ރާއްޖޭގައި ރަސްމީކޮށް ފުޓުބޯޅަ ކުޅެންފެށިތާ 75 އަހަރު ފާހަގަކުރަން މުބާރާތެއް ބާއްވަނީ
5 ޖެނުއަރީ 2026 - 16:09

ދިވެހިރާއްޖޭގައި ރަސްމީކޮށް ފުޓުބޯޅަ ކުޚެން ފެށިތާ 75 އަހަރުފުރުން ފާހަގަކުރުމަށް ބައިނަލްއަޤްވާމީ ފުޓުބޯޅަ މުބާރާތެއް ބާއްވަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑީވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.
މިއަދު ކުރިއަށްދިޔަ އެ އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ ނުވަ ވަނަ ބައްދަލުވުމުގައި، މި މުބާރާތް ބާއްވަން ތާވަލުކޮށްފައި ވަނީ މިއަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހުން، 10 ވަނަ ދުވަހުގެ ނިޔަލަށެވެ. 'ޑައިމަންޑް ޖުބިލީ' އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ނަމުގައި ބާއްވާ މި މުބާރާތުގައި ބައިވެރިވާން، އަވަށްޓެރި ސްރީލަންކާއަށާއި ބަންގްލަދޭޝްގެ އިތުރުން ނޭޕާލްގެ ޤައުމީ ޓީމަށް ދައުވަތުދޭން ވަނީ ނިންމާފައެވެ.

Ad by Hajj Corporation
ދިވެހި ފުޓުބޯޅައަށް 50 އަހަރު ފާހަގަކުރުމުގެ ގޮތުން ވެސް މިފަދަ މުބާރާތެއް ބާއްވާފައި ވެއެވެ. ގޯލްޑަން ޖުބިލީގެ ނަމުގައި 2000 ވަނަ އަހަރު ބޭއްވި އެ މުބާރާތުގައި ވާދަކުރީ މި ފަހަރުގެ މުބާރާތުގައި ވެސް ބައިވެރިކުރަން ދައުވަތުންދޭން ނިންމާފައިވާ ބަންގްލަދޭޝްއާއި ސްރީލަންކާގެ އިތުރުން ސަރަހައްދީ ގަދަބާރު، އިންޑިއާއެވެ.
އެފަހަރުގެ މުބާރާތުގެ ފައިނަލުގައި ރާއްޖެއާއި ސްރީލަންކާ ވާދަކުރިއިރު، ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން ދެ ޓީމު އެއްވަރުވެފައި އޮތުމުން ޕެނަލްޓީގައި ރާއްޖޭގެ މައްޗަށް ކުރި ހޯދީ ސްރީލަންކާއިންނެވެ.
ރާއްޖޭގައި ރަސްމީކޮށް ފުޓުބޯޅަ ކުޅެން ފެށިތާ 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ބައިނަލްއަގްވާމީ އިންވިޓޭޝަނަލް މުބާރާތުގެ އިތުރުން 19 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތެއް ބާއްވަން ވެސް އެފްއޭއެމް އިން ނިންމާފައި ވެއެވެ.
ފެބްރުއަރީ މަހުގެ 7-15 އަށް ބާއްވަން ތާވަލުކޮށްފައިވާ މި މުބާރާތުގައި ބައިވެރިވުމަށް ދައުވަތުދެނީ މާލެ ސަރަހައްދުގައި ހަޔަރ މަތީ ސާނަވީ ތައުލީމުދޭ މަރުކަޒުތައް ކަމަށްވާ ސީއެޗްއެސްއީ-މާލެ އަށާއި ސީއެޗްއެސްއީ-ހުޅުމާލޭގެ އިތުރުން އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް އަދި ވިލާ އިންޓަނޭޝަނަލް ހައިސްކޫލަށެވެ.


