logo
Bank of Maldives

Bank of Maldives

ޚަބަރު

ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ކަމަށް ޙަސަން ޝާކިރު

އިސްމާޢިލް ރާތިޢު
19 ޖެނުއަރީ 2026 - 12:27
ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ކަމަށް ޙަސަން ޝާކިރު

ރާއްޖޭގެ މަޝްހޫރު ޅެންވެރިޔާ އަދި ލިޔުންތެރިޔާ ހ. ހުދުފިނިފެންމާގޭ ޙަސަން ޝާކިރު މުޙައްމަދު، ދިވެހިބަހުގެ އެކެޑަމީގެ ރައީސް ކަމަށް ހޮވިވަޑައިގެންފިއެވެ.

އޭނާ މި މަގާމަށް ހޮވާފައިވަނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ދިވެހިބަހުގެ އެކަޑެމީގެ މެންބަރުންގެ ބައްދަލުވުމުގައި ނެގުނު ސިއްރު ވޯޓަކުންނެވެ. ޙަސަން ޝާކިރު މި މަޤާމަށް ހޮވިވަޑައިގަތީ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިވެހިބަހުގެ އެކަޑެމީގެ މެންބަރުން:

  1. ޙަސަން ޝާކިރު މުޙައްމަދު (ރައީސް)
  2. ޒުލްފާ އިބްރާހީމް (ނައިބު ރައީސް)
  3. ޢިޔާޒް ޖާދުﷲ ނަސީމް (މެންބަރު)
  4. އިބްރާހީމް ވަޙީދު (މެންބަރު)
  5. ފާޠިމަތު ޢައްޒަ (މެންބަރު)

ޙަސަން ޝާކިރު މުޙައްމަދަކީ ކުޅަދާނަ ޅެންވެރިއެކެވެ. ލިޔުންތެރިއެކެވެ. މިހާތަނަށް އަށް ފޮތް ޝާއިޢުކުރައްވާފައިވެއެވެ. ޝާކިރަށް ލިބިވަޑައިގެންފައިވާ އިނާމުތަކަށް ބަލާއިރު، ދިވެހި ޅެންވެރިކަމުގެ ރޮނގުން 1998 ވަނަ އަހަރު، ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، އަދި 2007 ވަނަ އަހަރު، ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ދިވެހިބަހުން ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި 2022 ވަނަ އަހަރު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމުވެސް ޝާކިރަށް ވަނީ ލިބިވަޑައިގެންފައެވެ.

ޙަސަން ޝާކިރު ވަނީ ވަރަށް ގިނަ އަދަބީ ޚިދުމްތަކެއް ކުރައްވާފައެވެ. އޭގެ ތެރޭގައި އެކި ފެންވަރުގައި ޅެންވެރިކަމުގެ ކޯސްތައް ހިންގެވުމާއި އަދަބީ މަސައްކަތް ކުރާ މީސްމީހުންނަށް އެހީތެރިވުމާއި އަދަބީ މުބާރާތްތަކުގެ ފަނޑިޔާރުކަން ކުރެއްވުން ހިމެނެއެވެ. އޭނާއަކީ ދިވެހިރާއްޖޭގެ ލިޔުންތެރިންގެ ޖަމްޢިއްޔާ ލިޔުންތެރިންގެ ގުޅުމުގެ ނައިބު ރައީސްކަން ދެ ދައުރެއްގައި ކުރައްވައިފައިވާ ބޭފުޅެކެވެ. އެ ޖަމްޢިއްޔާ އުފައްދަން ކުރެވުނު މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވެވަޑައިގަތުމުގެ އިތުރަށް ޖަމްޢިއްޔާ އުފެދުނީއްސުރެ 2023 ވަނަ އަހަރާ ހަމައަށް އެ ޖަމްޢިއްޔާގެ އެކި މަގާމުތައް ފުރުއްވައި އަމަލީ ގޮތުން އެތައް މަސައްކަތެއް ވަނީ ކުރައްވައިފައެވެ.

ދިވެހިބަހުގެ އެކަޑެމީގެ ރައީސްކަން އެންމެ ފަހުން ހުންނެވީ ޑރ. އަޝްރަފް ޢަބްދުއްރަޙީމެވެ. މިދިޔަ މަހު އޭނާ ރައީސްކަމުންނާއި މެންބަރުކަމުން އިސްތިއުފާދެއްވީމާ އެކަޑެމީގެ ބޯޑުން ހުސްވީ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވީ ޙަސަން ޝާކިރު މުޙައްމަދެވެ. އެކަޑެމީގެ ގާނޫނުގައި އޮންނަ ގޮތުން ރައީސް ކަމަށް ބޭފުޅަކު ހޮވަނީ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. އެކަޑެމީގެ މެންބަރެއްގެ ދައުރަކީ ފަސް އަހަރެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ކަމަށް ޙަސަން ޝާކިރުޚަބަރު | ގަޑިއިރެއް ކުރިންވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފިޚަބަރު | 6 މަސް ކުރިންޅެންވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ މި މަހު 25ގައި، ޚާއްޞަ ކުރަނީ ސޯދުބެއަށްޚަބަރު | އަހަރެއް ކުރިން