މެންޗެސްޓަރ ސިޓީގެ ފަހަތް ފޫގޮސް، ލީގަށް "އަލްވަދާޢު"؟
7 ޖެނުއަރީ 2026 - 04:43

މިދިޔަ ފަސް އަހަރު ތެރެއިން ހަތަރު އަހަރު، އިނގިރޭސި ޕްރެމިއަރ ލީގު ކާމިޔާބުކޮށްފައިވާ މެންޗެސްޓަރ ސިޓީގެ ޑިފެންސް ލައިން ފޫގޮސް، މިއަހަރުވެސް ލީގު ގެއްލުމުގެ ބިރު ބޮޑުވެއްޖެއެވެ.
ލީގުގައި ސިޓީ އެންމެ ފަހުން ކުޅުނު މެޗުގައި ވަނީ މެނޭޖަރެއް ނެތި ކުޅުނު ޗެލްސީ އަތުން ލަދުވެތި ގޮތަކަށް ދެ ޕޮއިންޓު ގެއްލުމުގެ އިތުރުން، އެ ޓީމުގެ މުހިންމު ދެ ޑިފެންޑަރުން ކަމަށްވާ ކްރޮއޭޝިއާގެ ޔޮސްކޯ ގްވާޑިއޯލްއާއި ޕޯޗުގަލްގެ ރޫބެން ޑިއާސް އަށް ވަނީ ކުޅުމާދުރަށް ދާންޖެހިފައެވެ.

Ad by Hajj Corporation
އެ މެޗުގައި ގްވާޑިއޯލްގެ ތަނބިކަށި ބިންދައިގެން ދިއުމުން އޭނާ ދަނޑުން ބާލާފައިވަނީ ބައެއް ކުޅުންތެރިންގެ އިތުރުން މެޑިކަލް ސްޓާފުންގެވެސް އެހީތެރިކަމާ އެކުއެވެ. އޭނާ އަލުން ކުޅެން ނުކުންނަން ހަ ވަރަކަށް ހަފްތާ ނަގާނެކަމަށް ބެލެވެއެވެ. މި މެޗުގައި ދެން އަނިޔާވި ރޫބެން ޑިއާސް ވެސް އަނބުރާ ކުޅުމަށް ނުކުންނަން މަހެއްވަރު ނަގާނެ ކަމަށް ބެލެވެއެވެ.
ފާހަގަކުރަން ޖެހޭ ގޮތުގައި މި ދެ ކުޅުންތެރިންގެ އިތުރުން ސިޓީގެ އިނގިރޭސި ޑިފެންޑަރު، ޖޯން ސްޓޯންސްވެސް މިވަގުތު ހުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައެވެ.
މި ކުޅުންތެރިން ނެތުމަކީ ޓީމަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ނަމަވެސް ސިޓީން މިކަމާ ކުރިމަތިލުން ނޫން ގޮތެއް ނެތްކަން، ކޯޗު ޕެޕް ގާޑިއޯލާ ވެސް ފާހަގަކުރިއެވެ.
މުހިންމު ގިނަ ޑިފެންޑަރުންތަކެއް ނެތުމުން އެކަން ފޫބެއްދުމަށް މި ޓްރާންސްފަރ މާކެޓުގައި ކުޅުންތެރިއަކު ގަތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ގާޑިއޯލާ މިކަމަށް ސީދާ ޖަވާބެއް ދީފައެއް ނުވެއެވެ. ގާޑިއޯލާ ބުނެފައިވަނީ ޖެނުއަރީ މާކެޓުގައި ކުޅުންތެރިއެއް ލިބޭނެކަމަށް އުންމީދުކުރާ ނަމަވެސް އޭގެ މާނައަކީ ހަތަރު ފަސް ކުޅުންތެރިން ގެންނާނެ ވާހަކައެއް ނޫންކަމަށެވެ.
ޖެނުއަރީ މާކެެޓުގައި ސިޓީއަށް ގެންނާނެކަމަށް އެންމެ ބޮޑަށް ލަފާކުރެވެނީ ކްރިސްޓަލް ޕެލަސްގެ އިނގިރޭސި ޑިފެންޑަރު، މާކް ގޭއީ ކަމަށް ރިޕޯޓުތައް ބުނެއެވެ. ގޭއީ ގެ އިތުރުން، ޓީމުގެ އެޓޭކު ވަރުގަދަ ކުރުމަށްޓަކައި ސިޓީން އަންނަނީ ބޯންމަތުގެ ޒުވާން ވިންގަރ، އެންޓޮއިން ސެމެންޔޯ ގެނައުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އޭނާ ވަނީ، ސިޓީ ނޫން ކްލަބަކަށް ދާްން ބޭނުން ނުވާކަން ހާމަކޮށްފައެވެ.
މާލިމީއެއް ނެތި އޮޔާ ގޮސްގޮސް އޮތް ޗެލްސީ އަތުން ގެއްލުނު ދެ ޕޮއިންޓާއެކު ސިޓީ މިވަގުތު އޮތީ 42 ޕޮއިންޓާއެކު ލީގުގެ ދެވަނައިގައެވެ. ލީގުގެ އެއްވަނައިގައި ހަ ޕޮއިންޓުގެ ފަރަގަކާއެކު ހަމަޖެހިލައިގެން އޮތީ "ސެޓްޕީސް އެފްސީ"؛ އާސަނަލް އެވެ. ބާކީ އޮތް 18 މެޗުގައި ސިޓީން ކުޅުން ރަނގަޅުކޮށް، ފަރަގު ކުޑަނުކޮށްފި ނަމަ 22 އަހަރަށް ފަހު، ސެޓްޕީސް އެފްސީއަށް މިއަހަރު ލީގު ކާމިޔާބުކުރެވުން ގާތެވެ.


