ދައުލަތުގެ ރިޒާވްގައި 244 މިލިއަން ޑޮލަރު
17 ޖެނުއަރީ 2026 - 14:00

މި އަހަރު ފެށިއިރު މަރުކަޒީ ބޭންކް، އެމްއެމްއޭގެ ބޭނުންކުރެވޭ ރިޒާވްގައި ހުރީ 244 މިލިއަން ޑޮލަރު ކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މި އަހަރަކީ ބޭރުގެ ބޮޑެތި ދަރަނިތަކެއް ދައްކަންޖެހޭ އަހަރެކެވެ. އަދި އެއް ފަހަރާ އެންމެ ގިނަ ރުފިޔާ ދަރަނީގެ ގޮތުގައި ދައްކަންޖެހޭ ތާރީޚީ އަހަރެކެވެ.

Ad by Hajj Corporation
އޭގެ ތެރޭގައި އޭޕްރީލް މަހު އެއްފަހަރާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ދަރަންޏެއް ހިމެނެއެވެ. އެއީ، ކޮވިޑްގެ ދުވަސްވަރު ވިއްކި އިސްލާމިކް ބޮންޑެވެ.
އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 983.04 މިލިއަން ޑޮލަރެވެ. އަދި، ބޭނުންކުރެވޭ ރިޒާވް ހުރީ 244 މިލިއަން ޑޮލަރުގައެވެ.
ބޭނުން ކުރެވޭ ރިޒާވު ގުނަނީ ރަސްމީ ރިޒާވު އަދި ރަސްމީ ރިޒާވުގައި ނުހިމެނޭ އިންވެސްޓްމެންޓުގެ ގޮތުގައި ހުރި ބޭރު ފައިސާގެ އަދަދުން، ކުރިއަށް އޮތް އަހަރު ދުވަހަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރުފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު ކެނޑުމަށް ފަހެވެ. އެއީ ރިޒާވުން ވަގުތުން ބޭނުންކުރެވޭ ގޮތަށް ހުރި އަދަދެވެ.
މިދިޔަ އަހަރުން ފެށިގެން ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް ޖެހޭ ނިސްބަތުން ޑޮލަރު މާރުކުރަން ވަނީ މަޖުބޫރުކޮށްފައެވެ. އެ ފައިސާގެ 90 އިންސައްތަ މަރުކަޒީ ބޭންކަށް ވިއްކަން މަޖުބޫރުކޮށްފައިވާއިރު، އޭގެ 60 އިންސައްތަ ފައިސާ ބޭނުންކުރަނީ ރިޒާވް ހަރުދަނާކުރަން ކަމަށް ސަރުކާރުން ކުރިން ބުނެފައިވެއެވެ. އަދި، ރިޒާވް ބޭންކް އޮފް އިންޑީއާ އެކު ސޮއިކޮށްފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕަކީ ވެސް ރިޒާވް ހަރުދަނާވުމުގެ ސަބަބެއް ކަމަށް އެމްއެމްއޭއިން މީގެ ކުރިން ބުންޏެވެ.
މި އަހަރު ރާއްޖޭން އަދާކުރަންޖެހޭ ދަރަނީގެ ޖުމުލަ އެއް ބިލިއަން ޑޮލަރަށް އަރައެވެ.


