ގްރީން ޓެކްސް އާމްދަނީ ބިލިޔަނަކަށް: ތިމާވެށީގެ މަޝްރޫއުތަކަށް ބޮޑު ކުރިއެރުމެއް
13 ޖޫން 2026 - 03:31

މާލެ، ދިވެހިރާއްޖެ: ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ފަތުރުވެރިންގެ އަތުން ނަގަމުންދާ ގްރީން ޓެކުހުގެ އާމްދަނީ، މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި އެއް ބިލިޔަން ރުފިޔާއަށްވުރެ މައްޗަށް އަރައިފިއެވެ.
މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން މޭ މަހުގެ ނިޔަލަށް ދައުލަތަށް ވަނީ ގްރީން ޓެކުހުގެ ގޮތުގައި 1.05 ބިލިޔަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 959 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 10 އިންސައްތައިގެ ކުރިއެރުމެކެވެ.

Ad by Hajj Corporation
މި އާމްދަނީ އިތުރުވެފައިވީ ނަމަވެސް، ފަހަކަށް އައިސް މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. މި ބަދަލުގެ އަސަރު މޭ މަހުގެ އާމްދަނީން ވަނީ ފެނިފައެވެ. އެގޮތުން މިދިޔަ އަހަރުގެ މޭ މަހު ލިބުނު 204 މިލިޔަން ރުފިޔާއާ އަޅާބަލާއިރު، މިއަހަރުގެ މޭ މަހު ލިބިފައިވަނީ 138 މިލިޔަން ރުފިޔާއެވެ. މިއީ ގާތްގަނޑަކަށް 32 އިންސައްތައިގެ ދަށްވުމެކެވެ.
ގްރީން ޓެކްސް ނަގާ އުސޫލާއި ބޭނުންކުރާ ގޮތް:
2016 ވަނަ އަހަރުން ފެށިގެން ނަގަމުން އަންނަ މި ޓެކުހަކީ ރިސޯޓުތަކާއި ސަފާރީތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ދުވާލަކަށް 12 ޑޮލަރު، އަދި ގެސްޓްހައުސްތަކުން ދުވާލަކަށް 6 ޑޮލަރުގެ ރޭޓުން ނަގާ ޓެކުހެކެވެ. ދެ އަހަރުން ދަށުގެ ކުދިން މި ޓެކުހުން އިސްތިސްނާވެއެވެ.
މިއަހަރުގެ މަސްތަކުން ލިބުނު އާމްދަނީ:
- މާރިޗު: 312.3 މިލިޔަން ރުފިޔާ (އެންމެ ގިނައިން އާމްދަނީ ލިބުނު މަސް)
- ޖަނަވަރީ: 221.7 މިލިޔަން ރުފިޔާ
- ފެބުރުވަރީ: 200.3 މިލިޔަން ރުފިޔާ
- އޭޕްރީލް: 185.2 މިލިޔަން ރުފިޔާ
- މޭ: 138.6 މިލިޔަން ރުފިޔާ
ސަރުކާރުން މި ފައިސާ މައިގަނޑު ގޮތެއްގައި ޚަރަދުކުރަނީ ރަށްރަށުގެ އަސާސީ ޚިދުމަތްތައް ކަމަށްވާ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށާއި، ރަށްގިރުމުން ސަލާމަތްވުމަށް ހިންގާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކަށެވެ. މީގެ އިތުރުން ކުނި މޭނޭޖްކުރުމަށް ހިންގާ 'ކްލީން އެންވަޔަރަމަންޓް' ފަދަ ތިމާވެށީގެ އެކި މަސައްކަތްތަކަށްވެސް މި ފައިސާ ބޭނުންކުރެވެއެވެ.


