ޖެނުއަރީ 15އިން ފެށިގެން އަމިއްލަ ތަންތަނުން ހައްދާ އައިނަށް އާސަންދަ ލިބޭނެ!
9 ޖެނުއަރީ 2026 - 05:54

ރާއްޖޭގެ ކްލިނިކްތަކާއި އައިނު ފިހާރަތަކުން ހައްދާ އައިނުތަކަށް އާސަންދަ ލިބޭގޮތަށް ހަމަޖެއްސުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން މިމަހުގެ 15 އިން ފެށިގެން މި ޚިދުމަތް ލިބޭނެ ކަމަށް ނޭޝަނަލް ޝޯސަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއިން ބުނެފިއެވެ.
ލޮލުގެ ފަރުވާއާއި އައިނު ހެއްދުން ފަދަ ރައްޔިތުންނަށް ބޭނުންވާ އަސާސީ މިފަދަ ޚިދުމަތްތައް ފަސޭހަކަމާއެކު ހޯދުމުގެ ފުރުޞަތު ފަހިކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލުކޮށް ހިލޭ އައިނުގެ ޙިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހު އައިޖީއެމްއެޗްގައި އައިނު ފިހާރައެއް ހުޅުވާފައެވެ. ފިހާރަ ހުޅުވިފަހުން ގިނަ ބަޔަކު ދަނީ ޙިދުމަތް ހޯދަމުންނެއެވެ. މާލޭގެ އިތުރުން ހުޅުމާލޭގައިވެސް ސަރުކާރުން މިހާރުވަނީ އައިނު ފިހާރައެއް ހުޅުވާފައެވެ.
މީގެއިތުރުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ހިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ރައްޔިތުން ވަނީ ބޭސްފަރުވާގެ ނިޒާމާއި ގުޅޭގޮތުން ގިނަ ވާހަކަތަކެއް ރައީސްއަށް ހިއްސާކުޮށްފައެވެ. މީގެ ތެރޭގައި ބައެއް ތަންތަނުން އާސަންދަ ނުލިބުމުގެ ޝަކުވާ ހިމެނެއެވެ.
ނޭޝަނަލް ޝޯސަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއިން ބުނީ ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި އެކި ފޯރަމްތަކުގައި ލިބިވަޑައިގެން ހިޔާލުތަކާއި އަދި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދާދެއްވުމުގެ ގޮތުން އިޖްތިމާއި ސިއްހީ އިންޝިއުރަންސްގެ ޤައުމީ ނިޒާމް "އާސަންދަ ސްކީމް" ގެ ދަށުން ފޯރުކޮށްދެވޭ ހިދުމަތްތަކާ ގުޅުންހުރި ކަންކަމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ދަނީ ކުރައްވަމުންނެވެ.
މީގެތެރެއިން ޕްރިސްކްރިޕްޝަން ގްލާސަސް (އައިނު) ހެއްދުމުގެ ޚިދުމަތް ރައްޔިތުންނަށް ލުއިފަސޭހަވާނެ ފަދަ ގޮތަކަށް ހަމަޖެއްސުމުގެ ގޮތުން މި ޚިދުމަތް އިތުރަށް ފުޅާކޮށް ކްލިނިކްތަކުގައި އަދި އައިނު ފިހާރަތަކުގައި ރަޖިސްޓްރީވެފައިވާ އޮޕްޓޮމެޓްރިސްޓުން ޕްރިސްކްރައިބްކުރާ އައިނުތަކަށް އާސަންދައިގެ ދަށުން ކަވަރޭޖް ލިބޭނެ ގޮތް ހަމަޖެއްސުމަށް ނިންމާފައިވާކަމަށް އެންސްޕާއިން ބުންޏެވެ.
އެންސްޕާއިން ބުނީ މިކަން ތަންފީޒުކުރުމަށްޓަކައި ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން އުސޫލުތައް އެކުލަވާލާ އާންމުކޮށް މިމަހުގެ 15އިން ފެށިގެން އެފަދަ ތަންތަނުން އާސަންދައިގެ ހިދުމަތް ދިނުމުގެ މަސައްކަތް ކުރުމަށް ފެށޭނެކަމަށެވެ.
އާސަންދަ ސްކީމްގެ ދަށުން އައިނު ހައްދަން ދޭ އެހީވެސް މި ސަރުކާރުން ވަނީ ބޮޑުކޮށްފައެވެ. އެގޮތުން ހެލްތު އިންޝުއަރެންސްގެ ތެރެއިން ރައްޔިތުންނަށް އައިނު ހެއްދުމަށް މީގެ ކުރިން ދެމުން ދިޔައީ ކޮންމެ ދެއަހަރުން އެއް އަހަރު 1000 ރުފިޔާގެ އެހީތެރި ކަމެކެވެ. އެހެންނަމަވެސް މިއަހަރުގެ ޖޫން މަހުން ފެށިގެން އައިނު ހައްދަން ދޭ އެހީ 2000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.

Ad by Hajj Corporation


