ރައްޔިތުންގެ ހިދުމަތުގައި އަޅުގަނޑު ހުންނާނީ 24 ގަޑިއިރު ތައްޔާރަށް: ޖަލީލު
19 ޖެނުއަރީ 2026 - 02:31

ރައްޔިތުންގެ ހިދުމަތުގައި އޭނާ ހުންނާނީ 24 ގަޑިއިރު ތައްޔާރަށް ކަމަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ) ގެ ފަރާތުން މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓު މޭޖާ ޖެނަރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލު ވިދާޅުވެއްޖެއެވެ.
ޖަލީލު މިހެން ވިދާޅުވީ އޭނާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް އާދީއްތަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޫސާ އަލީ ޖަލީލު ވަނީ މާލޭގެ ތަރައްގީއާއި ރައްޔިތުންގެ ހިދުމަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މޭޔަރު ކަމުގައި ކުރެއްވި މަސައްކަތްޕުޅުތަކަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. ޖަލީލު ވިދާޅުވި ގޮތުގައި 2011 އިން ފެށިގެން 10 އަހަރު ވަންދެން މާލޭގެ ރައްޔިތުން ބޭނުންވި ކަންކަން ހާސިލްނުވެ އޮތުމަށްފަހު، މާލެއަށް 'ރަންޒަމާނެއް' އައީ 2021 ވަނަ އަހަރު ރައީސް މުއިއްޒު މޭޔަރު ކަމަށް އިންތިހާބުވެވަޑައިގަތުމާ ގުޅިގެންނެވެ.
ރައީސް މުއިއްޒު މޭޔަރު ކަމުގައި ހުންނެވި ދުވަސްވަރު ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، އެމީހުންގެ އަޑުއަހައި، ގިނަ ދުވަސްވީ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވި ކަމަށް ޖަލީލު ފާހަގަކުރެއްވިއެވެ. އޭނާ މޭޔަރު ކަމަށް ކުރިމަތިލެއްވީ ރައީސް މުއިއްޒު ދެއްކެވި އެ ނަމޫނާގައި ހިފަހައްޓައި، އެމަނިކުފާނު ފެއްޓެވި މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ އަޒުމުގައި ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑު ހުންނާނީ ވަކި ކުލައަކަށް ބެލުމެއް ނެތި 24 ގަޑިއިރު ރައްޔިތުންގެ ހިދުމަތުގައި" ޖަލީލު ވިދާޅުވެފަވެއެވެ.
މާލެއަށް އުފާވެރި އާ ޒަމާނެއް ހޯދައިދިނުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށާއި، މިއީ ގައުމީ ހިދުމަތުގައި ލިބިފައިވާ ތަޖުރިބާގެ ބޭނުން ހިފައިގެން ރައީސް މުއިއްޒު ފަދަ ލީޑަރެއްގެ ފަހަތްޕުޅުގައި މަސައްކަތް ކުރަން ލިބުނު ރަނުގެ ފުރުސަތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.


