ޚާމަނާއީ ޝަހީދުވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި
1 މާރިޗު 2026 - 03:00

އީރާނުގެ ރޫޙީ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލާފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އޮފީހުގައި މަސައްކަތްޕުޅުގައި އިންނަވަނިކޮށް ޚާމަނާއީ އަވަހާރަކޮށްލާފައިވާ ކަމަށެވެ. މި ޚަބަރު ދައުލަތުގެ ޓީވީން އިއުލާން ކުރިއިރު، ޕްރެޒެންޓަރުން ދިޔައީ ރޮމުންނެވެ. އަދި އެ ގައުމުގައި 40 ދުވަހުގެ ހިތާމަފާޅުކުރުން އިއުލާންކޮށްފައިވާއިރު، ވީ އެންމެ އަވަހަކަށް އައު ވެރިއަކު އައްޔަންކުރުމުގެ މަސައްކަތް 'އެސެމްބްލީ އޮފް އެކްސްޕާޓްސް' އިން ކުރާނެ ކަމަށް ބެލެވެއެވެ.

Ad by Hajj Corporation
އީރާންގެ ރެޑް ކްރެސެންޓުން މައުލޫމާތު ދޭ ގޮތުގައި މި ހަމަލާތަކުގައި 200 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. އަދި އީރާނުގެ އިސް 40 އޮފިޝަލަކު މަރުވެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
މިކަމުގެ ރައްދުގައި އީރާނުން ވަނީ މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އެމެރިކާގެ ބައިވެރިންނަށް އަމާޒުކޮށް ހަމަލާދޭން ފަށާފައެވެ. މީގެ ތެރޭގައި ދުބާއީ، ދޯހާ، ބަހްރޭން އަދި ކުވެއިތުގައި ހުރި ތަންތަން ހިމެނެއެވެ.
އިނގިރޭސި ބޮޑުވަޒީރު ސަރ ކިއަރ ސްޓާމަރ ވިދާޅުވީ، ސަރަހައްދީ ރައްކާތެރިކަމަށްޓަކައި އިނގިރޭސިވިލާތުން ދިފާއީ ހަރަކާތްތަކުގައި ބައިވެރިވަމުންދާ ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނަށް ބޮން އެޅުން ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް، ކޮންގްރެސްގެ ހުއްދަނެތި ހަނގުރާމަ އިއުލާން ކުރުމުގެ މައްސަލައިގައި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ މެދުގައި ވަނީ ޚިޔާލުތަފާތުވުން އުފެދިފައެވެ.
އދ. އިން ބުނެފައިވަނީ މި އަމަލުގެ ސަބަބުން ސަރަހައްދީ ސުލްހައަށް ބުރޫއަރާނެ ކަމަށެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައި.އާރު.ޖީ.ސީ) އިން ވަނީ އިޒްރޭލަށާއި އެމެރިކާގެ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ. އެ ޖަމާއަތުން ބުނި ގޮތުގައި، އިސްލާމީ ޖުމްހޫރިއްޔާގެ ތާރީޚުގައި ދެވޭ އެންމެ ވަރުގަދަ ހަމަލާތައް ވަރަށް އަވަހަށް ފެށިގެންދާނެއެވެ.


