ނާޒިމް ހަނދާން ކޮށްދެއްވީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ޚާއްސަ މަޖިލީހުގައި ވެސް އޮތް ވިސްނުމެއްކަން
10 މާރިޗު 2026 - 12:24
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ، މިހާރު ޢަމަލުކުރަމުންދާ ފެހި ޤާނޫނުއަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި ވެސް ވަރަށް ބޮޑަށް ބަހުސްކުރެވި، އެގޮތަށް ޢަމަލުކުރުމަށް ހުށަހެޅުންތަކެއް ހުށަހެޅިފައިވާ ކަމެއްކަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް މިއަދު ހަނދާންކޮށްދެއްވައިފިއެވެ.
ނާޒިމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދެ އިންތިޚާބު ބާއްވާނެ ތާރީޚުތަކާ ގުޅޭގޮތުން ޚާއްޞަ މަޖިލީހުގައި ފުޅާ ދާއިރާއެއްގައި ބަހުސްކުރެވުނު ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން ތިން ހުށަހެޅުމެއް ހުށަހެޅި، އެ މަޖިލީހުން އެކަމަށް ގޮތްތަކެއް ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation
އެގޮތުން ޚާއްޞަ މަޖިލީހަށް ހުށަހެޅުނު އިޞްލާޙުތަކުގެ ތަފްސީލް ހާމަކުރައްވަމުން ނާޒިމް ވިދާޅުވީ، އެއީ މާލޭ މެންބަރު އިބްރާހީމް އިސްމާޢީލް (އިބުރާ) އާއި، މާޅޮސްމަޑުލު އުތުރުބުރީ މެންބަރު ޢަލީ ވަޙީދުގެ އިތުރުން އެ ދާއިރާގެ މެންބަރު ޝާހީން ޙަމީދު ހުށަހެޅުއްވި އިޞްލާޙުތަކެއް ކަމަށެވެ.
އިބްރާހީމް އިސްމާޢީލް ހުށަހެޅުއްވި އިޞްލާޙުގައި ބުނެފައި ވަނީ "ދެން އެންމެ އަވަހަށް އޮންނަ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާނީ އެކުއެކީގައި" ކަމަށެވެ. އަދި މި ދެ އިންތިޚާބު އެކުއެކީގައި ބާއްވާނީ ޤާނޫނުއަސާސީ އަށް ޢަމަލުކުރަން ފަށާތާ ހަ މަސް ދުވަހާއި އަށް މަސް ދުވަހާ ދޭތެރޭގައި ކަމަށް ވެސް އެ އިޞްލާޙުގައިވެއެވެ. މީގެ އިތުރުން ޢަލީ ވަޙީދާއި ޝާހީން ޙަމީދު ހުށަހެޅުއްވި އިޞްލާޙުތަކުގައި ވެސް ބާރުއަޅާފައި ވަނީ 6 މަހާއި 8 މަސްދުވަހުގެ ތެރޭގައި ދެ އިންތިޚާބު އެކުގައި ބޭއްވުމަށެވެ.
ނާޒިމް މި ތާރީޚީ ހަގީގަތްތައް ހަނދާން އައުކޮށްދެއްވާފައި މިވަނީ، ރާއްޖޭގެ ބޮޑު ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ސިޔާސީ މަޝްރަޙުގައި ބަހުސްތައް ގަދަވެފައިވާ ދަނޑިވަޅެއްގައެވެ. މި ބަދަލާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ނެގުމަށް މިހާރު ވަނީ ތާވަލުކުރެވިފައެވެ.
ޚާއްޞަ މަޖިލީހުގައި މިކަމުގެ ބަހުސް މީގެ ކުރިން ހިންގާފައިވުމުން އެނގިގެންދަނީ، މިއީ ޤާނޫނުއަސާސީ އެކުލަވާލި އިރުވެސް މެންބަރުންގެ މެދުގައި މަޝްވަރާކުރެވި، ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރެވިފައިވާ ކަމެއްގެ ގޮތުގައި ނާޒިމް ފާހަގަކުރެއްވިއެވެ.


