އިނގިރޭސިވިލާތުން ރާއްޖޭގެ ކަނޑު މަހުން ނަގާ ޓެރިފް ކަނޑާލުމުގެ ކާމިޔާބީ ހޯދައިދިން ރައީސް
29 މޭ 2026 - 14:11

ދިވެހިރާއްޖޭގެ އިގްތިސާދުގެ މައިބަދައިގެ މުހިންމު އެއް ސިނާއަތަކީ މަސްވެރިކަމެވެ. ދިވެހި މަސްވެރިން ބާނާ ކަނޑުމަހަށް ބައިނަލްއަގުވާމީ ބާޒާރުގައި ހަމަ އަގު ހޯދައިދިނުމަކީ ދިވެހި ކޮންމެ ސަރުކާރަކުންވެސް އެންމެ އިސްކަމެއް ދޭންޖެހޭ އެއް ކަންތަކެވެ.
ރާއްޖެއިން ޔޫރަޕަށް ފޮނުވާ މަހުގެ ޑިއުޓީގެ ގޮތުގައި 20 ޕަސެންޓް ނަގަމުންދާތީ މަހުގެ އަގު ދަށްވުމުގެ ޝަކުވާ ދިވެހި މަސްވެރިން ކުރަމުންދާތާ އެތައް ދުވަހެއް ވެފައިވަނިކޮށް ވޭތުވި ސަރުކާރުތަކަށް ނުހޯދުނު ކާމިޔާބީ ހޯދައިދީ މަސްވެރިންނާއި މަސްވެރިކަމުގެ ސިނާޢަތް ހެއްވާލަދިނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުންކަމީ ފެންނަން އޮތް ދިރިހުރި ޙަޤީޤަތެކެވެ.

Ad by Hajj Corporation
އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ ދިވެހި ކަނޑުމަހުގެ އުފެއްދުންތަކުން ނަގަމުންދިޔަ 20 އިންސައްތައިގެ ޓެރިފް ނުވަތަ އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް 20 މެއި 2026 ގައި އިނގިރޭސި ސަރުކާރުން ނިންމި ނިންމުމަކީ ދިވެހި މަސްވެރިކަމުގެ ތާރީޚުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މި ކާމިޔާބީ ލާމެހިފައި ވަނީ ރައީސް މުޢިއްޒު ސަރުކާރުގެ ހަރުދަނާ ޚާރިޖީ ސިޔާސަތާއެވެ.
ގިނަ ދުވަސްވީ އިންތިޒާރަކަށް ނިމުމެއް
ރާއްޖެއިން ޔޫރަޕްގެ ބާޒާރުތަކަށް، ހާއްސަކޮށް އިނގިރޭސިވިލާތަށް ފޮނުވާ މަހުން ބޮޑު ޑިއުޓީއެއް ނަގަމުންދާތީ، އޭގެ ނޭދެވޭ އަސަރު ދިވެހި މަސްވެރިންނަށް ކުރަމުންދާތާ އެތައް އަހަރެއް ވެއްޖެއެވެ. މި ޑިއުޓީގެ ސަބަބުން ދިވެހި މަސްވެރިން ބާނާ މަހަށް ލިބޭ އާމްދަނީ ދަށްވެ، ބައިނަލްއަގުވާމީ ބާޒާރުގައި ވާދަކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. އެކި ސަރުކާރުތަކުން މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރި ނަމަވެސް، އަމަލީ ސިފައެއްގައި މިކަމަށް ހައްލެއް ލިބިފައި ނުވަނީ ރާއްޖެއަކީ ތަރައްގީވަމުން އަންނަ ގައުމަކަށް ވުމުން ހުންނަ ބައިނަލްއަގުވާމީ ވިޔަފާރީގެ އުސޫލުތަކުގެ ސަބަބުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ޑޭވިޑް ލެމީއާ ބައްދަލުކުރައްވަނީ
ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ ހިކުމަތްތެރި މަސައްކަތް
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ވަނީ ހާއްސަ އިސްކަމެއް ދީފައެވެ. މިގޮތުން، ފޮރިން މިނިސްޓަރާއި ފިޝަރީޒް މިނިސްޓަރުގެ ފެންވަރުގައި އިނގިރޭސިވިލާތާއެކު މެދުކެނޑުމެއްނެތި މަޝްވަރާތައް ކުރިއަށް ގެންދެވުނެވެ. ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުތަކުގައި އިނގިރޭސި ރަސްގެފާނާއި، އެ ގައުމުގެ އިސް މަސްއޫލުވެރިންނާ ބައްދަލުކުރައްވައި، ދިވެހި މަސްވެރިންގެ ކަންބޮޑުވުންތައް ވަނީ ހިއްސާކުރައްވާފައެވެ.

ރައީސް މުއިއްޒު 2025 ވަނަ އަހަރުގެ ޖުލައި މަހު އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ރަސްގެފާނު ޗާލްސްއާ ޝާހީ ގަނޑުވަރު ވިންޑްސޯ ކާސަލްގައި ބައްދަލުކުރައްވަނީ.---ފޮޓޯ: އިނގިރޭސި ޝާހީ އާއިލާ
ދެމެހެއްޓެނިވި މަސްވެރިކަމުގެ ނަމޫނާ
އިނގިރޭސިވިލާތުން މި ލުއި ދިނުމަށް ނިންމި އެންމެ ބޮޑު އެއް ސަބަބަކީ ދިވެހިރާއްޖެއިން ކުރާ ތިމާވެއްޓާ ރައްޓެހި 'ޕޯލް އެންޑް ލައިން' ނުވަތަ ދޮށީގެ މަސްވެރިކަމެވެ. ރާއްޖެއަކީ ސައްތައަކުން ސައްތަ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރާ ގައުމަކަށް ވާތީ، އިނގިރޭސި ކޮންސިއުމަރުންނަށް ފެންވަރު ރަނގަޅު، ތިމާވެއްޓަށް ގެއްލުން ކުޑަ އުފެއްދުންތައް ފޯރުކޮށްދިނުމަށް އެ ގައުމުން ބޭނުންވެއެވެ. މިކަމުގެ ސަބަބުން 2028 ވަނަ އަހަރާ ހަމައަށް ޑިއުޓީ ސަސްޕެންޑް ކުރުމަށް ނިންމި ނިންމުމަކީ ދިވެހި މަސްވެރިންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް ވެސް ލިބުނު ބޮޑު ކާމިޔާބީއެއް
އިނގިރޭސިވިލާތުން ރާއްޖޭގެ މަހުގެ ޑިއުޓީ ކަނޑާލުމަކީ ދިވެހި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ކާމިޔާބީއެކެވެ. މީގެ ސަބަބުން މަސްވެރިން ބާނާ މަހަށް ރަނގަޅު އަގު ލިބި، މަސްވެރިކަމުގެ ސިނާއަތަށް އާ ދިރުމެއް ލިބިގެންދާނެއެވެ. މިއީ ދިވެހި މަސްވެރިންގެ ލޭނާރާ ގުޅިފައިވާ، ގައުމުގެ އިގްތިސާދު ހަރުދަނާ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.


