ލީޑްސްއާ އެއްވަރުވެ ގަދަ ހަތަރަކަށް އެރުމުގެ ފުރުސަތު ޔުނައިޓެޑަށް ގެއްލިއްޖެ
5 ޖެނުއަރީ 2026 - 03:15

ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވެ، ތާވަލުގެ ގަދަ ހަތަރަކަށް އެރުމަށް ލިބުނު ރަނުގެ ފުރުސަތު މެންޗެސްޓާ ޔުނައިޓެޑުން ނަގާލައިފިއެވެ. އެލަންޑް ރޯޑްގައި ކުޅުނު މި މެޗުގައި ލީޑްސްއިން ލީޑު ނަގާފައިވަނިކޮށް، ޔުނައިޓެޑަށް ޕޮއިންޓެއް ކަށަވަރުކޮށްދިނީ މަތިއަސް ކޫންޔާ އެވެ.
މެޗުގެ ކުރީކޮޅު ޔުނައިޓެޑުން ވަނީ ލަނޑެއް ޖަހައި އުފާފާޅުކޮށްފައެވެ. ކަސެމީރޯ ބޮލުން ޖައްސާލި ބޯޅައަކުން ކޫންޔާ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް، އޭނާ ހުރީ އޮފްސައިޑްގައި ކަމަށް ރެފްރީ ވަނީ ނިންމާފައެވެ.

Ad by Hajj Corporation
ދެވަނަ ހާފު ވަރުގަދަކޮށް ފެށި ލީޑްސްއިން މެޗުގެ ލީޑު ނެގީ 62 ވަނަ މިނެޓުގައެވެ. ޕާސްކަލް ސްޓްރައިކް ދިން ތޫނު ފާހަކުން ބްރެންޑަން އާރޮންސަން ވަނީ ވަރަށް ހަމަޖެހިލާފައި ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލާފައެވެ. ނަމަވެސް އޭގެ ކުޑަވަގުތުކޮޅެއް ފަހުން ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް ކުޅެން އެރުވި ޖޯޝުއާ ޒާކްޒީ ތަނަވަސްކޮށްދިނީ ފުރުސަތެއްގައި، ކޫންޔާ ވަނީ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މެޗުގެ ފަހުކޮޅުގައި ދެ ޓީމަށްވެސް މެޗުން މޮޅުވާނެ ފުރުސަތުތަކެއް ލިބުނެވެ. ލީޑްސްގެ ނޯއާ އޮކަފޯ އަދި ޖޮއެލް ޕީރޯއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނުއިރު، ޔުނައިޓެޑްގެ ކޫންޔާ ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ. މި ނަތީޖާއާއެކު ޔުނައިޓެޑުން ވަނީ އެންމެ ފަހުން ކުޅުނު 11 މެޗުގެ ތެރެއިން 6 މެޗު އެއްވަރުވެފައެވެ.
ޔުނައިޓެޑް މިވަގުތު އޮތީ 5 ވަނައިގައޮ އޮތް ޗެލްސީއާއި ޕޮއިންޓްގެ ގޮތުން އެއްވަރުވެ، ފައިދާގޯލުގެ ތަފާތުން ތާވަލުގެ 6 ވަނައިގައެވެ.


