ރުހުމަކާ ނުލައި ޖިންސީ ސިފަ އެކުލެވޭ ފޮޓޯތައް އުފައްދާތީ މެލޭޝިއާއިން ގްރޮކް ބްލޮކްކޮށްފި
12 ޖެނުއަރީ 2026 - 10:31

ބިލިއަނަރު އީލޮން މަސްކްގެ އާޓިފިޝަލް އިންޓެލިޖެންސް މޮޑެލް "ގްރޮކް" މެދުވެރިކޮށް، މީހުންގެ ރުހުމަކާ ނުލައި ޖިންސީ ސިފަ އެކުލެވޭ ފޮޓޯތައް އުފެއްދޭތީ ދުނިޔޭގެ ފެންވަރުގައި އުފެދުނު ކަންބޮޑުވުންތަކާ ގުޅިގެން، މެލޭޝިއާއިން އެ ޚިދުމަތަށް ވަދެވޭ މަގު ބަންދުކޮށްފިއެވެ.

Ad by Hajj Corporation
މެލޭޝިއަން ކޮމިއުނިކޭޝަންސް އެންޑް މަލްޓިމީޑިއާ ކޮމިޝަން (އެމް.ސީ.އެމް.ސީ) އިން ބުނީ ގްރޮކް ވަގުތީ ގޮތުން މަނާކުރީ، ގާނޫނުތަކަށް ބޯލެނބުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ އުފެއްދި އެކްސް.އޭ.އައި އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް އަށް އެންގުމަށްފަހު ކަމަށެވެ.
މިދިޔަ ހަފުތާގައި ފޮނުވި ރެގިއުލޭޓަރީ ނޯޓިސްތަކަށް ޖަވާބުދެމުން އެކްސް އިން ބޮޑަށް ސަމާލުކަން ދިނީ "ޔޫޒާ ރިޕޯޓިން މެކޭނިޒަމް" ނުވަތަ ބޭނުންކުރާ މީހުން މައްސަލަ ހުށަހަޅާ ނިޒާމަށް ކަމަށާއި، އޭއައި ޓޫލް ފަރުމާކޮށްފައިވާ ގޮތުން ކުރިމަތިވެދާނެ ނުރައްކާތަކަށް ހައްލެއް ހޯދައިދީފައި ނުވާ ކަމަށް އާދީއްތަ ދުވަހު އެމް.ސީ.އެމް.ސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
"ލިބިދާނެ ގެއްލުންތައް ހުއްޓުވުމަށް ނުވަތަ ގާނޫނީ މިންގަނޑުތަކަށް ފެތުމަށް މިއީ ފުދޭވަރެއް ކަމަކަށް އެމް.ސީ.އެމް.ސީ އިން ނުދެކޭ،" އެ ބަޔާނުގައިވެއެވެ.
މެލޭޝިއާގެ މި ނިންމުން އިއުލާންކޮށްފައިވަނީ، ވަކި ޕްލެޓްފޯމެއްގެ ގޮތުގައާއި އެކްސްގެ ތެރެއިން ބޭނުންކުރެވޭ ގޮތަށް އޮންނަ މި ޗެޓްބޮޓް ރަސްމީކޮށް މަނާކުރި ދުނިޔޭގެ ފުރަތަމަ ގައުމަކަށް އިންޑޮނޭޝިއާ ވިތާ އެއް ދުވަސް ފަހުންނެވެ.
ގްރޮކްގެ ފޮޓޯ އުފައްދާ ޓޫލް ބޭނުންކޮށްގެން، ހަގީގީ މީހުންގެ ރުހުމަކާ ނުލައި، އެމީހުން ކުޑަ ފޭރާމުގައި ނުވަތަ ޖިންސީ ސިފަ އެކުލެވޭ ގޮތަށް ދައްކުވައިދޭ ފޮޓޯތައް އުފައްދާތީ ފަހަކަށް އައިސް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.
ޖިންސީ ސިފަ އެކުލެވޭ މިފަދަ "ޑީޕްފޭކް" ފޮޓޯތައް ފެތުރެމުންދާތީ، އޭގެ ތެރޭގައި ކުޑަކުދިންގެ ފޮޓޯތައް ވެސް ހިމެނޭތީ، އެމެރިކާ، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، ފްރާންސް އަދި އޮސްޓްރޭލިއާ ހިމެނޭ ގޮތަށް ގިނަ ގައުމުތަކެއްގެ އޮފިޝަލުން ވަނީ އެކަން ކުށްވެރިކޮށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.
މިކަމާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެމުން އެކްސް.އޭ.އައި އިން ފުރަތަމަ ފޮނުވި އޮޓޮމޭޓެޑް މެސެޖެއްގައި ބުނެފައިވަނީ "ކުރީގެ މީޑިއާތަކުން ހަދަނީ އިތުރުފުޅު" ކަމަށެވެ.
ނަމަވެސް ފަހުން އެ ކުންފުނީގެ ތަރުޖަމާނަކު ވަނީ އެކްސް އިން ކުރިން ނެރުނު ބަޔާނަކަށް އިޝާރާތްކޮށްފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މަންޒަރުތައް ހިމެނޭ ގޮތަށް، ގާނޫނާ ޚިލާފު އެންމެހާ ކޮންޓެންޓްތަކާ ދެކޮޅަށް އެ ޕްލެޓްފޯމުން ފިޔަވަޅު އަޅާނެ ކަމަށެވެ.


