ފުވައްމުލަކުގެ މިހާރުގެ ހާލަތު ބަދަލުކޮށްލަން ހޮވަންވީ ޢަލީ މަސީޙު
4 ޖެނުއަރީ 2026 - 13:12

ލޯކަލް ކައުންސިލް އިންތިހާބުގައި ފުވައްމުލަށް ސިޓީގެ މޭޔަރުކަމަށް ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ކުރިމަތިލައްވާފައިވާ ޢަލީ މަސީޙުގެ އެންމެ ބޮޑު ތަސައްވުރަކީ ފުވައްމުލަކުގެ މިހާރުގެ ހާލަތު ބަދަލުކޮށްލުމެވެ.
ރަށުގެ ޙާލަތާއި ރައްޔިތުންގެ ވިންދު ރަނގަޅަށް އެނގިހުރެ ކައުންސިލަށް ކުރިމަތިލި މަސީޙު، ދެއްވަނީ ނަތީޖާ ނެރެދީ ރައްޔިތުންނަށް ދައްކާނެކަމުގެ ޔަގީންކަމެވެ.

Ad by Hajj Corporation
މަސީހުގެ މައިގަނޑު ވިސްނުމަކީ، އިގްތިސާދީ ފުދުންތެރި، ވިލުންތެރި މުޖުތަމަޢަކަށް ފުވައްމުލައް ހެދުމެވެ. ޕްލޭން ކުރެވިފައިވާ ތަރައްޤީއެއް މުޅި ފުވައްމުލަކަށް ގެނެވޭނީ ރައްޔިތުންނާ ގުޅޭ ސަރުކާރަށް އެއްބާރުލުންދޭ ކައުންސިލެއް އޮވެގެންކަމަށް އަލީ މަސީހު ގަބޫލުކުރައްވައެވެ.
ކުދި ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމް ކޮށްދިނުމުގެ އިތުރުން ޕްރައިވެޓް ސެކްޓަރ ވަރުގަދަ ކުރުމަކީ އޭނާގެ އަމާޒެކެވެ. ފުވައްމުލަކުގެ ރެޖިސްޓްރީ ވެފައިވާ އާބާދީ 14،000 އަށް އެރިނަމަވެސް ރަށުގައި ދިރިއުޅެނީ 9،000 އެއްހައި މީހުންކަމަށްވީއިރު އިގްތިސާދީ މަންފާ އޭގެ ފުރިހަމަ ގޮތުގައި ރަށަށް ލިއްބައި ދިނުމަށްޓަކައި، ރަށުގައި ދިރިއުޅޭ އާބާދީ 15 ހާހާއި 20 ހާހަށް ގެންދަން ޖެހޭ ކަމަށް މަސީހު ގަބޫލުކުރައްވައެވެ.
ފުވައްމުލަކު އެޑިއުކޭޝަނަލް ހަބަކަށްހެދުމާއި، ދަތުރުފަތުރުގެ ދާއިރާ ވަރުގަދަކޮށް އެކަހެރި ފުވައްމުލައް އެހެން ތަންތަނާ ގުޅުވާލުމާއި، ފަތުރުވެރިކަމުގެ ޒޯނު ތަރައްގީކޮށް އައު ހަރުފަތަކަށް ރަށުގެ ފަތުރުވެރިކަން ގެންދިއުމަކީވެސް އޭނާގެ އަމާޒެކެވެ.
ޢަލީ މަސީޙުއަކީ އެމްބީއޭ ފުރިހަމަކުރައްވާފައިވާ، ލެކްޗަރާއެއްގެ ގޮތުގައި ތައުލީމީ ދާއިރާގައި 11 އަހަރުގެ ތަޖުރިބާ ހުރި ޢިލްމީ ބޭފުޅެކެވެ. އޭނާ ވަނީ ފަތުރުވެރިކަމުގެ ދާއިރާގައިވެސް 10 އަހަރު ހޭދަކުރައްވާފައެވެ. އަދި 12 އަހަރު ވަންދެން، ކައުންސިލްގެ އިސް މަގާމުތައް ފުރުއްވާފައިވެއެވެ. މީގެ އިތުރުން އޭނާއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ޒުވާން އިންވެސްޓަރެކެވެ.
ޢަލީ މަސީޙު ވަނީ އޭނާގެ ކެމްޕޭން އޮފީސް އިފްތިތާޙުކޮށް ކެމްޕޭން ފައްޓަވާފައެވެ.
ރޭގެ ޙަފްލާ ޝަރަފްވެރި ކޮށްދެއްވީ ސިއްހަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމްއެވެ.


