ބޮޑުތަކުރުފާނުމަގު ހެދުން: 85 މީޓަރުގެ ސަރަޙައްދެއް ޝީޓްޕައިލްކޮށްފި
16 ޖެނުއަރީ 2026 - 05:22

މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރުގެ ނިޒާމު ރަނގަޅުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ބޮޑުތަކުރުފާނު މަގުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 85 މީޓަރުގެ ސަރަޙައްދެއްގައި ޝީޓް ޕައިލްކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަޝްރޫޢުގެ ދަށުން މިހާތަނަށް 85 މީޓަރުގެ ސަރަޙައްދެއްގައި ޝީޓް ޕައިލްކުރުމުގެ މަސައްކަތް ނިންމާލާފައިވާކަމަށެވެ. އެ ކުންފުނިން ބުނީ މި މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ފެނާއި ނަރުދަމާގެ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް އަންނަ ހަފުތާގެ ނިޔަލަށް ނިންމުމަށް ތާވަލުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން، އިމާރާތްތަކާވީ ފަރާތުގެ ދުވާރު ހެދުމާއި، ފެން ހިންދާ ވަޅުތައް ބެހެއްޓުމުގެ އިތުރުން ކޭބަލް ޖަންކްޝަންތައް ހެދުމުގެ މަސައްކަތްތައްވެސް މިހާރު ބާރުސްޕީޑެއްގައި ކުރިއަށްދާ ކަމަށެވެ. މި މަސައްކަތްތައްވެސް އަންނަ ހަފުތާގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

Ad by Hajj Corporation
މާލޭގެ ވަށަމަގު ހެދުމުގެ މަޝްރޫޢުގެ ދަށުން މާލޭގެ ލޯކަލް މާރުކޭޓު ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއް ތާރު އަޅައިގެން ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެއްގަމު ތޮށި 6 މީޓަރަށް ބޭރަށް ޖައްސައި، މަގު ފުޅާކުރުމަށް ހަމަޖެހިފައިވެއެވެ.
މި މަޝްރޫޢު ނިމުމުން ބާޒާރުމަތީ ސަރަޙައްދުގެ މަގުތަކަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ޙައްލެއް ލިބިފައިވާ ޒަމާނީ މަގުތަކަކަށް ވާނެ ކަމަށް އެމްޓީސީީސީން ބުނެއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1،088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ 140 މީޓަރުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.


