logo
Bank of Maldives

Bank of Maldives

ޚަބަރު

ޣައްޒާއަށް ކުރިމަތިވި ބާރުގަދަ ތޫފާނެއްގައި އެތައް ހާސް ފޭލިގެއަކަށް ގެއްލުންވެ، އިންސާނީ ކާރިސާއެއްގެ ބިރު ބޮޑުވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
11 ޖެނުއަރީ 2026 - 11:54
ޣައްޒާއަށް ކުރިމަތިވި ބާރުގަދަ ތޫފާނެއްގައި އެތައް ހާސް ފޭލިގެއަކަށް ގެއްލުންވެ، އިންސާނީ ކާރިސާއެއްގެ ބިރު

ޣައްޒާގެ އެކި ސަރަހައްދުތަކުގައި ރެފިއުޖީންގެ ގޮތުގައި ދިރިއުޅޭ އާއިލާތަކުގެ އެތައް ހާސް ފޭލިގެއަކަށް، ކުރިމަތިވި ބާރުގަދަ ފިނި މޫސުމުގެ ތޫފާނެއްގައި ބޮޑެތި ގެއްލުންތަކެއް ލިބި ނުވަތަ ވަޔާ ބުރައިގެން ގޮސްފައިވާ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސުން ހޮނިހިރު ދުވަހު ބުނެފިއެވެ.

އަނަޑޯލޫ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާގެ ސަބަބުން ކުރިންވެސް ދަތި ހާލުގައި އުޅެމުންދިޔަ މީހުންގެ ހާލަތު އިތުރަށް ގޯސްވެ، އިންސާނީ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހްމޫދު ބާސަލް ވިދާޅުވި ގޮތުގައި، ބާރުގަދަ ވަޔާއި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފަލަސްތީނުގެ ރެފިއުޖީން ދިރިއުޅޭ ވަގުތީ ހިޔާވަހިތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ހާއްސަކޮށް ޣައްޒާގެ އައްސޭރިފަށުގައި ޖަހާފައިވާ ފޭލިގެތައް، ގަޑިއަކު 60 ކިލޯމީޓަރު (37 މޭލު) ބާރުމިނުގައި ޖެހުނު ވައިގެ ސަބަބުން ވީދި ނުވަތަ އޮޔާ ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި ކާރިސާ ކުރިމަތިވުމުގެ މައިގަނޑު ސަބަބަކީ، އިންސާނީ އެހީއާއި އާބާދުކުރުމަށް ބޭނުންވާ ތަކެތި ޣައްޒާއަށް އެތެރެވިޔަނުދީ އިސްރާއީލުން ހިފަހައްޓަމުން ދިއުމެވެ.\

"މިއީ ހަމައެކަނި މޫސުމާ ގުޅުންހުރި ކާރިސާއެއް ނޫން،" ބާސަލް ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ. "މިއީ އިމާރާތްކުރުމަށް ބޭނުންވާ ތަކެތި އެތެރެވިޔަނުދީ ހިފެހެއްޓުމާއި، އަލުން އާބާދުކުރުމަށް ހުރަސްއެޅުމުގެ ސީދާ ނަތީޖާ. މީގެ ސަބަބުން ރައްޔިތުންނަށް މަޖުބޫރުވެފައިވަނީ އެއްވެސް ރައްކާތެރިކަމެއް ނެތް، ވީދިފައިވާ ފޭލިގެތަކާއި ގެއްލުން ލިބިފައިވާ ގޭގޭގައި އިންސާނީ ކަރާމާތެއް ނެތް ގޮތެއްގައި ދިރިއުޅެން."

ފަލަސްތީނުގެ މޫސުމާ ބެހޭ އިދާރާތަކުން ބުނާ ގޮތުގައި، ހުކުރު ދުވަހު ފެށުނު މި ތޫފާން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ދެމިއޮންނާނެ ކަމަށް ބެލެވެއެވެ. އަދި ޣައްޒާގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ބާރުގަދަ ވަޔާއެކު މޫސުން ގޯސްވާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.

ބޮން އެޅުމުގެ ސަބަބުން ސިޓީތައް ސުންނާފަތިވުމުން އައްސޭރިފަށުގެ ފޭލިގެތަކުގައި ދިރިއުޅެން މަޖުބޫރުވުން

ބާސަލް އިންޒާރު ދެއްވި ގޮތުގައި، އިސްރާއީލުގެ ހިސާރުގެ ސަބަބުން ކޮންމެ އާ މޫސުމީ ބަދަލަކީ މިހާރު "ހަގީގީ އިންސާނީ ކާރިސާއަކަށް" ބަދަލުވަމުންދާ ކަމެކެވެ. އަދި މޫސުން މިގޮތަށް ދެމިއޮންނަނަމަ އެތައް ހާސް ފޭލިގެއެއް ވެއްޓި ނުވަތަ ހަލާކުވުމުގެ ބިރު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ދެ އަހަރަށްވުރެ ގިނަ ދުވަސްވަންދެން އިސްރާއީލުން ދެމުންދާ ބޮމުގެ ހަމަލާތަކުގެ ސަބަބުން ސިޓީތަކުގެ ބޮޑު ބައެއް ދިރިނޫޅެވޭ ވަރަށް ސުންނާފަތިވެފައިވުމުން، ގިނަ އާއިލާތަކަކަށް ވަނީ އައްސޭރިފަށުގައި ފޭލިގެ ޖަހައިގެން ދިރިއުޅެން މަޖުބޫރުވެފައެވެ. އެތެރެވަރީގެ ރައްކާތެރި އެއްވެސް ތަނެއް މިހާރު ބާކީ ނެތެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ކުރިމަތިވި މިފަދަ ތޫފާނެއްގައި، ޚާން ޔޫނިސްގެ އައްސޭރިފަށުގައި ޖަހާފައި ހުރި އެތައް ސަތޭކަ ފޭލިގެއަކަށް ކަނޑުގެ ލޮނުގަނޑު އަރައި ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

މީގެ އިތުރުން، ބާސަލް ވަނީ ބައެއް ފާރުތައް ރެނދުލައި ބަލިކަށިވެފައިވާ އެތައް ހާސް ގެއެއް ވެއްޓުމުގެ ނުރައްކާ އޮތް ކަމުގެ އިންޒާރު ދެއްވާފައެވެ. ހާއްސަކޮށް ބޯކޮށް ވާރޭވެހި ބާރުގަދަ ވަޔާއެކު މިފަދަ އިމާރާތްތައް ވެއްޓުމަކީ ފުރާނައަށް ހުރި ނުރައްކަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ވޭތުވެދިޔަ މަސްތަކުގައި، އިސްރާއީލުގެ ވައިގެ ހަމަލާތަކުގައި ގެއްލުން ލިބިފައި ހުރި އެތައް ދިރިއުޅޭ އިމާރާތެއް ތޫފާންތަކުގެ ތެރޭގައި ވެއްޓި، މީހުން މަރުވެ އަނިޔާވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ރައްޔިތުން ދިރިއުޅެމުންދަނީ ކާރިސީ ހާލަތެއްގައި، ވީދިފައިވާ ފޭލިގެތަކާއި ރައްކާތެރިކަމެއް ނެތް ގޭގޭގައި. އިންސާނީ ކަރާމާތާއި ސަލާމަތުގެ އެންމެ ކުޑަ މިންވަރުވެސް އެމީހުންނަކަށް ނެތް،" ބާސަލް އިތުރަށް ވިދާޅުވިއެވެ.

އޭނާ ބާރުއަޅުއްވައި ވިދާޅުވީ، ޣައްޒާގެ މިހާރުގެ ހާލަތަކީ އިންސާނީ އަސާސީ މިންގަނޑުތަކަށްވުރެ މާ ދަށު ހާލަތެއް ކަމަށާއި، މިއީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ހިލާފު ބޮޑު ޖަރީމާއެއް ކަމަށެވެ.

އޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލު ސިފައިން ދެމުންދާ އަނިޔާވެރި ހަމަލާތަކުގައި މިހާތަނަށް 71,000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި 171,000 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާއިރު، މުޅި ޣައްޒާ ވަނީ ސުންނާފަތިވެފައެވެ.

މިދިޔަ އޮކްޓޯބަރު މަހު ފެށުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް އޮކްޓޯބަރު 10 ގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އައުމާ އެކުވެސް، އިސްރާއީލު ސިފައިން ދެމުންދާ ހަމަލާތަކުގައި 424 ފަލަސްތީނު ރައްޔިތުން ޝަހީދުވެ، 1،189 މީހުން ޒަޚަމްވެފައިވާ ކަމަށް ގާޒާގެ ހެލްތު މިނިސްޓްރީން ބުނެފަވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޣައްޒާއަށް ކުރިމަތިވި ބާރުގަދަ ތޫފާނެއްގައި އެތައް ހާސް ފޭލިގެއަކަށް ގެއްލުންވެ، އިންސާނީ ކާރިސާއެއްގެ ބިރު ޚަބަރު | 7 ގަޑިއިރު ކުރިންއިސްރާއީލާއި ވާގިވެރިން އީރާނުގެ ހާލަތު ގޯސްކުރެވޭނެ ގޮތްތައް ބަލަނީޚަބަރު | ދުވަހެއް ކުރިންގްލޯބަލް ސުމޫދު ފްލޮޓިލާގެ ވަފުދު، ފޮރިން މިނިސްޓަރާއި މަޖިލިސް ރައީސް އާ ބައްދަލުކޮށްފިޚަބަރު | 4 ދުވަސް ކުރިންމަސްކްގެ ''ގްރޮކް''ގެ ޖިންސީ ސިފަ އެކުލެވޭ އޭއައި ފޮޓޯތަކަކީ 'ޣައިރު ގާނޫނީ' އެއްޗެއް: ޔޫރަޕިއަން ކޮމިޝަންދުނިޔެ | 5 ދުވަސް ކުރިން