ރައީސްގެ ދެ ކަނބަލުންނަށް އިންޑިޔާއިން ޙޫނު މަރުޙަބާއެއް ކިޔައިފި
7 އޮކްޓޯބަރު 2024 - 05:40

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު އިންޑިޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެކަނބަލުންނަށް ރަސްމީކޮށް ޙޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.
މިއަދު ހެނދުނު، އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގައި އެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވީ އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއާއި އެ ގައުމުގެ ރައީސް ދްރޫޕަތީ މުރްމުއެވެ. އިންޑިޔާގެ ރައީސްގެ ގެކޮޅުގައި މިއަދު އޮތް ރަސްމިއްޔާތުގައި ބޮޑު ވަޒީރު މޯދީ އަދި ރައީސްގެ އިތުރުން، އިންޑިޔާގެ ސަރުކާރުގެ މަތީ ފަންތީގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.
.png&w=750&q=75)
Ad by Hajj Corporation
އެ ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި ވަޑައިގެންނެވި ވަފުދު ވެސް ބައިވެރިވެވަޑައިގަންނަވައިފައިވެއެވެ.
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީގެ ދައުވަތަކަށް ރައީސް އިންޑިޔާއަށް ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައެވެ. އެ ދަތުރުފުޅުގައި މިހާތަނަށް ރައީސް ވަނީ އެގައުމުގެ ޚާރިޖީ ވަޒީރު ސުބްރަޔަމަން ޖައިޝަންކަރުއާ ވެސް ބައްދަލުކުރައްވާފައެވެ. އަދި މިއަދުގެ ރަސްމިއްޔާތަށް ފަހު އެގައުމުގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީ، އަދި އެ ޤައުމުގެ އިސް ވެރިންނާ ވެސް ރައީސް ބައްދަލުކުރައްވާނެއެވެ.
އިންޑިޔާއަށް ރައީސް ކުރައްވާ ދަތުރުފުޅަކީ، ރައީސް މުޢިއްޒު އިންޑިޔާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. މީގެ ކުރިން ވެސް އެމަނިކުފާނު ވަނީ، ބޮޑުވަޒީރު މޯދީ ހުވާކުރެއްވި ދަރުބާރަށް އިންޑިޔާއަށް ވަޑައިގަންނަވައިފައެވެ.


