އީރާނުން ފުރަތަމަ ފަހަރަށް ސްޓާލިންކް އިންޓަނެޓް ކަނޑާލައިފި
12 ޖެނުއަރީ 2026 - 07:14

އީރާނުގެ ސަރުކާރުން އަސްކަރީ ޖޭމަރުތައް ބޭނުންކޮށްގެން ސްޓާލިންކް ސެޓެލައިޓް އިންޓަނެޓްގެ ހިދުމަތަށް ހުރަސްއަޅައި، ފުރަތަމަ ފަހަރަށް އެ ހިދުމަތް މެދުކަނޑާލަން ފަށައިފިއެވެ.
މިއީ އެ ގައުމުގެ އެތެރޭގެ އިންޓަނެޓް ކަނޑާލާ ހާލަތްތަކުގައި، މުޒާހަރާކުރާ މީހުންނާއި ސަރުކާރާ ދެކޮޅު އެކްޓިވިސްޓުން ބޭނުންކުރާ 'ޕްލޭން-ބީ' ކަނެކްޓިވިޓީއަށް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ.

Ad by Hajj Corporation
އީރާނުގެ އެތެރޭގައި އެތައް ހާސް ސްޓާލިންކް ޔުނިޓެއް އޮޕަރޭޓް ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް، ސެޓެލައިޓް ކަނެކްޝަންތަކަށް ވެސް މިހާރު ވަނީ ބްލެކްއައުޓްގެ އަސަރުކޮށްފައެވެ. ރިޕޯޓްތައް ބުނާގޮތުގައި ސްޓާލިންކްގެ އަޕްލިންކް އަދި ޑައުންލިންކް ޓްރެފިކްގެ ގާތްގަނޑަކަށް 30 އިންސައްތައަށް ފުރަތަމަ ބުރޫއެރިއިރު، މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެ އަދަދު ވަނީ 80 އިންސައްތައަށް ވުރެ މައްޗަށް އުފުލިފައެވެ.
ސްޓާލިންކް ރިސީވަރުތަކުން ސެޓެލައިޓްތައް ހޯދައި ގުޅުމަށް ޖީޕީއެސް ބޭނުންކުރާއިރު، އީރާނުން ދަނީ ޖީޕީއެސް ސިގްނަލްތަކަށް ހުރަސް އަޅަމުންނެވެ. މީގެ ސަބަބުން ސްޓާލިންކް ކަނެކްޓިވިޓީ ވަނީ އެކި ސަރަހައްދުތަކަށް އެކި މިންވަރަށް ބެހިފައެވެ. މީގެ ތެރޭގައި ފާހަގަކޮށްލެވޭ ބައެއް މުހިންމު ސަރަހައްދުތަކުން މުޅިން ކަނެކްޝަން ކެނޑުން ހިމެނެއެވެ. އީރާނުގައި ސްޓާލިންކް ބޭނުންކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެއް ނަމަވެސް، ކުރީގެ ބްލެކްއައުޓްތަކާ އަޅާބަލާއިރު މިހާރު އެ ހިދުމަތް ބޭނުންކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
މިއާން ގްރޫޕްގެ އާމިރު ރާޝިދީ ވިދާޅުވި ގޮތުގައި، ވޭތުވެދިޔަ 20 އަހަރު އިންޓަނެޓް މޮނިޓަރކޮށް ދިރާސާކުރުމުގެ ތެރޭގައި މިފަދަ ކަމެއް އޭނާ ދެކެފައެއް ނުވެއެވެ. ސްޓާލިންކް ޑޭޓާ ޕެކެޓްތައް ކުއްލިއަކަށް މަދުވުމުން އެނގެނީ، ސެޓެލައިޓް ކަނެކްޓިވިޓީއަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމެވެ. މީގެ އިތުރުން، އިންޓަނެޓް ކަނޑާލުމާ ބެހޭ ރިޕޯޓްތައް ތައްޔާރުކުރާ ސައިމަން މިގްލިއާނޯ ބުނި ގޮތުގައި، "އީރާނުގެ މިހާރުގެ މުޅި ގައުމީ ބްލެކްއައުޓަކީ ދެކޮޅުވެރިކަން މައިތިރިކުރުމަށް ބޭނުންކުރާ ވަރުގަދަ ހަތިޔާރެކެވެ."
މި 'ކިލް ސްވިޗް' އުސޫލުގެ ސަބަބުން އީރާނުގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ވަމުންދެއެވެ. އިންޓަނެޓް ކަނޑާލާފައި އޮންނަ ކޮންމެ ގަޑިއިރަކު އީރާނުގެ އިގްތިސާދުން 1.56 މިލިއަން ޑޮލަރު ގެއްލިގެންދާ ކަމަށް އަންދާޒާކުރެވެއެވެ. ނެޓްބްލޮކްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުގެ އިންޓަނެޓް ބްލެކްއައުޓަށް މިހާރު 60 ގަޑިއިރަށް ވުރެ ގިނަ އިރު ވެފައިވާއިރު، ގައުމީ ކަނެކްޓިވިޓީ ލެވެލް ހުރީ އާންމު މިންވަރަށް ވުރެ 1 އިންސައްތަ ދަށުގައެވެ.


