ގޯއްޗާއި ފްލެޓަށް އެދި މިހާތަނަށް 5000 އަށްވުރެ ގިނަ ފޯމު
23 ފެބްރުއަރީ 2026 - 06:16

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން، ފްލެޓާއި ގޯއްޗަށް އެދުމަށް މިދިޔަ މަހު ހުޅުވާލި ފުރުސަތުގައި މިހާތަނަށް 5000 އަށްވުރެ ގިނަ ފޯމެ ހުށަހަޅާފައިވާ ކަމަށް ގެދޮރުވެރިކަމާއި ބިނާރާެބެހޭ ވުޒާރާއިން ބުނެފިއެވެ.
އެވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މިހާތަނަށް ޖުމްލަ 5067 މީހުން ވަނީ ފޯމު ހުށަހަޅާފައެވެ. އޭގެތެރެއިން 3434 މީހުން، ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާއިރު، ގޯއްޗަށް އެދި ހުށަހަޅާފައިވަނީ 1633 މީހުންނެވެ. މީގެ އިތުރުން ފޯމު ފުރުގެ ޑްރާފްޓް މަރުހަލާގައި 11،304 މީހުން ތިބިކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ބުނެފައި ވެއެވެ.

Ad by Hajj Corporation
މި މަޝްރޫއުގެ ދަށުން ގޯއްޗާއި ފްލެޓު ދޫކުރާ ކެޓަގަރީތަކަށް ބަލާއިރު، ކެޓަގަރީ 1ގެ ދަށުން ގޯތި ދޫކުރެވޭނީ މާލޭ ރަށްވެހިންގެ އިތުރުން ހާއްަސަ އިސްކަންދެވޭ ކެޓަގަރީތަކަށް ގޯތި ދޫކުރާނީ ގްރޭޓަރ މާލެ ސަރަހައްދުންނާއި ރަސްމާލޭންނެވެ. އަދި، މާލޭގައި ދިރިއުޅޭ އެހެން ރަށްތަކުގެ ރަށްވެހިންނަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމާލޭންނެވެ.
މި އުސޫލުގެ ދަށުން މާލެ އާއި ވިލިމާލެ ހިމެނޭހެން 7،900 ފްލެޓު ދޫކުރެވޭއިރު، މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓު ކަނޑައަޅާފައި ވެއެވެ.
ގޯތި ދޫކުރުމުގައިވެސް މާލެއާއި މާލޭގައި ދިރިއުޅޭ އެހެން ރަށްތަކުގެ ރައްޔިތުންނަށް ޚާއްސަ ކެޓަގަރީ ހިމެނެއެވެ.
އެންމެހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ތަނަވަސްކޮށްދިނުމަށް، ބޯހިޔާވަހިކަމުގެ ސްކީމަށް ބަދަލުތައް ގެންނަމުންދެއެވެ. އެގޮތުން، އަނބިމީހާ/ފިރިމީހާގެ ގޯއްޗެއް އޮތް ނަމަވެސް ގޯއްޗަށް ކުރިމަތިލެވޭނެ ކެޓަގަރީއެއް ކަނޑައެޅުމަށް ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔަ ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ހާމަކުރައްވާފައެވެ.
އަދި ކުރީ ސަރުކާރުގެ "ބިންވެރިޔާ" ސްކީމުން ޖޮއިންޓްކޮށް ގޯތި ލިބުނު މީހުންގެ ތެރެއިން، ޖޮއިންޓްކޮށް ހިމެނޭ އެންމެން، އެންމެން އެއްކޮށް ގޯތި ދޫކޮށްލަން އެއްބަސްވާ ފަރާތްތަކަށް ޚާއްސަ ކެޓަގަރީއެއް ކަނޑައެޅާ، ގޯއްޗަށް އެދުމަށް ހުޅުވާލުމަށްވެސް ނިންމާފައިވާ ކަންވެސް، ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވެފައި ވެއެވެ. މިފަދައިން ދޫކުރުމަށް ހަމަޖެހިފައިވަނީ 2،000 ގޯއްޗެވެ.
މި ސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށަހެޅޭނީ މާރިޗު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފްލެޓަށް އެދި ހުށަހެޅޭނީ އެޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ. ފޯމު ހުށައަޅަނީ އޮންލައިންކޮށް، "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށެވެ.


