ފެތިފައި އޮތް މެޑްރިޑް ޕެނަލްޓީގެ އެހީގައި ފެނުން މައްޗަށް ޖެހިލައިފި
17 ޖެނުއަރީ 2026 - 15:33

ކީލިއަން އެމްބާޕޭ ލަލީގާގައި ކާމިޔާބުކުރި 50 ވަނަ ލަނޑާއެކު، ސެންޓިއާގޯ ބާނަބިއުގަ ކުޅުނު މެޗުން ލެވަންޓޭ 2-0 އިން ބަލިކޮށް ރެއާލް މެޑްރިޑުން ތާވަލުގެ ކުރީގައި އޮތް ބާސެލޯނާއާ އެއް ޕޮއިންޓަށް ގާތަށް ޖެހިލައިފިއެވެ. މިއީ ރެއާލްގެ އާ ކޯޗު އަލްވާރޯ އަރްބެލޯއާގެ އިރުޝާދުގެ ދަށުން އެ ޓީމުން ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ލަނޑު ޖަހާނެ މާ ގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ. އެމްބާޕޭ ފޮނުވާލި ހަމަލާއެއް ގޯލާ އަމާޒުނުވެ ބޭރަށް ދިޔައިރު، ލެވަންޓޭގެ ޕަބްލޯ މާޓިނޭޒް ފޮނުވާލި ހިލޭ ޖެހުމެއް އަމާޒުވީ ގޯލުގެ އަރިމަތީ ދަލަށެވެ. ފުރަތަމަ ހާފުގައި ރެއާލްގެ ފަރާތުން ފެނުނު ކުޅުމާމެދު ސަޕޯޓަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

Ad by Hajj Corporation
ރެއާލް މެޑްރިޑުން މެޗުގެ ލީޑު ނެގީ 58 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ އޭރިއާ ތެރެއިން އެމްބާޕޭއަށް އެޑްރިއަން ޑި ލަ ފުއެންޓޭ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ އެމްބާޕޭ ކާމިޔާބުކުރީ ލެވަންޓޭގެ ކީޕަރު މެތިއު ރަޔަންއަށް އެއްވެސް ފުރުސަތެއް ނުދީއެވެ. މިއީ ލަލީގާގައި އެމްބާޕޭ ކާމިޔާބުކުރި 50 ވަނަ ލަނޑެވެ.
މެޗުގެ 65 ވަނަ މިނެޓުގައި ރެއާލްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ރައުލް އަސެންސިއޯއެވެ. އާރްދާ ގުލާ ނެގި ކޯނަރަކުން އަސެންސިއޯ މި ލަނޑު ޖެހީ ބޮލުންނެވެ. އޭގެ ފަހުން އެމްބާޕޭ އާއި ބެލިންހަމް ފޮނުވާލި ހަމަލާތައް ކީޕަރު ރަޔަން ދިފާއުކުރިއިރު، ފްރެންކޯ މަސްޓަންޓުއޯނޯ ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑީގައި ވަނީ ޖެހިފައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، އެމްބާޕޭ އަކީ 21 ވަނަ ގަރުނުގައި ލަލީގާގައި އެންމެ އަވަހަށް 50 ލަނޑު ހަމަކުރި ދެވަނަ ކުޅުންތެރިޔާއެވެ. އޭނާ މި އަދަދަށް ލަނޑު ހަމަކުރީ 53 މެޗުންނެވެ. މި ރެކޯޑު އޮތް ކްރިސްޓިއާނޯ ރޮނާލްޑޯ 50 ލަނޑު ހަމަކުރީ 51 މެޗުންނެވެ. މީގެ އިތުރުން މިއީ 2003 ވަނަ އަހަރަށްފަހު ރެއާލްގެ ކޯޗަކު އޭނާގެ ފުރަތަމަ މެޗުގައި އެންމެ ޒުވާން ފުރަތަމަ އެގާރައެއް ނެރުނު މެޗުވެސް މެއެވެ.
މިޢި ފާއިތުވެދިޔަ ދެމެޗަށްފަހު ރެއާލްގެ ސަޕޯޓަރުންނަށް ހިންދެމިލަން ލިބުނު ފުރުސަތެކެވެ. އެގޮތުން އެންމެ ފަހުން ކުޅުނު މެޗުގައި ދެވަނަ ޑިވިޝަނުގެ ރެލިގޭޝަން ޒޯނުގައި އޮތް ޓީމެއްއަތުން ބަލިވެ، ކަޕުން އަލްވަދާޢުކިޔާފައިވާއިރު، މިދިޔަ ހަފްތާބަންދުގައި ވާދެވެރި ބާސާއަާއި ދެކޮޅަށް ސުޕަކަޕް ފައިނަލުގައި ވަނީ ބަލިވެފައެވެ.


