ފެލިވަރު ކޯލްޑް ސްޓޯރޭޖް މިއަހަރުގެ މެދުތެރޭގައި ބޭނުންކުރަން ފަށަނީ
9 ޖެނުއަރީ 2026 - 13:21

މިފްކޯގެ މައި ޕްރޮޑަކްޝަން ހަބު ކަމުގައިވާ ޅ.ފެލިވަރުގެ އެކްސްޕެންޝަން ޕްރޮޖެކްޓުގެ ދަށުން ތަރައްޤީކުރާ ކޯލްޑް ސްޓޯރޭޖް މިއަހަރުގެ މެދުތެރޭ ނިމި ބޭނުންކުރަން ފެށުމަށް ހަމަޖެހިއްޖެއެވެ.
ކޯލްޑް ސްޓޯރޭޖްގެ މަސައްކަތަކީ ފެލިވަރު އެކްސްޕެންޝަން ޕްރޮޖެކްޓުގެ ސްކޯޕުގެ ތެރޭގައި ހިމަނައިގެން ކުރިއަށްގެންދާ މަސައްކަތަކެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ކުންފުންޏަކާއެވެ. މި މަޝްރޫއުގެ ސަބަބުން އުތުރުގެ މަސްވެރިންނަށް ފަސޭހަކަމާއެކު ސީދާ ފެލިވަރަށް މަސް ކިރޭނެއެވެ.

Ad by Hajj Corporation
ކޯލްޑް ސްޓޯރޭޖާއިއެކު، 200 ޓަނުގެ ބްރައިން ފްރީޒިންއާއި 80 ޓަނުގެ އާރު.އެސް.ޑަބްލިއު ސިސްޓަމެއް ގާއިމުކުރެވޭނެ ކަމަށް މިފްކޯއިން ވިދާޅުވެއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ފެލިވަރަށް ދުވާލެއްގެ މައްޗަށް 280 ޓަނުގެ މަސް އިތުރަށް ކިރޭނެކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
ފެލިވަރުގައި ކޯލްޑް ސްޓޯރޭޖް ގާއިމްކުރުމުގެ ސަބަބުން އުތުރުގެ މަސްވެރިން ކޫއްޑޫއަށް މަސްކިރަން ދިއުމަށް ކުރާ ދިގު ދަތުރުތައް ނިމުމަކަށް އަންނާނެކަމަށް މިފްކޯއިން ބުނެއެވެ. އަދި އުތުރުގެ މަސްވެރިން ތެލަށްކުރާ ޚަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެކަންވެސް އެކުންފުނިން ފާހަގަކުރެއެވެ.
ސަރުކާރުން 22 މިލިޔަން ޑޮލަރު ޚަރަދުކުރުމަށް ނިންމާފައިވާ ފެލިވަރުގެ ކޯލްޑް ސްޓޯރޭޖް ޕްރޮޖެކްޓަކީ އެސައިޓުގެ އެކްސްޕެންޝަން ޕްރޮޖެކްޓުގެ ތެރޭގައި ހިމެނޭ މަސައްކަތެކެވެ. މި ޕްރޮޖެކްޓަކީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު އިންޑިއާގެ ކުންފުންޏެއް ކަމުގައިވާ ރައިނެކް އިންޑިއާ ލިމިޓެޑާއި ހަވާލުކުރި މަޝްރޫއެކެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ.


