އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގައި ބައިވެރިވާ އިތުރު ފަސް މީޑިއާއަކާއެކު ސޮއިކޮށްފި
20 ސެޕްޓެމްބަރު 2026 - 17:30

ދިވެހީންގެ ތެރޭގައި އިހުއޮތް އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ އާދަކާދަ ދިރުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުގައި ހިމެނިގެން ކުރިއަށްގެންދާ "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގައި ބައިވެރިވާ އިތުރު މީޑިއާތަކާއެކު ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ސޮއިކޮށްފިއެވެ.
އެ ވުޒާރާގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި މިއަދު ސޮއިކޮށްފައިވަނީ ރާއްޖޭގައި ހިންގާ ފަސް މީޑިއާއަކާއެކުގައެވެ. އެއީ ދުވެލި އޮންލައިން، އެކި އެމްވީ، ވަން އޮންލައިން، ވާދޫ އޮންލައިން އަދި އޮއިވަރު މީޑިއާއެވެ.
.png&w=750&q=75)
Ad by Hajj Corporation
މި މަޝްރޫޢުގެ ދަށުން މިދިޔަ ހަފްތާގެ ތެރޭގައިވެސް 16 މީޑިއާއަކާއެކު އެ ވުޒާރާއިން ވަނީ ސޮއިކޮށްފައެވެ. އޭގެ ތެރޭގައި މެންދުރު، ޕީއެސްއެމް ނިއުސް، ޓީވީއެމް، ދިވެހިރާއްޖޭގެ އަޑު، ވަގުތު، ވޮއިސް، ގާފު، އެތެރެފުއް، ފަރުދުން، އެމްއެމްޓީވީ، ނުކުތާ އަދި ޖީލު ފަދަ މީޑިއާތައް ހިމެނެއެވެ.
މި މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނަށް ވުމުގެ ފުރުސަތު ހުރިހާ މީޑިއާތަކަށް އަދިވެސް ހުޅުވާލެވިފައިވާ ކަމަށް ވުޒާރާއިން ފާހަގަކުރެއެވެ.
މީގެ އިތުރަށް މި މަޝްރޫޢުގައި ބޭނުންކުރާނެ ލޯގޯއެއް ފަރުމާކުރުމުގެ ފުރުސަތުވެސް މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ. ލޯގޯ ފަރުމާކުރުމަށްފަހު ސެޕްޓެންބަރު މަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެ ވުޒާރާއަށް ހުށަހަޅަންޖެހެއެވެ. ހުށަހަޅާ ލޯގޯތައް ވުޒާރާއިން ކަނޑައަޅާ ފަނޑިޔާރުންގެ ޕެނަލަކުން އިންސާފުކުރުމަށްފަހު، އެއްވަނައަށް ހޮވޭ ފަރާތަކަށް 60،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ ލޯގޯ ފަރުމާކުރުމުގައި ޢަމަލުކުރާނެގޮތުގެ އުސޫލު ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވެބްސައިޓުން ޑައުންލޯޑްކުރެވެން ހުންނާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
އިޙުތިރާމު އަދާކުރުމުގެ މި މަޝްރޫޢަކީ ފަސް އަހަރު ދުވަހުގެ މުއްދަތަށް މުޅި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ޤައުމީ މަޝްރޫއެކެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ "އިޙުތިރާމުގެ އުފާ މުޖުތަމަޢުގެ ނަފާ" މި ޝިޢާރުގެ ދަށުންނެވެ.


