40 މީޑިއާއަކަށް 27.29 މިލިއަން ރުފިޔާ ދޫކޮށްފި
14 ޖެނުއަރީ 2026 - 10:42

އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް، ސާޅީސް މީޑިއާއަކަށް ފައިސާ ދޫކޮށްފައިވާ ކަމަށް ޒުވާނުން ބާރުވެރި ކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ބުނެފިއެވެ.
މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމަށްޓަކައި މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިންގ ކޮމިޝަނުން އެކުލަވާލި އުސޫލުގެ ދަށުން ޝަރުތު ހަމަވެ، 40 މީޑިއާއަކަށް ފައިސާ ލިބޭ ކަމަށް ވަނީ ކަނޑައަޅާފައެވެ. މިއީ، ދަޢުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދޭ ފުރަތަމަ ފަހަރެވެ.
ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ދޭ މާލީ އެހީއަކީ، އަމިއްލަ މީޑިއާތައް ބާރުވެރި ކުރުވައި ޒިންމާދާރު ނޫސްވެރިކަމެއް ކުރުމަށް މަގުފަހިކޮށްދިނުމަށް ދޭ އެހީއެކެވެ.
ޒުވާނުން ބާރުވެރި ކުރުވުމާއި، މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ވިދާޅުވީ، މީޑިއާތަކަށް ލިބޭ ފައިސާގެ މިންވަރު އެ ވުޒާރާއަށް އެންގުމުން މާލީ ކަންކަމާއި، ތަރައްޤީގެ ރޭވުންތެރި ކަމާބެހޭ ވުޒާރާ މެދުވެރިކޮށް އެފަރާތްތަކަށް ފައިސާ ޖަމާކޮށްދީފައިވާ ކަމަށެވެ. މީގެ ދަށުން ޝަރުތު ހަމަވި، 40 މީޑިއާއަކަށް 27،295،532.69 ރުފިޔާ ދީފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
އަމިއްލަ މީޑިއާތަކަށް ދައުލަތުން ދޭ މާލީ އެހީތެރިކަމަށް ހުށަހަޅާފައިވާ މީޑިއާތަކަށް މާކްސް ދޭ މިންގަނޑަށް ބަލާއިރު، 2025 ވަނަ އަހަރު މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމުގެ އުސޫލުގެ ދަށުން މާކްސް ދިނުމުގައި ބަލާފައިވާނީ މީޑިއާގެ މުއްދަތަށާއި، މުވައްޒަފުންގެ އަދަދަށާއި، މީޑިއާ ނުވަތަ މީޑިއާ ހައުސްގެ ކުރިއެރުވުމަށް ހުށަހަޅާ ކަންކަން ނުވަތަ ބިޒްނަސް ޕްލޭނަށާއި، ކޮންޓެންޓުގެ ބާވަތަށާއި، މުވައްޒަފުންގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާގެ އިތުރުން އިދާރީ އިންތިޒާމުތަކަށް ކަމަށް އެމްއެމްބީސީން ވިދާޅުވިއެވެ.

Ad by Hajj Corporation


