ޕާކިސްތާނުން ބޫޓާނަށް ފެންދީފަ ކަތިލައިފި
16 ޖެނުއަރީ 2026 - 12:01

ތައިލެންޑުގައި މިހާރު ކުރިއަށްދާ ސާފް ފުޓްސެލް މުބާރާތުގައި 4-2 ގެ ނަތީޖާއަކުން ޕާކިސްތާނުން ބޫޓާނުގެ މައްޗަށް ކުރިހޯދައިފިއެވެ.
މި މެޗުގެ ފުރަތަމަ ހާފު ނިމެންދަނިކޮށް ދެ ގޯލު ޖަހާ، ބޫޓާނުން ވަނީ ލީޑު ނަގާފައެވެ. މި ދެ ގޯލުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ދަވާ ޝެރިންގް އެވެ. ބޫޓާނުގެ ފުރަތަމަ ގޯލަކީ، ޕާކިސްތާނުގެ ފައުލު ހަމަވުމުން ލިބުނު ޕެނަލްޓީއަކުން ޖެހި ގޯލެކެވެ. އޭގެފަހުން މާ ގިނައިރެއް ނުވެ، ބޫޓާނުން ވަނީ ލީޑު ފުޅާކޮށް، ހާފުގެ ނިމުން ރަނގަޅުކޮށްފައެވެ.

Ad by Hajj Corporation
ނަމަވެސް ދެވަނަ ހާފުގައި ފެނިގެންދިޔައީ މުޅިން ތަފާތު ޕާކިސްތާނު ޓީމެކެވެ. ހާފު ފެށިގެން 8 ވަނަ މިނެޓުގައި ޕާކިސްތާނަށް ލިބުނު ހިލޭ ޖެހުމަކުން ދިން ޕާހަކުން، ޕާކިސްތާނުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދީފައި ވަނީ ޓީމުގެ ކެޕްޓަން، މުޙައްމަދު ޙައްސާން ޒަފަރު ޚާންއެވެ.
ޕާކިސްތާނުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައި ވަނީ އާސިފް އަޙްމަދު ޗޯދްރީއެވެ. އަދި ތިންވަނަ އަދި ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީފައި ވަނީ މުޙައްމަދު އަދަން އަޝްފާޤް އެވެ.
މުބާރާތުގައި މި ދެ ޓީމު ކުޅުނު ފުރަތަމަ މެޗަށް ބަލާއިރު، ޕާކިސްތާން ވަނީ ރާއްޖެ އަތުން 7-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ބަލިވެފައެވެ. އަދި ބޫޓާން ކުޅުނު ފުރަތަމަ މެޗުގައި އެޓީމު ވަނީ ސްރީލަންކާ އާ 3-3 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.
މުބާރާތުގެ ފިރިހެން ޑިވިޜަނުގެ އެއްވަނައިގައި ގޯލު ފަރަގުން އަދިވެސް އޮތީ ރާއްޖެއެވެ. މި ލީޑު ފުޅާކޮށް، މުބާރާތުގެ ފެށުން އިތުރަށް ފުރިހަމަކުރުމަށް މިއަދު 18:00 ގައި ރާއްޖެ ނުކުންނާނީ ބަންގްލަދޭޝް އާ ދެކޮޅަށެވެ. އެޓީމުގެ ފުރަތަމަ މެޗުގައި އިންޑިއާ އާ ވާދަކޮށް ވަނީ 4-4 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.


