logo
Bank of Maldives

Bank of Maldives

ދުނިޔެ

އީރާން-އެމެރިކާ ނުތަނަވަސްކަން ގޯސްވިޔަނުދިނުމަށް ޢަރަބި ޤައުމުތަކުން މަސައްކަތް ފަށައިފި

އިސްމާޢިލް ރާތިޢު
17 ޖެނުއަރީ 2026 - 06:33
ފޮޓޯ: ގެޓީ އިމޭޖަސް
ފޮޓޯ: ގެޓީ އިމޭޖަސް

އީރާނާއި އެމެރިކާއާ ދެމެދު މިހާރު އުފެދިފައި އޮތް ނުތަނަވަސްކަމުގެ ޙާލަތު އިތުރަށް ގޯސްވެ، އަސްކަރީ ވަރުގަދަ ކުރިމަތިލުމަކަށް ދިއުމުން ސަލާމަތްކުރުމަށްޓަކައި، ޢަރަބި ގަލްފުގެ ޤައުމުތަކުން މަސައްކަތް ފަށައިފިއެވެ.

އީރާންގެ ސަރުކާރާ ދެކޮޅަށް ޢާންމުން ނުކުމެ ކުރަމުންދާ މުޒާހަރާތައް ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެ، އެތައް ބަޔަކު މަރުވެފައި ވެއެވެ. އެކަށީގެންނުވާ މިންވަރަށް ބާރުގެ ބޭނުންކޮށްގެން މުޒާހަރާގެ ބައިވެރިން މަރަމުންދާކަމަށް ތުހުމަތުކޮށް، އެމީހުންގެ ދިފާޢުގައި އެމެރިކާއިން އީރާނަށް ޙަމަލާދޭނެކަމުގެ އިންޒާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ތަކުރާރުކޮށް ދެއްވަމުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، ސަޢުދީ ޢަރަބިއްޔާއިން ދަނީ އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުންނާއެކު މަޝްވަރާތަކެއް ބާއްވާ، އީރާނަށް އެމެރިކާއިން ޙަމަލާދިނުން ހުއްޓުވޭނެ މަގެއް ހޯދަމުންނެވެ. ޤަތަރާއި އޮމާނުންވެސް ދަނީ އެމެރިކާގެ އިތުރުން އީރާންގެ ސަރުކާރާ އެކުވެސް މަޝްވަރާކޮށް، މަޝްރަހު ފިނިކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.

މިކަމަށް މި ތިން ޤައުމުން އިސް ނަގާފައިވަނީ، މިހާރު އޮތް ޙާލަތަށް ސުލްޙަވެރި ޙައްލެއް ގެނައުމަށް އީރާނާއި އެމެރިކާއާ ދެމެދު ބޭއްވި މަޝްވަރާތަކަށް ކުރިއެރުމެއް ނުލިބި ހުއްޓުމަކަށް އައުމާއެކު ކަމަށް ރިޕޯޓުތައް ބުނެއެވެ.

އީރާންގެ މުޒާހަރާތަކުގައި މިހާތަނަށް 2،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެތެރޭގައި ސަލާމަތީ ބާރުތަކުގެ އޮފިސަރުން ހިމެނޭކަމަށް އީރާންގެ ސަރުކާރުން ބުނެފައިވެއެވެ.

އެމެރިކާއިން އީރާނަށް ޙަމަލާދީފިނަމަ، މުޅި ސަރަޙައްދު ހަމަނުޖެހުމުގެ ތެރެއަށް ވެއްޓި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލޭނެކަމުގެ ބިރު އެބައޮތެވެ.

މީގެ އިތުރުން ސަޢުދީ އާއި ޔޫއޭއީ އަދި ތުރުކީވިލާތުގައި ޤާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޙަމަލާދޭނެކަމުގެ އިންޒާރު އީރާނުން ދީފައިވުމަކީ ވެސް، އެ ޤައުމުތަކުގެ ނުތަނަވަސްކަން އިތުރުވެފައިވާ ސަބަބެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާން-އެމެރިކާ ނުތަނަވަސްކަން ގޯސްވިޔަނުދިނުމަށް ޢަރަބި ޤައުމުތަކުން މަސައްކަތް ފަށައިފިދުނިޔެ | 2 ގަޑިއިރު ކުރިންއީރާނާއި އެމެރިކާއާ ދެމެދު މުއާމަލާތުކުރުން ހުއްޓާލައިފިދުނިޔެ | 2 ދުވަސް ކުރިންވޯލްޑް ކަޕުގެ ގުރުނަގަން ދާން އިރާންގެ ޓީމަށް އެމެރިކާއިން ވިސާ ނުދިންކުޅިވަރު | 3 މަސް ކުރިންއެމެރިކާއާއެކު މަޝްވަރާ ކުރަން ތައްޔާރު - އީރާން ދުނިޔެ | 6 މަސް ކުރިން