މިދިޔަ ޑިސެމްބަރ މަހު ޑެންގީގެ 400 އަށްވުރެ ގިނަ ކޭސް
14 ޖެނުއަރީ 2026 - 05:30

މިދިޔަ ޑިސެމްބަރ މަހު ޑެންގީގެ 400 އަށްވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެ އިދާރާ އިން ބުނީ ޑެންގީ ޖެހިގެން ޑިސެމްބަރ މަހު 413 ރިޕޯޓުކޮށްފައިވާ ކަމަށާއި މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު، ބޮޑުއިތުރުވުމެއް ކަމަށެވެ. އެގޮތުން 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރިޕޯޓް ކޮށްފައިވަނީ އެންމެ 70 ކޭސް ކަމުގައި އެޗްޕީއޭ އިން ބުނެއެވެ.

Ad by Hajj Corporation
މީގެއިތުރުން މިދިޔަ އަހަރު ނޮވެންބަރު މަހާ އަޅާބަލާއިރުވެސް ޑެންގީގެ ކޭސްތައް ޑިސެމްބަރު މަހު އިތުރުވެފައިވާކަން ފާހަގަކޮށް އެޗްޕީއޭ އިން ބުނީ ނޮވެންބަރ މަހު ރިޕޯޓް ކޮށްފައިވަނީ 382 ކޭސް ކަމަށެވެ.
ރާއްޖޭގައި ޑެންގީ ހުން އިތުރުވަމުން އަންނާތީ ރައްކތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން މިދިޔަ މަހު ވަނީ އިރުޝާދު ދީފައެވެ. އަދި ވަނީ ޑެންގީން ރައްކާތެރިވުމަށް މަދިރި މަދުކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމަށް ވެސް އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭއިން ވަނީ ޑެންގީ ހުން ޖެހިއްޖެނަމަ ގިނައިން އަރާމުކޮށް، ދިޔާ ތަކެތި ބުއިން އިތުރުކުރުމަށާއި ހަށިގަނޑަށް ފައިދާ ހުރި ކާނާ ބޭނުންކޮށް، ހުން މަޑުކުރުމަށާއި ގައިގެ ރިހުމަށް ޕެނެޑޯލް ނުވަތަ ޕެރެސެޓްމޯލް ފިޔަވާ އިތުރު ބޭސްތައް ބޭނުން ނުކުރުމަށް އިލްތިމާސް ކޮށްފައެވެ.
ހަމަމިއާއެކު މަދިރި ލޯޝަން ނުވަތަ ސްޕްރޭ ބޭނުން ކުރުމަށާއި، މަދިރި ގޭތެރެއަށް ވަނުން މަދުކުރުމަށް ކުޑަދޮރާއި ޖާލިފަދަ ތަންތަނުގައި މަދިރި ދާ ޖެހުމަށް އެދިފައިވެއެވެ. އަދި މަދިރި އާންމުކޮށް ގިނަވާ ވަގުތުތަކުގައި ދޮރުތައް ލައްޕާފައި ބެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދެއެވެ.
އީޑީސް މަދިރި އެންމެ ގިނަ ވަނީ ހެނދުނުގެ ވަގުތުގައިކަން ފާހަގަކޮށް އެޗްޕީއޭއިން ބުނީ ހުރިހާ ވައްތަރެއްގެ މަދިރި ވެސް އެންމެ ގިނަވާނީ ދުވާލުގެ ވަގުތުތަކުގައި ކަމަށެވެ. އެހެންކަމުން ހުރިހާ ވަގުތެއްގައި ވެސް ވީހާ ވެސް ބޮޑަށް ހަށިގަނޑު ނިވާކުރުމަށް މުހިންމު ސަމާލުކަމެއް ދިނުމަށް އެދިފައިވެއެވެ.
މީގެ އިތުރުން ގެއާއި ގޯތި ތެރޭގައި ފެން ހަރުލާހެން ހުންނަ ތަންތަނާއި ތަކެތި ހަފުތާއަކު އެއް ފަހަރު ސާފުކުރުމަށާއި ގަސްމުށްޓާއި ތާންގީ ފަދަ ތަކެތި ފެން ނޭޅޭނެހެން ބަންޑުން ޖެހުމާއި މަތިއެޅުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.


