އެކްޕްރިމެންޓް އަތަށްގޮވައި އަމޯ ޔުނައިޓެޑުން ބޭރުކޮށްފި
5 ޖެނުއަރީ 2026 - 11:33

މެންޗެސްޓަރ ޔުނައިޓެޑުގެ ހެޑް ކޯޗުގެ މަގާމުން ރުބެން އަމޯރިމް ވަކިކޮށްފިއެވެ. މި ނިންމުމާއެކު، މާލީ ގޮތުން ދަތިތަކެއް ކުރިމަތިވެފައިވާ ޔުނައިޓެޑަށް ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 20 މިލިއަން ޕައުންޑް ހޭދަކުރަން ޖެހޭނެ ކަމަށް ބެލެވެއެވެ.
އަމޯރިމް މަގާމުން ވަކިކޮށްފައިވަނީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މިއީ ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވުމާ ގުޅިގެން، ކްލަބުގެ ކަންކަމުގައި އޭނާގެ ބާރު މިހާރަށްވުރެ ބޮޑުކުރަން ބޭނުންވާ ކަމަށް އަމޯރިމް އާންމުކޮށް ވިދާޅުވިތާ 24 ގަޑިއިރުވެސް ނުވަނީހެވެ. މި ވާހަކަތަކުގެ ސަބަބުން ކްލަބުގެ މައިނޯރިޓީ އޯނަރު ސަރ ޖިމް ރެޓްކްލިފް ހިމެނޭހެން ކްލަބުގެ އިސްވެރިންގެ ނުރުހުން އަމޯރިމްއަށް ވަނީ އަމާޒުވެފައެވެ.

Ad by Hajj Corporation
ޔުނައިޓެޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ޕްރިމިއާ ލީގުގެ ހަވަނައިގައި ޔުނައިޓެޑް އޮތްއިރު، ކްލަބުގެ ލީޑަޝިޕުން ނިންމާފައިވަނީ މިއީ ބަދަލެއް ގެންނަންވީ އެންމެ ރަނގަޅު ވަގުތު ކަމަށެވެ." އަމޯރިމް ޔުނައިޓެޑާ ގުޅުނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ސްޕޯޓިން ލިޒްބަންގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށްފަހުއެވެ. ނަމަވެސް، އޯލްޑް ޓްރެފޯޑުގައި ހޭދަކުރި 14 މަސް ދުވަހުގެ ތެރޭގައި އޭނާއަށް ވަނީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.
އަމޯރިމް ގެނައުމަށްޓަކައި ޔުނައިޓެޑުން ވަނީ ސްޕޯޓިންއަށް 9.2 މިލިއަން ޕައުންޑް ދައްކާފައެވެ. އަދި އޭނާގެ ކޮންޓްރެކްޓް 2027 ވަނަ އަހަރުގެ ޖޫން މަހަށް ހަމަވާއިރު، ބާކީ އޮތް 18 މަސް ދުވަހުގެ މުސާރައިގެ ގޮތުގައި 10 މިލިއަން ޕައުންޑް ދޭންޖެހޭނެއެވެ. އަމޯރިމްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް މިދިޔަ ސީޒަން ނިންމާލީ ތާވަލުގެ 15 ވަނައިގައެވެ. ނަމަވެސް އޭނާ ވަނީ އެ ޓީމު ޔޫރޮޕާ ލީގުގެ ފައިނަލަށް ގެންގޮސްދީފައެވެ.
ކުރިއަށް އޮތް ބާންލީ މެޗުގައި ޔުނައިޓެޑަށް އިރުޝާދު ދޭނީ ވަގުތީ ކޯޗު ޑަރެން ފްލެޗަރެވެ. ކްލަބުން މިހާރު ދަނީ ދާއިމީ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މި މަގާމަށް ގެނައުން އެންމެ ގާތް ކަމަށް ބެލެވެނީ ކްރިސްޓަލް ޕެލަސްގެ އޮލިވާ ގްލާސްނާ ނުވަތަ ބޯންމައުތުގެ އެންޑޯނީ އިރައޯލާއެވެ.


