ހޮޅުދޫގައި މަސް މާރުކޭޓެއް އެޅުމަށް ބީލަމަށް ހުޅުވާލައިފި
14 ޖެނުއަރީ 2026 - 09:53

ނ. ހޮޅުދޫގައި މަސް މާރުކޭޓެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން ބީލަމަށް ހުޅުވާލައިފިއެވެ.
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިހާރު ވަނީ ރަސްމީކޮށް ހުޅުވާލާފައެވެ.

Ad by Hajj Corporation
ހޮޅުދޫ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރޭޝަން ސެޓްފިކެޓް އޮތް ފަރާތްތަކަށް އެކަނި ކަމަށެވެ. ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ބިޑް ރެޖިސްޓްރޭޝަން ފޯމާއި ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް 21 ޖެނުއަރީ 2026 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން އެ އިދާރާގެ އީމެއިލް info@holhudhoo.gov.mv އަށް ފޮނުވަން ޖެހޭނެއެވެ. ބީލަމަށް ރަޖިސްޓަރީ ނުކުރާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ކަމަށްވެސް ކައުންސިލުން ބުނެއެވެ.
މަޢުލޫމާތު ދިނުމާއި ބިޑް ހުށަހެޅުން
މި މަޝްރޫޢާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 22 ޖެނުއަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައެވެ. މި ބައްދަލުވުން ކުރިއަށްދާނީ ހޮޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ކައުންސިލުން ބުނީ މި ބައްދަލުވުމަށް ވަޑައިގަތުމަކީ ލާޒިމް ކަމެއް ނޫން ނަމަވެސް، މަޝްރޫޢުގެ މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަތުމަކީ އެދެވިގެންވާ ކަމެއް ކަމަށެވެ.
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 04 ފެބްރުވަރީ 2026 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ހޮޅުދޫ ކައުންސިލް އިދާރާގެ މީޓިންގ ހޯލްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. އަދި ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން މަދުވެގެން 90 ދުވަސް އޮންނަންވާނެ ކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ.
ކައުންސިލުން އިތުރަށް ބުނެފައިވަނީ، ބީލަން ހުށަހަޅަން ވެރިފަރާތް ނޫން އެހެން ފަރާތަކުން ހާޒިރުވާނަމަ، އެކަމުގެ އިއުތިރާޟެއް ނެތް ކަމުގެ ލިޔުން ހުށަހަޅަންވާނެ ކަމަށެވެ. އަދި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަކާއި، މަޢުލޫމާތު ފުރިހަމަނޫން ބީލަންތައް ބާތިލުކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ކައުންސިލްގެ ނަންބަރު 6560009 އަށް ގުޅުމަށް ވަނީ އެދިފައެވެ.


