އެމްބައްޕޭ އިންޖެކްޝަން ޖަހައިގެންވެސް ރެއާލްއަށް ސަލާމަތެއް ނުވެވުނު، ފްލިކް ގެ 4 ވަނަ ތަށި ބާސާއަށް ކާމިޔާބުކޮށްދީފި
12 ޖެނުއަރީ 2026 - 03:45

ސައުދީ އަރަބިއްޔާގައި ކުޅުނު ސުޕަކޮޕާ ޑި އެސްޕަނާގެ ފައިނަލްގައި ވާދަވެރި ރެއާލް މެޑްރިޑް 3-2 އިން ބަލިކޮށް، ބާސެލޯނާއިން 16 ވަނަ ފަހަރަށް މި މުބާރާތުގެ ތަށި އުފުލާލައިފިއެވެ. މި ފޯރިގަދަ މެޗުގައި ބާސެލޯނާއަށް ކާމިޔާބީ ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ދެ ލަނޑު ކާމިޔާބުކުރި ބްރެޒިލްގެ ތަރި ރަފީނިއާއެވެ.
މެޗުގެ ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި ރަފީނިއާ ވަނީ ބާސެލޯނާއަށް ލީޑު ނަގައިދީފައެވެ. ނަމަވެސް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ދެ ޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައެވެ. ރެއާލްގެ ވިނީޝިއަސް ޖޫނިއާ ހިތްގައިމު ސޯލޯ ރަންއަކަށްފަހު ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރި ނަމަވެސް، އޭގެ ކުޑަވަގުތުކޮޅެއް ފަހުން ރޮބަޓް ލެވަންޑޯސްކީ ވަނީ އަލުން ބާސެލޯނާއަށް ލީޑު ހޯދައިދީފައެވެ. އެހެންނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ގޮންޒާލޯ ގާސިއާ ވަނީ ރެއާލްއަށް އަނެއްކާވެސް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

Ad by Hajj Corporation
މެޗުގެ ނަތީޖާ ބާސެލޯނާ ކޮޅަށް އަނބުރާލީ 73 ވަނަ މިނެޓުގައި ރަފީނިއާ ކާމިޔާބުކުރި ލަނޑުންނެވެ. އޭނާ ފޮނުވާލި ހަމަލާ ރެއާލްގެ ރައުލް އަސެންސިއޯގެ ގައިގައި ޖެހިފައި ގޯލުގެ ތެރެއަށް ވަނީ ބާސެލޯނާއަށް ތިންވަނަ ފަހަރަށް ލީޑު ހޯދައިދެމުންނެވެ. މެޗުގެ ފަހުކޮޅު ފްރެންކީ ޑި ޔޮންއަށް ދެއްކި ރަތް ކާޑާއެކު ބާސެލޯނާއިން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް، ރެއާލްއިން އުފެއްދި ނުރައްކާތެރި ހަމަލާތައް ބާސެލޯނާގެ ކީޕަރު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
މިމެޗުގައި އަނިޔާގެ ސަބަބުން ބޮޑުބައެއް ބެންޗުގައިހުރި އެމްބާއްޕޭ ވަނީ މެޗުގެ ފަހުކޮޅުގައި އިންޖެކްޝަން ޖަހައިގެން ދަނޑަށް ނިކުމެފައެވެ. ނަމަވެސް އޭރުގައި ވަނީ ވަގުތުފާއިިތުވެފައެވެ.
މިއީ ބާސެލޯނާގެ ތާރީޚުގައި ޖެހިޖެހިގެން ތިން ފައިނަލެއްގައި ރެއާލް މެޑްރިޑް ބަލިކުރި ފުރަތަމަ ފަހަރެވެ. މިބައްޔާއެކު ރެއާލްގެ ކޯޗުކަމުން ޒަބީ ވަކިކޮށްފާނެކަމުގެ ރިޕޯޓްތައް ލިބޭއިރު، ރެއާލް މިވަގުތު އޮތީ 4 ޕޮއިންޓްގެ ތަފާތަކުން ލީގުގެ ތާވަލުގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތީ ބާސެލޯނާއެވެ.


