ރައީސް މުޢިއްޒުގެ މޭޔަރުކަމުގައި އެއްވެސް ބިމެއް ވިއްކާފައެއްނުވޭ: ޑެޕިއުޓީ މޭޔަރު
11 ޖެނުއަރީ 2026 - 08:47

މާލެ ސިޓީގެ މޭޔަރުކަމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުންނެވި 2 އަހަރާއި 6 މަހެއްހައި ދުވަހުގެ ތެރޭގައި، މާލެ ސިޓީގެ އެއްވެސް ބިމެއް ބަޔަކަށް ވިއްކަވާފައިނުވާ ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު އަރީޝް ވިދާޅުވެއްޖެއެވެ.
އަރީޝް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުޢިއްޒުގެ މޭޔަރުކަމުގައި ނުގަވާއިދުން ކުއްޔަށްދެއްވި އެއްވެސް ބިމެއްވެސް ނެތް ކަމަށެވެ.

Ad by Hajj Corporation
ޑެޕިއުޓީ މޭަޔަރު ވިދާޅުވީ، އެމަނިކުފާނުގެ މޭޔަރުކަމުގެ މުއްދަތަކީ މާލެ ސިޓީގެ މުނިސިޕަލް ޚިދުމަތްތައް ރަނގަޅުކޮށް، ސިޓީ ފެހިކޮށް، ސާފުތާހިރުކޮށް، ދީނީ އިޖްތިމާޢީ ރޫޙު ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އާލާކޮށް، ރައްޔިތުންނާ ސީދާ ބައްދަލުކުރެއްވުން ގިނަ ކުރައްވައި، ކޮންމެ ހަފުތާއަކު ގޭގެއަށް ޒިޔާރަތް ކުރައްވާ ހާލުއަހުވާލު ބައްލަވާ، ސީދާ ރައްޔިތުން އެދޭގޮތަށް މާލެ ސިޓީގެ ކަންކަން މިސްރާބު ކުރެއްވި ދުވަސްތަކެއް ކަމުގައެވެ.
އަރީޝް ވިދާޅުވި ގޮތުގައި، މި ހަގީގަތްތައް ހަޖަމު ނުކުރެވިގެން، އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތައް މާލޭގެ މޭޔަރުކަމުގެ ކެމްޕޭނުގައި ދައްކާ، މާލެ ސިޓީ ކައުންސިލުގެ މޭޔަރަކަށް އައުމަށްފަހު ކުރާނެ ކަމަކީ، ކޯޓުތަކަށް އަބަދު ދުވެ، ދައުވާތައްކޮށް، އަނެކުންނަށް ބިރުދައްކާ، "ގޭންގެއްގެ ގޮތުގައި" މާލެ ސިޓީ ހިންގުންކަމަށް ސިފަވާ ގޮތަށް ވާހަކަތައް ދެއްކުމަކީ ދަށުދަރަޖައިގެ އެއްވެސް އަމާޒެއްނެތް ކެންޕޭނެކެވެ.
ލޯކަލް ކައުންސިލްތަކަކީ އޮންނަ ސަރުކާރަކަށް ޖެއްސުންކޮށް ޖަދަލުކުރާން ޤާނޫނީ ގޮތުން އުފައްދާ އިދާރާތަކެއް ނޫން ކަމަށާއި އެއީ ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ބޭނުންވާ މުނިސިޕަލް ޚިދުމަތްތަކާއި ރަށްވެހި ތަރައްޤީ ގެނައުމުގެ މަސައްކަތް ކުރާ ތަނެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޑެޕިއުޓީ މޭަޔަރު ވިދާޅުވީ، މާލެ ސިޓީއަކީ ވަކި ޕާޓީއެއްގެ ސިޔާސީ ގޮތްޕަކަށް ހަދައިގެން ރެޔާދުވާލު މުޒާހަރާކޮށް ކޯޓުތައް ހައިޖެކް ކުރާ ތަނެއްގޮތަށް ހަދާނެކަމަށް ބުނެ ކުރާ ކެންޕޭނަކުން ރައްޔިތުންގެ ވޯޓު އިތުރެއް ނުވާނެ ކަމުގައެވެ. އަދި ރައްޔިތުންނަކަށް އެކަމުން ލިބޭނެ ފަސޭހައެއްވެސް ނޯންނާނެ ކަމަށާއި މާލެ ސިޓީގެ މޭޔަރުކަން ރައްޔިތުންގެ ވޯޓުން ކާމިޔާބުކުރަން އެދޭނަމަ ދައްކަންވީ، މާލެ ސިޓީގެ މުނިސިޕަލް ޚިދުމަތްތަކަށް ގެންނާނެ ހެޔޮ ބަދަލުގެ ވާހަކަ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން އަރީޝް ވިދާޅުވި ގޮތުގައި ބޯހިޔާވަހިކަމާއި ދިރިއުޅުމުގެ ފަސޭހަތަކަށް ކުރާ ޕްލޭންތަކުގެ ވާހަކައާއި ރައްޔިތުންނާ ގާތުން، ޚިޔާލާއި މަޝްވަރާ ހޯދައިގެން ސިޓީގެ ކަންކަން ހިންގަން ރާވާ ގޮތުގެ ވާހަކަ ދެއްކުމަކީ ކުރަންވީ ކަމެވެ.
މިވާހަކަތައް ރަނގަޅަށް ދެއްކޭނީ، ރައީސް މުޢިއްޒު މޭޔަރުކަން ކުރެއްވި ހީވާގި، ދުރުވިސްނޭ، އަދި މަޝްވަރާގެ އުޞޫލު ދަސްކޮށްގެން ކަމަށާއި އެމަނިކުފާނުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމު އަޅުވަން އެއްވެސް ހެއްކެއް ހަގީގަތެއް ނެތް ޚިޔާލީ ހަރުކަށި އިންޒާރުތައް ދިނުމަކީ، މި ސިޓީގެ މޭޔަރުކަމަށް ކުފޫ ހަމަވާ ޒާތުގެ އަމަލެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.


