ހިޔާ އަދި ވެށިފަހިން ލިޔުން ލިބުނު މީހުން ފޯމު ހުށަހަޅަން ލުއިތަކެއް
19 ފެބްރުއަރީ 2026 - 12:14

ވެށިފަހި މަޝްރޫޢާއި ހިޔާ މަޝްރޫޢަށް ހޮވި، ފްލެޓް ނުލިބުނު މީހުން އެކަމާ ގުޅޭ ލިޔެކިޔުން ނެތްނަމަ ފްލެޓު ލިސްޓުގައި ހިމެނުނުކަން ސާބިތުކޮށްދޭ އެހެން ލިޔުމެއް ހުށަހެޅިދާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ބުނެފިއެވެ.
އެވުޒާރާއިން ބުނީ، ހިޔާ ނުވަތަ ވެށިފަހި މަޝްރޫޢުއިން ފްލެޓް ލިބޭނެކަމުގެ ލިޔުން ލިބި، ފްލެޓު ނުލިބޭ ފަރާތްތަކަށް ޚާއްޞަ ކެޓަގަރީއަށް އެޕްލައި ކުރުމުގައި، ފުލެޓު ލިބޭނެ ކަމުގެ ލިޔުން ނެތްނަމަ، ފުލެޓް ލިބޭނެކަން ސާބިތުކޮށްދޭ އެހެން ލިޔުމެއް ހުށަހެޅިދާނެ ކަމަށެވެ. އެގޮތުން ކަމާގުޅޭ އިދާރާއަކުން ޢާންމުކޮށްފައިވާ ލިސްޓަކުން ނުވަތަ ދޫކޮށްފައިވާ އެހެން ލިޔުމަކުން އެފަރާތަކަށް ފްލެޓު ލިބޭނެކަން ކަށަވަރުވާނަމަ، އެފަދަ މަޢުލޫމާތެއް ނުވަތަ ލިޔުމެއް ހުށަހެޅިދާނެއެވެ.
ހިޔާ މަޝްރޫޢަކީ، 2017 ވަނަ އަހަރު އޭރުގެ ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ. އަދި ވެށިފަހި މާލެ މަޝްރޫޢަކީ 2010 ވަނަ އަހަރު، މާލޭގެ ރަށްވެހިންނަށް ޚާއްޞަކޮށް ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ.
ވެށިފަހި ސްކީމްގައިވެސް، އެ ސްކީމުން ބޯހިޔާހިކަން ލިބޭނެކަމަށް ކަނޑައެޅި ފަރާތްތަކުގެ ތެރެއިން 160 އެއްހައި މީހުންނަށް ބޯހިޔާވަހިކަން ނުލިބޭ ކަމަށް ބުނެ 2020 ވަނަ އަހަރު ހުޅުވާލި ފުރުޞަތެއްގައި ޝަކުވާގެ ގޮތުގައި ހުށައަޅާފަވެއެވެ. އަދި ހިޔާގެ އެކި ކެޓަގަރީތަކުންވެސް ފްލެޓް ލިބޭނެކަމަށް ލިސްޓުގައި ހިމެނި ގިނަ ބަޔަކަށް އެ ފުރުޞަތު ލިބިފައެއް ނުވެއެވެ.

Ad by Hajj Corporation
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ފްލެޓަށް ހުޅުވާލިއިރު، ވެށިފަހި މާލެއާއި ހިޔާ މަޝްރޫޢުއިން ފުލެޓް ލިބޭނެކަމުގެ ލިޔުން ލިބި، އެ ލިޔުމާ އެއްގޮތަށް ފުލެޓް ޙަވާލުކޮށްފައިނުވާ ފަރާތްތަކުގެ ކެޓަގަރީ ވަނީ ހިމަނާފައެވެ.
މި ކެޓަގަރީއިން 500 ފްލެޓް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.
މި ފަރާތްތަކުގެ ތެރެއިން، އޭރު ލިބިފައިވާ ލިޔުން ގެއްލިފައިވާ ފަރާތްތަކުންވެސް، ވުޒާރާއިން އޭރު ހާމަކޮށްފައިވާ ރަސްމީ ލިސްޓުގައި ނަން އޮތްކަން ފެންނަ ރަސްމީ ލިޔެކިޔުން ހުށައެޅުމުން، އެ ކެޓަގަރީއަށް ކަނޑައަޅާ ޝަރުތު ހަމަވާ ގޮތަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މިހާރު މިވަނީ ކަނޑައަޅާފައެވެ. އަދި އެއްބަސްވުމުގައި ރަޖިސްޓްރީގެ ލިޔެކިޔުން ނެތް ނަމަވެސް، މިގޮތަށް ކުރިމަތިލެވޭނެއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލާފަވަނީ 14 އޭޕްރިލުގެ ނިޔަލަށެވެ.


