"އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމަށް ހުޅުވާލުން އަންނަ ހަފުތާ އަށް
15 ޖެނުއަރީ 2026 - 06:02

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމަށް ހުށަހެޅުމުގެ ފުރުޞަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލުމަށް ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ނިންމައިފިއެވެ.
މި ޕްރޮގްރާމުގެ ދަށުން މާލޭ ސަރަޙައްދުން ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމަށް ގެދޮވެރިވެރިކަމާބެހޭ ވުޒާރާއިން ކުރިން ކަނޑައަޅާފައިވަނީ މިއަދެވެ. އެހެންނަމަވެސް މާލޭ ސަރަޙައްދުން ދޫކުރާ ބިމާއި ފްލެޓަށް އެދި ވަރަށް ގިނަ ފަރާތްތަކަކުން އެޕްލައިކުރާނެ ކަމަށް ލަފާކުރެވޭތީއާއި ހަފްތާ ބަންދާ ދިމާކޮށް ހުޅުވުމުން ރައްޔިތުންނަށް ދޭން ބޭނުންވާ މަޢުލޫމާތު ދިނުމުގައި ދިމާވެދާނެ ދަތިތަކެއް ހުރެދާނެތީ، ފްލެޓާއި ގޯއްޗަށް ކުރިމަތިލުމަށް 18 ޖެނުއަރީ 2026 ވާ އާދިއްތަ ދުވަހުގެ ހެނދުނު 09:00 ގައި ޕޯޓަލް ޢާންމުކޮށް ހުޅުވަން ނިންމާފައިވާކަމަށް އެ ވުޒާރާއިން ބުނެފައި ވެއެވެ.
"ބޯހިޔާވަހިކަން އެންމެނަށް" ސަރުކާރުގެ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމް އިޢުލާނު ކުރީ، މިދިޔަ ނޮވެމްބަރު މަހުގެ 16ވަނަ ދުވަހުއެވެ. މި ސްކީމުގައި ގޯއްޗާއި ފްލެޓް ދޫކުރުމުގެ އުސޫލުވެސް ވަނީ ޢާންމުކޮށްފައެވެ.
މި ސްކީމުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯތި ދޫކުރުމަށް ހަމަޖެހިފައި ވެއެވެ. މީގެ އިތުރުން މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

Ad by Hajj Corporation
މިފަހަރުގެ ސްކީމުގައި މުޅިން އަލަށް ޓެކްސީ ޑްރައިވަރުންނާއި، މަސްވެރިކަމާއި ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ މީހުންނަށް ޚާއްޞަ ކެޓަގަރީތަކެއް ވަނީ ހިމަނާފައެވެ. ކެޓަގަރީތަކަށް ފޯމު ހުށަހެޅުމުގައި ކޮންމެ މީހަކުވެސް އެމީހެއްގެ ޙާލަތާ އެންމެ އެކަށީގެންވާ އެއް ކެޓަގަރީއަކުން ފޯމު ހުށައެޅުމަށް ވުޒާރާއިން އިލްތިމާސްކޮށްފައިވެއެވެ. އަދި ފޯމު ހުށައެޅުމުގެ ހުރިހާ ކަމެއް ކުރިއަށްދާނީ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް އޮންލައިންކޮށް ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތުދެއެވެ.
މީގެ ކުރީގެ ސްކީމްތަކަށް ހުށައެޅުމުގައި އެންމެ ގިނަ ބަޔަކަށް މައްސަލަ ކުރިމަތިވީ މާލޭގައި ދިރިއުޅުނު މުއްދަތު ސާބިތު ކުރުމުގައެވެ. މިފަހަރުގެ އުސޫލުތައް ބުނާ ގޮތުންވެސް ފްލެޓް އަދި ގޯއްޗަށް ކުރިމަތިލެވޭނީ މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށެވެ. މި މުއްދަތު ބަލާނީ، 14 ޖެނުއަރީ 2026 ގެ ނިޔަލަށެވެ. އަދި ޚާއްސަ ހާލަތާ ގުޅިގެން މެދުކެނޑުމެއް އައިނަމަ، އޭގެ ސަބަބު ބަޔާންކޮށް ލިޔެކިޔުން ހުށައަޅަން ޖެހޭނެއެވެ.
ސަރުކާރުން ބޯހިޔާވަހިކަން ދިނުމުގައި މިފަހަރު އެންމެ ބޮޑު އިސްކަމެއް ދޭން ނިންމާފައިވަނީ އެމީހަކަށް ލިބޭ އާމްދަނީއާއި ދިރިއުޅުމުގެ ޙާލަތަށެވެ. ފޯމުގައި ޢާންމު މަޢުލޫމާތާއި، އާއިލާއާއި ދިރިއުޅުމުގެ ޙާލަތު އަދި ވަޒީފާއާއި އާމްދަނީގެ މަޢުލޫމާތުވެސް ހިމަނަން ޖެހޭނެއެވެ. އަދި މާލޭގައި ދިރިއުޅުނު މުއްދަތު ސާބިތު ކުރުމަށް، އެކަމަށް ބޭނުންވާ ލިޔެކިޔުންތައްވެސް ހިމަނަންވާނެއެވެ.
ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ހުށައެޅުމުގެ އުސޫލާއި ޝަރުތުތައް އަދި މާކްސް ދޭނެ އުސޫލުވެސް ގެޒެޓުގައި ވަނީ ހިމަނާފައެވެ. ފޯމު ހުށައެޅުމުގެ ސުންގަޑިއަކީ، 14 އޭޕްރީލް 2026 އެވެ.


