭއްވި އައިޕީއެލް ނީލަމުގައި 9.2 ކްރޯޑް ރުޕީސްއަށް ކޭކޭއާރުން ގަތް ކުޅުންތެރިއެކެވެ.
ފެބްރުއަރީ 7 ވަނަ ދުވަހު ވެސްޓް އިންޑީޒްއާ ދެކޮޅަށް ކޮލްކަޓާގެ އީޑަން ގާޑަންސްގައި ބަންގްލަދޭޝްގެ ފުރަތަމަ މެޗު ކުޅުމަށް ވަނީ ތާވަލުކޮށްފައެވެ. ނަމަވެސް މިހާރު އުފެދިފައިވާ މައްސަލަތަކާއެކު، މި މެޗުތައް ސްރީލަންކާއަށް ބަދަލުކުރުމުގެ ފުރުސަތު ބޮޑެވެ.


