ވައުދުތައް ފުއްދުމަށް، ޕީއެންސީ ކެނޑިޑޭޓުން ހޮއްވަވައިދެއްވުމަށް ރައީސް އިލްމާސް ކުރަށްވައިފި
8 ޖެނުއަރީ 2026 - 17:15

ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމުގައި ރަށު ފެންވަރާއި ސިޓީ ފެންވަރުގައި ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނެ ބޭފުޅުން އިންތިޚާބުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް އިލްތިމާސްކުރައްވައިފި އެވެ.
ޕީއެންސީގެ އައު އޮފީސް ހުޅުވުމަށް ހުކުރު ދުވަހުގެ ރޭ ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކިފާނު ވިދާޅުވީ، މި ސަރުކާރުން ކުރިއަށް ގެންދާ ރައްޔިތުންނަށް ފައިދާ ހުރި ގިނަ މަޝްރޫޢުތަކެއް އެބަ ހުރިކަމަށާއި މިހާރުވެސް އެކި ކަންކޮޅުތަކުގައި އެކި ދާއިރާތަކުން ބާރު ސްޕީޑުގައި މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.

Ad by Hajj Corporation
އެހެން ކަމުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ހުރިހާ ވައުދުތަކެއް ފުއްދުމުގައި ލޯކަލް ލެވެލްގައި އެއްބާރުލުން ދެއްވާނެ ބޭފުޅުން ހޮވައިދެއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
އެމަނިކުފާނަށް އެންމެ ފުރިހަމައަށް އިތުބާރު އޮތީ ޕީއެންސީގެ ފަރާތުން ކުރިމަތިލާ ކެންޑިޑޭޓުންނަށް ކަމަށްވާތީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެ ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ރައީސް އިލްތިމާސް ކުރެއްވި އެވެ. އަދި މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާ ކަންކަން ތަރުތީބު ކުރެވިފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ރަށު ފެންވަރުގައާއި ސިޓީ ފެންވަރުގައި ދޭންޖެހޭ އެއްބާރުލުން ހިތާ ރޫހުން ދޭނެ ކެންޑިޑޭޓުން ރައްޔިތުން ހޮއްވަވައިދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އަޅުގަނޑު ވީ ކޮންމެ ވަޢުދެއް ލިޔެވިފައި އެވަނީ. އެ ވަޢުދުތައް ފުއްދުމަށްޓަކައި މި ނިމިގެންދިޔަ ދެ އަހަރު އެވަނީ ގިނަ މަސައްކަތްތަކެއް ކުރެވި، ވަރަށްގިނަ ވަޢުދުތަކެއް ފުއްދި، ފުއްދުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ފެށި، އަދި ދެން ހުރި ގިނަ ކަންތައްތަކެއް މި އަހަރު ކުރުމަށް ތަރުތީބުކުރެވިފައި. އެ ހުރިހާ މަޝްރޫޢުތަކެއް ވެސް އެންމެ ރަނގަޅު ގޮތގައި ކުރިއަށް ގެންގޮސް ނިންމާލެވެން އޮތީ ސަރުކާރުގެ ކެނޑޭޓުން ހޮވައިގެން އެ ބޭފުންގެ ތާއީދު ފުރިހަމަ އަށް ލިބިގެން." ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވަނީ ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ފަރާތުން ވެސް މިކަމުގައި ފުރިހަމަ މަސައްކަތްތަކެއް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މިހާރުވެސް ވަރަށް ސީރިއަސް މުހިންމު މަސައްކަތްތަކެއް ފެށިފައިވާ ކަމަށާއި އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ އިންތިޚާބެއްކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.


