ޅެންވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ މި މަހު 25ގައި، ޚާއްޞަ ކުރަނީ ސޯދުބެއަށް
14 ޖެނުއަރީ 2025 - 14:24

ޅެންވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ މި މަހު 25ގައި ބާއްވަން ދިވެހި ބަހުގެ އެކެޑަމީން ނިންމައިފިއެވެ.
ކޮންމެ އަހަރަކު ވެސް ޅެންވެރިންގެ ދުވަސް ތަޚުޞީޞް ކުރަނީ ޅެންވެރިއަކަށެވެ. މި އަހަރުގެ ޅެންވެރީންގެ ދުވަސް ތަޚުޞީޞް ކުރައްވަނީ 1992ވަނަ އަހަރު ދިވެހި ޅެންވެރިކަމުގެ ރޮނގުން އާންމު ޚިދުމަތުގެ ހިތްވަރުދިނުމުގެ ޤައުމީ އިނާމު ހާސިލުކުރައްވައިފައިވާ އަލްފާޟިލް އަބްދުﷲ ޞާދިޤަށެވެ.

Ad by Hajj Corporation
ޅެންވެރީންގެ ދުވަހަކީ ދިވެހި ޅެންވެރިކަމުގެ ޝާޢިރުއްޝަބާބް، އަލްއުސްތާޛު އަލްމަރުޙޫމު އިބްރާހީމް ޝިހާބުގެ ހަނދާނުގައި ސަރުކާރުން ރަސްމީކޮށް ފާހަގަކުރާ ދުވަހެކެވެ. ޅެންވެރީންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ 15ވަނަ ދުވަހެވެ. މި ދުވަހުގެ މައިގަނޑު މަޤުޞަދަކީ ދިވެހި ޅެންވެރީންގެ ޚިދުމަތުގެ އަގު ވަޒަންކުރުމާއި ދިވެހި ޅެންވެރިކަމަށް ދިވެހީން ހޭލުންތެރިކުރުވައި ބަހުގެ އަދަބުގެ ލޯބި އާލާކޮށް ދިރުވުމެވެ. އެ ގޮތުން މި އަހަރުގެ ޅެންވެރީންގެ ދުވަހުގެ ޝިއާރަކީ "އަހަންނަކީ ދިވެއްސަކީން. ދިވެހި އުޅުމުގެ ވެއްސަކީން"އެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުގެ ޅެންވެރީންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެ ގޮތުން ޅެންވެރީންގެ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ 2025 ޖަނަވަރީ 16 ވާ ބުރާސްފަތި ދުވަހުގެ ރޭ 8:30ގައި ސެންޓަރ ފޮރ ހަޔަރ އެޑިއުކޭޝަން (ހުޅުމާލެ)ގައެވެ. މި ޖަލްސާގައި ދިވެހިރާއްޖޭގެ ގިނަ ޅެންވެރީންނާއި ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގައި މަސައްކަތްކުރައްވާ ގިނަ ފަރާތްތަކުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
މީގެ އިތުރުން ޅެންވެރީންގެ ގުންޒަރުގެ ނަމުގައި ބާއްވާ ހަފުލާއެއް 2025 ޖަނަވަރީ 30ގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިއީ ގިނަ ޅެންވެރީންގެ ހުނަރުތައް އެއް ތަނަކުން ފެންނާނެ ހަރަކާތްތަކެއް ހިމެނޭ ގޮތަށް ބާއްވާ ހަފުލާއެކެވެ. މި ހަފުލާގައި ވެސް ޅެންވެރީންނާއި ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގައި މަސައްކަތްކުރައްވާ ގިނަ ބޭފުޅުންގެ އިތުރުން އިސްކޫލު ދަރިވަރުންނާއި މުދައްރިސުން ބައިވެރިވާނެއެވެ.


