މާރިޗު، އެޕްރީލް ގައި އަރިދަފުސް ރޯގާ ޖެހިގެން 21،687 ކޭސް ރިޕޯޓްކުރި
29 އޭޕްރީލު 2026 - 03:53

މާރިޗު، އެޕްރީލް ގައި އަރިދަފުސް ރޯގާ ޖެހިގެން 21،687 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭއިން މި މަހުގެ 27 ގައި އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން މާރިޗު 22 ވަނަ ދުވަހުން ފެށިގެން އެޕްރީލް 18 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 21،687 މީހުން އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ އަތޮޅު ތެރެއިން މި ބަލި ޖެހުނު 11،792 އާއި މާލޭން މި ބަލި ޖެހުނު 9،894 މީހުންނެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެވްރެޖް ގޮތެއްގައި މާލެ ސަރަހައްދުންނާއި އޮތޮޅުތެރެއިން ހަފްތާއަކު އަރިދަފުސް ރޯގާގެ 2000 އަށްވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައިވެއެވެ.

Ad by Hajj Corporation
އެޗްޕީއޭއިން ބުނިގޮތުގައި މި މުއްދަތުގައި އިންފްލުއެންޒާ ޖެހިގެން ރިޕޯޓްކުރެވުނު އަދަދު ވެސް ފާއިތުވެ ދިޔަ ހަފްތާގައި ވަނީ އިތުރުވެފައެވެ.
އެގޮތުުން ޖެނުއަރީ މަހު އިންފްލުއެންޒާއަށް 791 މީހުން ޓެސްޓް ކޮށްފައިވާއިރު، އޭގެ ތެރެއިން 99 މީހުން ވަނީ މި ބައްޔަށް ފައްސިވެފައެވެ. ފެބްރުއަރީ މަހު 134 މީހުން ޓެސްޓް ކޮށްފައިވާއިރު، 8 މީހުން ވަނީ ފައްސިވެފައެވެ. މާޗް މަހު 105 މީހުން މި ބައްޔަށް ޓެސްޓްކުރިއިރު، 5 މީހުން ފައްސިވެފައިވާއިރު، މި ހިނގާ އޭޕްރިލް މަހު ޓެސްޓް ކުރި 89 މީހުންގެ ތެރެއިން 18 މީހުން ވަނީ މި ބައްޔަށް ފައްސިވެފައެވެ.
އަރިދަފުސް ރޯގާ އަދި ނޭވާލާ ނިޒާމަށްޖެހޭ ބަލިތަކުން ރައްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތައް:
· އަތް ދޮންނަން ޖެހޭ ހާލަތްތަކުގައި، ސައިބޯނިލައިގެން ރަގަޅަށް އަތްދޮވުން ނުވަތަ ނުވަތަ ސެނިޓައިޒަރ ބޭނުންކޮށްފެން އަތް ސާފުކުރުން.
· އަރިދަފުސް ރޯގާ ހުރި ނަމަ އަދި ކެއްސާ ކިނބިހި އަޅާއިރު، ނޭފަތާއި އަނގަ ރަގަޅަށް ނިވާކުރުން.
· ހުންއައިސް ރޯގާޖެހި 3 ދުވަހަށްވުރެ އިތުރުވާނަމަ ޑޮކްޓަރެއްގެ ލަފައާއި އިރުޝާދު ހޯދުމަކީ މުހިއްމުކަމެކެވެ.


