ކުރިޔަށް އޮތް ތިން ދުވަސްތެރޭ ވައި ސާފުވާނެ: މެޓް
22 ފެބްރުއަރީ 2026 - 11:26

ކުރިޔަށް އޮތް ތިން ދުވަސްތެރޭ ވައި ސާފުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ - މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ، ދުންފުހުގެ އަސަރު މިފަހަރު ދިގުދެމިގެންދަނީ އިރުވައި މޫސުން އާއްމުކޮށް ފަށާ ދުވަސްވަރަށްވުރެ އަވަހަށް ފެށުމުންކަމަށެވެ.
ރާއްޖެއަށް ކޮންމެ އަހަރަކުވެސް ވަކި ދުވަސްވަރެއްގައި ދުންފުހުގެ އަސަރު ދަނީ ކުރަމުންނެވެ. ނަމަވެސް މިއަހަރު ދުންފުހުގެ އަސަރު ވަނީ ދިގުދެމިގެންގޮސްފައެވެ.
ކޮންމެ އަހަރަކުވެސް އިރުވައި މޫސުމުގައި ރާއްޖެއަށް ދުންފުހުގެ އަސަރުކުރަނީ އަވަށްޓެރި ގައުމުތަކުން އަންނަ ދުންފުހުންނެވެ.

Ad by Hajj Corporation
މެޓް އޮފީހުން ބުނީ ދުންފުހުގެ އަސަރު މިދިޔަ އަހަރު ޑިސެމްބަރު ކުރީ ކޮޅުން ފެށިގެން ވަރަށް ބޮޑަށް ކޮށްފައިވާކަމަށާއި އެހެން އަހަރަތުކަކޭ ޚިލާފަށް، މި އަހަރު ދުންފުހުގެ އަސަރުވަނީ ވަރަށް ބޮޑަށް ދިގުދެމިގެން ގޮސްފައިކަމަށެވެ. އަދި އެކަން އެހެން ދިމާވަނީ އިރުވައި މޫސުން އަވަހަށް ފެށުމުންކަމަށެވެ.
މީގެއިތުރުން ވައި ހުންނަ މިސްރާބު ބަދަލުނުވުމަކީވެސް ދުންފުހުގެ އަސަރު ދިގުދެމިގެންދިޔަ ސަބަބެއްކަމަށް އެ އިދާރާއިން ބުނެއެވެ. އެހެންނަމަވެސް ކުރިޔަށް އޮތް ތިން ދުވަސްތެރޭގައި ވައި ސާފުވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
ދުންފުހުގެ އަސަރު ރާއްޖެއަށް ނުރައްކާތެރި މިންވަރަކަށް ކުރަމުންދާއިރު ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ އެކަމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.
ވައި ނުސާފުވުމުގެ ސަބަބުން ކުރު މުއްދަތަކަށާއި ދިގު މުއްދަތަކަށް އަސަރުކުރާ ޞިއްޙީ މައްސަލަތަކެއްވެއެވެ. އޭގެތެރޭގައި ސިކުނޑިއާއި ނާރުގެ ބަލިތަކާއި ވިސްނުމުގެ ބާރު ދެރަވާފަދަ ކަންކަން ހިމެނޭކަމަށް އެޗްޕީއޭއިން ބުންޏެއެވެ. ހަމައެއާއެކު، މާބަނޑު ދުވަސްވަރު ދިމާވާ ނުރައްކާތެރި ޞިއްޙީ މައްސަލަތައް އަދި ކުޑަކުދިންގެ ފުއްޕާމޭ ހެދިބޮޑުވުމަށް ހުރަސްއެޅުމާއި ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ރިސްކް އިތުރުވާކަމަށްވެސް އެ އެޖެންސީން ބުނެއެވެ.
އެހެންކަމުން ދުންފުހުގެ އަސަރުކުރާ ދުވަސްވަރު އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އެގޮތުން ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ މީހުން ބޭރުގައި ކުޅެން އުޅުމާއި، ކަސްރަތުކުރުން ފަދަ ކަންތައްތައް މަޑުޖައްސާލުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.
ހަމައެއާއެކު، ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ މީހުންނާއި އެލާޖީގެ މައްސަލަތައް ހުންނަ މީހުން އެން-95 މާސްކް ނުވަތަ އެފަދަ މާސްކް އެޅުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އަދި ބޭރުގެ ނުސާފުވައި ނުވަންނާނެހެން ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި، އެއަރ ޕިއުރިފަޔާ ބޭނުންކުރުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.


