މާލޭގެ ގެއަކަށް ސަނީ އުމަރު ވެއްދުމުން، ހިތްހަމަނުޖެހިގެން ހަމަނުޖެހުން ހިންގައިފި!
5 ޖެނުއަރީ 2026 - 12:04

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ ސަނީ އުމަރުގެ ހާޒިރުގައި ފުލުހުން ވަދެ ގެއެއް ބަލައި ފާސްކޮށްފިއެވެ.
ފުލުހުން ވަދެ މިއަދު ފާސްކުރީ މާލޭގެ ގެއެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހެންވޭރު ގެއެއްގައި ހަރަކާތްތެރިވެ، ސަނީ އުމަރުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން އެ ގެ ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެ ގެ ބަލައި ފާސްކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. އެގޮތުން އޭނާގެ ހާޒިރުގައި އެ ގެ ބަލައި ފާސްކޮށްފައިވާކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވިއެވެ.
ސަނީ އުމަރުގެ މައްސަލައިގެ ތަހުގީގަށް ހެކި ހޯދަން ހ. އަނދުންގެއަށް މިއަދު އޭނާ ވެއްދުމުން އެ ގޭގެ މީހުން ހިތްހަމަނުޖެހިގެން، ހަމަނުޖެހުން ވެސް ވަނީ ހިންގާފައެވެ.
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހުސައިން ސަނީ ޢުމަރު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ މިމަހުގެ 2ވަނަ ދުވަހުއެވެ.
ކްރިމިނަލް ކޯޓުން މިގޮތަށް ނިންމީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނަށް ރިއާޔަތްކޮށް ސަނީ އުމަރުގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅުމުންނެވެ.
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ސަނީ އުމަރު ހައްޔަރުކުރީ އެ މައްސަލަ ބަލަމުން ދަނިކޮށް، އޭނާ ރާއްޖޭން ބޭރަށް ފުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުއްޓާ މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅުގައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭރު ކޯޓުން 30 ދުވަހުގެ މުއްދަތެއް ޖެހިއެވެ.

Ad by Hajj Corporation


