އެމެރިކާއިން 75 ގައުމެއްގެ އިމިގްރަންޓް ވިސާ ދޫކުރުން މެދުކަނޑާލައިފި
15 ޖެނުއަރީ 2026 - 04:24

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އިމިގްރޭޝަން ސިޔާސަތުތައް ވަރުގަދަކުރުމުގެ ގޮތުން ދުނިޔޭގެ 75 ގައުމަކުން އެމެރިކާއަށް ހިޖުރަކުރާ މީހުންނަށް ދޫކުރާ އިމިގްރަންޓް ވިސާ ދޫކުރުން މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލައިފިއެވެ.
މި ނިންމުމުގެ ދަށުން ވިސާ ދޫކުރުން މެދުކަނޑާލާފައިވާ ގައުމުތަކުގެ ތެރޭގައި ބްރެޒިލް، ކޮލަމްބިއާ، މިސްރު، ހައިޓީ، ސޯމާލިއާ އަދި ރަޝިއާ ހިމެނެއެވެ. މި މެދުކަނޑާލުން އަމާޒުކޮށްފައިވަނީ ވަޒީފާ އަދާކުރުމަށާއި އާއިލާގެ ގާތަށް ދިރިއުޅުން ބަދަލުކުރުމަށް ދޫކުރާ އިމިގްރަންޓް ވިސާތަކަށެވެ. ނަމަވެސް، ކިޔަވާ ކުދިންނާއި ފަތުރުވެރިންނަށް ދޫކުރާ ނޮން-އިމިގްރަންޓް ވިސާތަކަށް މި ބަދަލުގެ އަސަރެއް ނުކުރާނެއެވެ. އެހެންކަމުން، މިއަހަރުގެ ހޫނު މޫސުމުގައި އެމެރިކާގައި ބާއްވާ ވޯލްޑް ކަޕަށް ދާން ބޭނުންވާ ފަރާތްތަކަށް މިކަމުގެ ސަބަބުން ހުރަހެއް ނެތް ކަމަށް އެމެރިކާގެ އޮފިޝަލަކު ވިދާޅުވިއެވެ.

Ad by Hajj Corporation
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނި ގޮތުގައި މި ބަދަލަށް އަމަލުކުރަން ފަށާނީ ޖެނުއަރީ 21 ވަނަ ދުވަހުން ފެށިގެންނެވެ. މި ފިޔަވަޅަކީ އެމެރިކާގެ ދައުލަތުގެ ވަސީލަތްތަކަށް ބުރަވާނެ ކަމަށް ބެލެވޭ މީހުންނަށް ވިސާ ނުދިނުމަށް ޓްރަމްޕް ސަރުކާރުން ގެންގުޅޭ "ޕަބްލިކް ޗާޖް" ސިޔާސަތުގެ ދަށުން އެޅި ފިޔަވަޅެކެވެ.
ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނު ޓޮމީ ޕިގޮޓް ބުދަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެމެރިކާގެ ރައްޔިތުންގެ ދީލަތިކަމުގެ ނާޖާއިޒު ފައިދާ ނަގައި، ދައުލަތުގެ އެހީއަށް ބަރޯސާވާނެ ކަމަށް ބެލެވޭ ބޭރު ގައުމުތަކުގެ މީހުންނަށް ވިސާ ނުދިނުމުގެ ބާރު ސްޓޭޓް ޑިޕާޓްމަންޓަށް ލިބިގެންވާ ކަމަށެވެ. އަދި މި 75 ގައުމުގެ ވިސާ މެދުކަނޑާލާފައިވަނީ އެ ގައުމުތަކުގެ މީހުން އެމެރިކާއަށް ވަދެ ދައުލަތުގެ ވެލްފެއާ ހިދުމަތްތައް ބޭނުންކުރުން ހުއްޓުވުމަށްޓަކައި، ވިސާ ދޫކުރާ އުސޫލުތައް އަލުން މުރާޖައާ ކުރުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ލިސްޓުގައި ހިމެނޭ ގިނަ ގައުމުތަކަކީ މީގެ ކުރިންވެސް އެމެރިކާގެ ދަތުރުފަތުރުގެ މަނާ ލިސްޓުގައި ހިމެނިފައިވާ ގައުމުތަކެކެވެ. ވިސާ މެދުކަނޑާލި ގައުމުތަކުގެ ތެރޭގައި އަފްޣާނިސްތާން، ބަންގްލަދޭޝް، ޕާކިސްތާން، އީރާން، އިރާގު، ސީރިއާ، ތައިލެންޑް އަދި ނޭޕާލް ފަދަ ގައުމުތައް ހިމެނެއެވެ.


