ސިޓީ ސައިޒަށް ކަނޑައި މެންޗެސްޓަރ ޔުނައިޓެޑުން އާސެނަލްފެ ސަޕޯޓަރުންނަށާް އުފާވެރިކަން ގެނެސްދީފި
17 ޖެނުއަރީ 2026 - 15:26

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުކަމާ ދެވަނަ ފަހަރަށް މައިކަލް ކެރިކް ހަވާލުވި ފުރަތަމަ މެޗުގައި، ބްރަޔަން އެމްބިއުމޯ އާއި ޕެޓްރިކް ޑޯގޫ ޖެހި ލަނޑުތަކުން މެންޗެސްޓަރ ސިޓީގެ މައްޗަށް 2-0 އިން ޔުނައިޓެޑް ކުރި ހޯދައިފިއެވެ. މި މޮޅާއެކު ކެރިކްގެ ދެވަނަ ދައުރު ފެށިގެން ދިޔައީ ހުވަފެނީ ފެށުމަކުންނެވެ.
މެޗުގެ ކުރީކޮޅު ޔުނައިޓެޑުން ވަނީ ވަރުގަދަ ކުޅުމެއް ދައްކާފައެވެ. އެގޮތުން މެޗުގެ ތިންވަނަ މިނެޓުގައި ހެރީ މެގުއަޔާ ބޮލުން ފޮނުވާލި ބޯޅައެއް ގޯލުގެ ހުރަސް ދަނޑީގައި ޖެހުނުއިރު، ފުރަތަމަ ހާފުގައި އަމަދު ދިއާލޯ އާއި ބްރޫނޯ ފެނާންޑޭސް ޖެހި ލަނޑުތައް ވަނީ އޮފްސައިޑްވުމުގެ ސަބަބުން ބަލައިނުގަނެފައެވެ. ސިޓީއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތުގައި މެކްސް އެލީން ފޮނުވާލި ބޯޅަ ޔުނައިޓެޑްގެ ކީޕަރު ސެން ލަމެންސް އާއި ޑިއޯގޯ ޑަލޯ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

Ad by Hajj Corporation
ޔުނައިޓެޑުން މެޗުގެ ލީޑު ނެގީ 65 ވަނަ މިނެޓުގައެވެ. ސިޓީއަށް ލިބުނު ހިލޭ ޖެހުމަކަށްފަހު އުފެއްދި ކައުންޓަރ އެޓޭކެއްގައި، ބްރޫނޯ ފެނާންޑޭސް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ބްރަޔަން އެމްބިއުމޯ އެވެ. އޭގެ ފަހުން 76 ވަނަ މިނެޓުގައި މަތެއުސް ކޫންޏާ ނަގައިދިން ހުރަހަކުން ޕެޓްރިކް ޑޯގޫ ވަނީ ޔުނައިޓެޑްގެ ދެވަނަ ލަނޑު ޖަހައި މެޗުގެ ނަތީޖާ ކަށަވަރުކޮށްދީފައެވެ.
މި ނަތީޖާއާއެކު މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަށް ވަނީ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ. މިއީ އޭނާގެ ކޯޗިން ކެރިއަރުގައި ޔުނައިޓެޑް އަތުން ބަލިވި 10 ވަނަ ފަހަރެވެ. މިމެޗުގައި ޔުނައިޓެޑްގެ ޖުމްލަ ތިން ގޯލެއް ވީއޭއާރުގެ އެހީގައި ބާތިލްކޮށްފައިޥާއިރު، މުލިމެޗުގައިވެސް ސިޓީއަށް ޔުނައިޓެޑްގެ ގޯލާއި އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.
މި މޮޅާއެކު މެންޗެސްޓަރ ޔުނައިޓެޑް ވަނީ ވަގުތީ ގޮތުން ތާވަލުގެ ގަދަ ހަތަރަކަށް ޖެހިލާފައެވެ. އަނެއްކޮޅުން ސިޓީއަށް ވަނީ ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލްއާ ދެމެދު އޮތް ފަރަގު ބޮޑުވުމުގެ ބިރު ކުރިމަތިވެފައެވެ. އެގޮތުން މިރޭ އާސެނަލް ފޮރެސްޓާއި ވާދަކުރާމެޗުން މެޅުވެއްޖެނަމަ ދެވަނައިގައިވާ ސިޓީގެ މައްޗަށް 9 ޕޮއިންޓްގެ ފަރަގެއް ލިބޭނެއެވެ. މިއީ 21އަހަރުފަހުން ލީގުގެ ތަށިހޯދުމަށް މަސައްކަތްކުރާ އާސެނަލްގެ ސަޕޯޓަރުންނަށް ވަރަށް ހިތްހަމަޖެހޭ ނަތީޖާއަކަށް ވެގެންދާނެއެވެ. މައިކަލް ކެރިކް މިހާތަނަށް ޔުނައިޓެޑްގެ ކޯޗެއްގެ ގޮތުގައި ހޭދަކުރި ޖުމްލަ ހަތަރު މެޗުންވެސް އޭނާ ބަލިވެފައެއް ނުވާއިރު، ދެން އެންމެ އަވަހަށް ޔުނައިޓެޑް ނިކުންނާނީ އާސެނަލްއާއި ދެކޮޅަށެވެ.


