މަސްކްގެ ''ގްރޮކް''ގެ ޖިންސީ ސިފަ އެކުލެވޭ އޭއައި ފޮޓޯތަކަކީ 'ޣައިރު ގާނޫނީ' އެއްޗެއް: ޔޫރަޕިއަން ކޮމިޝަން
6 ޖެނުއަރީ 2026 - 21:25

އީލޮން މަސްކްގެ ސޯޝަލް މީޑިއާ ސައިޓް 'އެކްސް' ގައި އާންމުކުރަމުންދާ އޮރިޔާން އަންހެނުންނާއި ކުޑަކުދިންގެ ފޮޓޯތަކަކީ ޣައިރު ގާނޫނީ އަދި ބަލައިގަނެވޭނެ ފަދަ އެއްޗެއް ނޫން ކަމަށް ޔޫރަޕިއަން ކޮމިޝަނުން ހޯމަ ދުވަހު ބުނެފިއެވެ.
މިއާއެކު، އެ ޕްލެޓްފޯމުގައި ހުއްދައާ ނުލައި އުފައްދާ މިފަދަ ތަސްވީރުތައް އިތުރުވަމުންދާތީ އެކަން ކުށްވެރިކުރާ ދުނިޔޭގެ އެކި ގައުމުތަކުގެ އިސްވެރިންގެ ސަފަށް އެ ކޮމިޝަން ވަނީ ގުޅިފައެވެ.

Ad by Hajj Corporation
މި ކުށްވެރިކުރުން އައިސްފައިވަނީ، އެކްސްގެ އޭއައި ޗެޓްބޮޓް 'ގްރޮކް' މެދުވެރިކޮށް، އަންހެނުންނާއި ކުޑަކުދިންގެ ނިވާކަން ކުޑަ ފޮޓޯތައް ބޭނުންވާ ގޮތަށް އުފެއްދޭކަމަށް ރޮއިޓާސް ހިމެނޭހެން އެކި މީޑިއާތަކުން ރިޕޯޓްކުރުމާ ގުޅިގެންނެވެ. މި ފަންކްޝަނަށް އެކްސް އިން މީގެ ކުރިން ނަން ދީފައިވަނީ "ސްޕައިސީ މޯޑް" ގެ ނަމުންނެވެ. އެކްސް އިން މިފަދަ ހިދުމަތެއް ފޯރުކޮށްދޭކަން ޔޫރަޕިއަން ކޮމިޝަނަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށް އެ ކޮމިޝަނުގެ ތަރުޖަމާނު ތޯމަސް ރެގްނިއާ ވަނީ ވިދާޅުވެފައެވެ.
ކޮމިޝަނުގެ ތަރުޖަމާނު ވިދާޅުވީ "މިއީ 'ސްޕައިސީ' އެއް ނޫން. މިއީ ޣައިރު ގާނޫނީ ކަމެއް. މިއީ ބަލައިގަނެވޭނެ ކަމެއް ނޫން. މިއީ ފަކުރުގަންނަ ފަދަ ކަމެއް. އަހަރެމެން މިކަން ދެކެނީ މިގޮތަށް، އަދި ޔޫރަޕްގައި މިފަދަ ކަންކަމަށް ޖާގައެއް ނެތް،" ކަމަށެވެ.
މީގެ އިތުރުން އިނގިރޭސިވިލާތުގެ ރެގިއުލޭޓަރީ އިދާރާ 'އޮފްކޮމް' އިން ވެސް ވަނީ މިފަދަ ފޮޓޯތައް އުފެއްދެނީ ކިހިނެއްކަން ސާފުކޮށްދިނުމަށާއި، ބޭނުންކުރާ މީހުން ރައްކާތެރިކުރުމުގެ ގާނޫނީ ޒިންމާ އަދާކުރުމުގައި އެކްސް ފެއިލްވެފައިވޭތޯ ސުވާލުކޮށްފައެވެ.
މި މައްސަލައިގައި އެކްސް އިން ރަސްމީ ޖަވާބެއް ދީފައި ނުވާއިރު، ރޮއިޓާސްއަށް ދިން މެސެޖެއްގައި ބުނެފައިވަނީ ކުރީގެ މީޑިއާތަކުން ހަދަނީ އިތުރު ކަމަށެވެ. އަދި އީލޮން މަސްކް ވަނީ މި ކަންބޮޑުވުންތަކަށް މަލާމާތްކޮށް، އެޑިޓްކޮށްފައިވާ ބައެއް ފޮޓޯތަކަށް ރައްދުދީ ހޭ އީމޯޖީތައް ޕޯސްޓްކޮށްފައެވެ. ނަމަވެސް އިނގިރޭސިވިލާތާއި ޔޫރަޕްގެ ގާނޫނުތައް ބުނާގޮތުން ހުއްދައާ ނުލައި އޭއައި ބޭނުންކޮށްގެން ޖިންސީ ތަސްވީރުތައް އުފެއްދުމަކީ ކުށެކެވެ.
ފްރާންސްގެ މިނިސްޓަރުން މިހާރު ވަނީ މި މައްސަލަ ޕްރޮސިކިއުޓަރުންނަށާއި ރެގިއުލޭޓަރުންނަށް ހުށަހަޅާފައެވެ. ފްރާންސްގެ އޮފިޝަލުން ބުނާގޮތުގައި މިއީ އަންހެނުންނަށް އިހާނެތި، ސާފުކޮށް އެނގެން އޮތް ޣައިރު ގާނޫނީ އަމަލެކެވެ. މީގެ އިތުރުން އިންޑިއާގެ އޮފިޝަލުން ވެސް ވަނީ މިފަދަ ބަދުއަޚުލާގީ ކޮންޓެންޓާ ގުޅޭގޮތުން އެކްސްގެ ކިބައިން ޖަވާބަކަށް އެދިފައެވެ.
ޔޫރަޕާއި އޭޝިއާގެ ގިނަ ގައުމުތަކަކުން ގްރޮކްގެ މި އަމަލުތަކާ ގުޅިގެން އެކްސް ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ކުރަމުންދާއިރު، މި މައްސަލައިގައި ކުރިއަށް އޮތް ތަނުގައި ގާނޫނީ ބޮޑެތި ފިޔަވަޅުތަކެއް އެޅުމުގެ ފުރުސަތު އޮތް ކަމަށް ބެލެވެއެވެ.


