logo
Bank of Maldives

Bank of Maldives

ދުނިޔެ

އީރާނާއި އެމެރިކާއާ ދެމެދު ނުރަސްމީ މަޝްވަރާތަކެއް

އިސްމާޢިލް ރާތިޢު
7 ފެބްރުއަރީ 2026 - 11:53
ފޮޓޯ: ރޮއިޓާސް
ފޮޓޯ: ރޮއިޓާސް

އީރާންގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕްރޮގުރާމާ ގުޅޭ ގޮތުން އުފެދިފައިވާ ބޮޑެތި ޚިޔާލު ތަފާތުވުންތައް ހައްލުކުރުމަށްޓަކައި އެ ޤައުމާއި އެމެރިކާއާ ދެމެދު ނުސީދާ މަޝްވަރާތައް ފަށައިފިއެވެ.

ދެފަރާތުގެ ދެމެދުގައި ކުރަމުންދާ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރަނީ އޮމާނުންނެވެ. މަޝްވަރާ ކުރަމުންދާ މައުޟޫޢުތައް ފުޅާކުރުމަށް އެމެރިކާއިން ބާރު އަޅަމުން ދިއުމާއެކު، ދެބަސްވުންތަކަށް ޚާރިޖީ ހައްލެއް ހޯދުމަށް ހުރަސްއެޅި، މެދުއިރުމަތީގައި އިތުރު ހަމަނުޖެހުމެއް އުފެދުމުގެ ބިރު ވަނީ ބޮޑުވެފައެވެ.

މަޝްވަރާތައް ރަސްމީކޮށް ފަށާފައިވާ ކަން އީރާނުން ކަށަވަރުކޮށްދީފައި ނުވި ނަމަވެސް، އެ ޤައުމުގެ ޝަރުޠުތައް އޮމާން މެދުވެރިކޮށް އެމެރިކާއާ ހިއްސާ ކޮށްފައިވާ ކަމުގައި އީރާންގެ މަޞްދަރުތަކުން ބުންޏެވެ. މީގެކުރިން، އީރާނާއި އެމެރިކާއާ ދެމެދު މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ "ޝަޓްލް ޑިޕްލޮމެސީ"ގެ އުސޫލުން ނުވަތަ ދެ ފަރާތުގެ ދެމެދުގައި މެދުވެރިއަކު މެސެޖުތައް ބަދަލު ކޮށްދީގެންނެވެ.

މި ވަގުތު މަޝްވަރާތަކަށް އޮތް މައިގަނޑު ހުރަހަކީ މަޝްވަރާކުރެވޭނެ މައުޟޫޢުތަކާ މެދު ދެފަރާތުގެ މެދުގައި އޮތް ބޮޑު ޚިޔާލު ތަފާތުވުމެވެ. އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމު ފިޔަވައި އެހެން އިތުރު މައުޟޫޢަކަށް މަޝްވަރާ ކުރުމަށް ތަހްރާނުން ދަނީ އިންކާރު ކުރަމުންނެވެ. ނަމަވެސް، އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވިދާޅުވީ، ނިއުކްލިޔަރ ޕްރޮގުރާމުގެ އިތުރުން އީރާންގެ ބެލިސްޓިކް މިސައިލް ޕުރޮގުރާމާއި، އެހެން ޤައުމުތަކުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކަށް އީރާނުން އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭ މައްސަލައާ މެދު ވެސް އެމެރިކާއިން މަޝްވަރާ ކުރަން ބޭނުންވާ ކަމުގައެވެ.

ދެފަރާތުގެ މެދުގައި ނުރަސްމީ މަޝްވަރާތައް ކުރަމުން މި ދަނީ ނުރައްކާތެރި ފަސްމަންޒަރެއްގެ ތެރެއިންނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާން ކައިރިއަށް އެމެރިކާގެ އަސްކަރީ ބިޔަ ލަޝްކަރެއް ފޮނުއްވާފައެވެ. އޭގެ ތެރޭގައި އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް އެބްރަހަމް ލިންކަނާއި އިތުރު މަނަވަރުތައް ހިމެނެއެވެ. އަދި، ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ އީރާނަށް ޙަމަލާ ދޭން ޖެހިދާނެ ކަމުގައި ވިދާޅުވެ، އޭނާ ވަނީ އިންޒާރު ދެއްވާފައެވެ.

ޓްރަމްޕްގެ އިންޒާރުތަކަށް އީރާނުން ވެސް ވަނީ ރައްދު ދީފައެވެ. އަދި، އީރާނަށް ޙަމަލާ ދިނުމުގައި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ޤާއިމު ކޮށްފައި އޮތް ގަލްފުގެ ޤައުމުތަކުން ބައިވެރިވެއްޖެ ނަމަ، އެ ޤައުމުތަކަށް ރައްދު ޙަމަލާ ދޭނެ ކަމުގައި ބުނެ، އިންޒާރު ދީފައެވެ. އީރާނަށް އަމާޒުކޮށް އެމެރިކާއިން ދޭ އެއްވެސް ޙަމަލާއެއްގައި ސަޢޫދީ ޢަރަބިއްޔާ އަދި އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)ގެ ސަރަޙައްދު ބޭނުން ކުރުމުގެ އެއްވެސް ފުރުޞަތެއް ނުދޭނެ ކަމުގައި އެ ދެ ޤައުމުން ދާދިފަހުން ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނާއި އެމެރިކާއާ ދެމެދު ނުރަސްމީ މަޝްވަރާތަކެއްދުނިޔެ | 3 ގަޑިއިރު ކުރިންއީރާނަށް ހަމަލާދިނުމަށް އިސްރާއީލުން ދަނީ އެމެރިކާގެ ކިބައިން އެދެމުން، ޓްރަމްޕް ހުރީ ހިމޭނުން: ރިޕޯޓުދުނިޔެ | 3 ދުވަސް ކުރިންއީރާން-އެމެރިކާ ނުތަނަވަސްކަން ގޯސްވިޔަނުދިނުމަށް ޢަރަބި ޤައުމުތަކުން މަސައްކަތް ފަށައިފިދުނިޔެ | 21 ދުވަސް ކުރިންއީރާނާއި އެމެރިކާއާ ދެމެދު މުއާމަލާތުކުރުން ހުއްޓާލައިފިދުނިޔެ | 23 ދުވަސް ކުރިން