އީރާނާމެދު "ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް" އެޅުމަށް އެބަ ވިސްނަން: ޓްރަމްޕް
12 ޖެނުއަރީ 2026 - 05:47

އީރާނުގައި ކުރިއަށްދާ މުޒާހަރާތަކުގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާތީ، އެ ގައުމުގެ ހާލަތު އެމެރިކާ ސަރުކާރުން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، "ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް" އެޅުމަށް ވިސްނަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާދީއްތަ ދުވަހު ވިދާޅުވެއްޖެއެވެ.
ޓްރަމްޕް މި މޭރުމުން ވާހަކަދެއްކެވީ ފްލޮރިޑާގެ ޕާމް ބީޗުގައި ހުންނަ މާ-އަ-ލާގޯ އެސްޓޭޓުގައި ހަފުތާ ބަންދު ހޭދަކުރެއްވުމަށްފަހު ވޮޝިންޓަން ޑީސީއަށް ވަޑައިގަތުމަށް އެއާ ފޯސް ވަންގައި ދަތުރުކުރައްވަމުން ޓްރަމްޕް ނޫސްވެރިންނާއި ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation
"މިއީ އަނިޔާވެރި ބައެއް — އެމީހުންނަކީ ލީޑަރުން ކަމަށް ބުނާނަމަ — އަހަންނަކަށް ނޭނގެ އެއީ ލީޑަރުން ކަމެއް ނުވަތަ ހަމައެކަނި އަނިޔާވެރިކަމުން ވެރިކަން ކުރާ ބައެއް ކަމެއް. އެކަމަކު، އަހަރެމެން މިދަނީ މިކަމަށް ވަރަށް ސީރިއަސްކޮށް ބަލަމުން.'' ޓްރަމްޕް ވިދާޅުވެފަވެއެވެ.
"ސިފައިން ވެސް ދަނީ މިކަން ބަލަމުން، އަދި އަހަރެމެން މިދަނީ ވަރަށް ވަރުގަދަ ފިޔަވަޅުތަކަކާ މެދު ވިސްނަމުން. އަހަރެމެން ގޮތެއް ނިންމާނަން،" ޓްރަމްޕް އިތުރަށް ވިދާޅުވެފަވެއެވެ.
އީރާނުގެ ފައިސާގެ އަގު ވަރަށް ބޮޑަށް ދަށަށް ގޮސް، އިގްތިސާދީ ހާލަތު ގޯސްވުމާ ގުޅިގެން ޑިސެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން އެ ގައުމުގައި ދަނީ މުޒާހަރާތައް ކުރަމުންނެވެ.
މީގެ އިތުރުން، އީރާނުގެ ހާލަތާ ގުޅޭ ރިޕޯޓުތައް ކޮންމެ ގަޑިއަކު އެއްފަހަރު ލިބެމުންދާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.
އީރާނުގެ ހާލަތު ގޯސްވީ އެމެރިކާ އިސްވެ އެޅި ދިގުދެމިގެންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންނެވެ. އަދި އެ ގައުމުގައި ހިނގާ މުޒާހަރާތަކުގެ ފަހަތުގައި ވެސް ތިބީ އެމެރިކާއާއި އިސްރާއީލްކަމަށް އީރާނުގެ އިސް އޮފިޝަލުން އަންނަނީ ތުހުމަތު ކުރަމުންނެވެ.


