ފަހުވަގުތުގެ ދެގޯލާއެކު ނިއުއަށް މުހިންމު މޮޅެއް
12 ޖެނުއަރީ 2026 - 03:26
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މެޗުގެ އިތުރު ވަގުތުގައި ޖެހި ލަނޑަތަކުން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ޓީސީ ސްޕޯޓްސް ބަލިކޮށް، ތާވަލުގެ ކުރިއަށް ޖެހިލައިފިއެވެ. ގަލޮޅު ރަސްމީ ބޯޅަދަނޑުގައި ކުޅުނު މި ފޯރިގަދަ މެޗު ނިއު އިން ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
މި މޮޅާއެކު ނިއުރޭޑިއަންޓަށް ވަނީ ކުޅުނު މެޗުތަކުން ޖުމްލަ 27 ޕޮއިންޓް ލިބި، ތާވަލުގެ ތިންވަނަ މަގާމު ކަށަވަރުވެފައެވެ. މެޗަށް ނުކުތްއިރު ތިންވަނައިގައި އޮތް ބުރު ސްޕޯޓްސް ކުލަބު މިހާރު ވަނީ 26 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައަށް ވެއްޓިފައެވެ.

Ad by Hajj Corporation
ލީގު ޕޮއިންޓް ތާވަލު
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށް ނުރައްކާތެރި ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. ނަމަވެސް މެޗުގެ 33 ވަނަ މިނެޓުގައި ނިއުގެ އަލީ ފާސިރު (ސެންޓޭ) އޭރިއާ ތެރެއިން ލައިބީރިއާގެ މިޑްފީލްޑަރު އަބްދުﷲ ބިލިޓީއަށް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ދަނޑިމަތިން ބޭރަށެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޓީސީގެ ގާނާގެ ދެކުޅުންތެރިން އުފެއްދި ނުރައްކާތެރި ހަމަލާއެއް ނިއުގެ ކީޕަރު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
ދެވަނަ ހާފުގައި ނިއު އިން ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފެއްދިއެވެ. އެގޮތުން ނައިޖީރިއާގެ ފޯވާޑް އަލްހާޖީ ގެރޯ ފޮނުވާލި ބޯޅައެއް ޓީސީގެ ކީޕަރު ދިފާއުކުރިއިރު، 85 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ހާޖީ ފޮނުވާލި ބާރު ހަމަލާއެއް ދިޔައީ ގޯލުގެ ދަނޑިކައިރިން ބޭރަށެވެ.
ނިއު އިން މެޗުގެ ލީޑު ނެގީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، ކުޅުނު އިތުރު ވަގުތުގެ ތެރޭގައެވެ. އަލީ އަޝްފާގު (ދަގަނޑޭ) އޭރިއާ ތެރެއަށް ހުރަސްކޮށްދިން ބޯޅައެއް ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނިއުއަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ހާޖީއެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން، ބްރެޒިލްގެ ޑި ސިލްވާ ނެގި ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން ހާޖީ ވަނީ ނިއުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.


