ކުޅިވަރު އެސޯސިއޭޝަނަކަށް ނިސްބަތްވާ ކޯޗަކު ކުޅުންތެރިޔަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ
12 ޖެނުއަރީ 2026 - 16:23

ކުޅިވަރު އެސޯސިއޭޝަނަކަށް ނިސްބަތްވާ ކޯޗަކު ކުޅުންތެރިޔަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަމުން އެބަ ގެންދެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކުޅިވަރު އެސޯސިއޭޝަނެއްގައި އެތުލީޓުން ތަމްރީނު ކުރުމުގެ އިސް ޒިންމާއެއް އޮތް ފަރާތެއްގެ މައްޗަށް ތުހުމަތުކުރެވޭ ޖިންސީ ކުށުގެ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުންގެ ޟީދިއާ އޮފިޝަލް ވިދާޅުވިއެވެ.

Ad by Hajj Corporation
"ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަނެއްގައި އެތްލީޓުން ތަމްރީނުކުރުމުގެ ޒިންމާ އޮތް ފަރާތެއްގެ މައްޗަށް ތުހުމަތުކުރެވޭ ޖިންސީ ކުށުގެ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން، އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން."
މި މައްސަލައާ ގުޅިގެން އިތުރު ތަފްސީލު ދެމުން ފުލުހުންގެ ޟީޑިއާ އޮފިޝަލް ވިދާޅުވީ، މިހާތަނަށް މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ކޯޗުގެ މައުލޫމާތެއް ފުލުހުން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
ދިވެހިރާއްޖޭގައި ޖިންސީ ކުށް ކަނޑައެޅުމާއި، އެ ކުށާގުޅޭ އުސޫލުތައް ބަޔާންކުރުމަށް ޖިންސީ ކުށުގެ ޤާނޫނު އޮވެއެވެ.
އެ ޤާނޫނުގެ ދަށުން މީހަކަށް ޖިންސީ އަނިޔާ ކުރުމާއި މީހަކު ރޭޕްކުރުމާއި ޖިންސީ އަނިޔާ ކުރަން އުޅުމާއި ޖިންސީ ގޯނާ ކުރުމަކީ ކުށެކެވެ.


