ގްރީން ޓެކުހުގެ ގޮތުގައި މިދިޔަ އަހަރު 2.2 ބިލިއަން ރުފިޔާ!
10 ޖެނުއަރީ 2026 - 06:59

ގްރީން ޓެކުހުގެ ގޮތުގައި މިދިޔަ އަހަރު 2.2 ބިލިއަން ރުފިޔާ ދައުލަތަށް ލިބިއްޖެއެވެ.
މިއާއެކު މިދިޔަ އަހަރު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތައް ލިބުނު ޢާމްދަނީ މިވަނީ 108 އިންސައްތަ އިތުރުވެފައެވެ.

Ad by Hajj Corporation
ގްރީން ޓެކުހަކީ، ތިމާވެށްޓާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކުހެކެވެ. ރިސޯޓުތަކާއި، ގެސްޓްހައުސްއާއި، ސިޓީ ހޮޓާތަކާއި، ސަފާރީތަކަށް އަންނަ ފަތުރުވެރިންވެސް މި ޓެކްސް ދައްކަން ޖެހެއެވެ.
މަރުކަޒީ ބޭންކު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ - މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2025 ވަނަ އަހަރު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތައް ވަނީ، ދެ ބިލިއަން، ދެސަތޭކަ ފަންސާސް އެއްމިލިއަން، ހަތަރު ލައްކަ ފަންސާސް ދެހާސް، ހަތަރު ރުފިޔާ ލިބިފައެވެ. 2024 ވަނަ އަހަރު ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ، އެއް ބިލިއަން އަށްޑިހަ މިލިއަން ހަތްލައްކަ ބާރަހާސް ތިން ސަތޭކަ ނުވަ ރުފިޔާއެވެ. އެހެންކަމުން މިއީ 108 އިތުރު އަދަދެކެވެ.
1 ޖަނަވަރީ 2025 އިން ފެށިގެން ގްރީން ޓެކްސް ނަގަމުންދާ ރޭޓުތަކަށް ސަރުކާރުން ވަނީ ބަދަލު ގެންނަވާފައެވެ. ގްރީން ޓެކްސް ނަގަމުންދާ ފަރާތްތަކުގެ ޓެކްސް ރޭޓު 6 ޑޮލަރުން 12 އެމެރިކާ ޑޮލަރަށް ވަނީ މަތިކޮށްފައެވެ. އަދި 3 ޑޮލަރުން ގްރީން ޓެކްސް ނަގަމުންދާ ފަރާތްތަކުގެ ޓެކްސް ރޭޓު 6 އެމެރިކާ ޑޮލަރަށް ވަނީ އިތުރުކޮށްފައެވެ. އުމުރުން 2 އަހަރު ނުވާ ކުޑަކުދިންގެ އަތުން ގްރީން ޓެކްސް ނެގުން ވަނީ އިސްތިސްނާކޮށްފައެވެ.
2025 ވަނަ އަހަރަށް ލަފާކުރި "ބަޖެޓް ޕޮޒިޝަން ރިޕޯޓް" ގައި ބުނެފައިވަނީ، ޓެކްސް ރޭޓުތަކަށް ގެންނަ ބަދަލާއެކު 2025ވަނަ އަހަރު ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީ 95.2 އިންސައްތަ އިތުރުވާނެ ކަމަށެވެ. މި ބަދަލުތަކާއެކު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަކީ، 963.6 މިލިޔަން ރުފިޔާ ކަމަށް އެއިރު ރިޕޯޓުގައި ވަނީ ބުނެފައެވެ. އަހަރު ނިމުނުއިރު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތައް ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ.
ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ އަނެއް ސަބަބަކީ، 2025 ވަނަ އަހަރު ނިމުނުއިރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އިތުރުވުމެވެ. 2025 ވަނަ އަހަރަކީ، މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތް ކުރި އަހަރެވެ. އަހަރު ނިމުނުއިރު ރާއްޖެއަށް 2.2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.


