މިދިޔަ އަހަރުގެ ބަޖެޓް ޑެފިސިޓް ބޮޑުތަނުން ކުޑަވެއްޖެ
20 ޖެނުއަރީ 2026 - 05:02

ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެ، ޖުމުލަ ޚަރަދުތައް ކުޑަވުމާ ގުޅިގެން މިދިޔަ އަހަރުގެ ދައުލަތުގެ އޯވަރއޯލް ޑެފިސިޓް 73.5 އިންސައްތަ ކުޑަކުރެވިފައިވާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ދައުލަތުގެ ބަޖެޓަށް ލިބުނު އާމްދަނީއާއި ޚަރަދުތައް ދައްކުވައިދޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާގޮތުގައި، 2025 ވަނަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެ، ޖުމްލަ ޚަރަދުތައް ކުޑަވުމާ ގުޅިގެން ދައުލަތުގެ އޯވަރއޯލް ޑެފިސިޓް ވަނީ 2024 ވަނަ އަހަރާ އަޅައިބަލާއިރު 9.6 ބިލިޔަން ރުފިޔާއިން ދަށްވެފައެވެ. މިއީ ކުރީ އަހަރާ އަޅައިބަލާއިރު 73.5 އިންސައްތައިގެ ދަށްވުމެކެވެ.
ޑިސެންބަރު 2025 ގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ ވަނީ 39.6 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 35.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 12.9 އިންސައްތައިގެ ކުރިއެރުމެކެވެ.
2025 ވަނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވަނީ 39.8 ބިލިޔަން ރުފިޔާއެވެ. އެ އަހަރުގެ ބަޖެޓު ހުށަހެޅިއިރު ހިލޭ އެހީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ލިބޭނެކަމަށް ބެލެވުނު ނަމަވެސް، އަހަރު ނިމުނުއިރު ލިބިފައިވަނީ 415.2 މިލިއަން ރުފިޔާއެވެ.
އަންދާޒާތަކަށްވުރެ ހިލޭ އެހީގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވި ނަމަވެސް، ޓެކްސް އަދި އެނޫން އާމްދަނީގެ ގޮތުގައި ލިބިފައިވާ މިންވަރު ވަނީ ބަޖެޓުގެ އަންދާޒާތަކަށްވުރެ 5.5 އިންސައްތަ ނުވަތަ 2.0 ބިލިއަން ރުފިޔާ އިތުރުވެފައެވެ.

Ad by Hajj Corporation
ޓެކުހުގެ އާމްދަނީގެ ގޮތުގައި ޖުމްލަ 29.2 ބިލިއަން ރުފިޔާ މިދިޔަ އަހަރު ލިބިފައިވާއިރު، މިއީ ކުރީ އަހަރު ލިބުނު 26.4 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 10.6 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓީޖީއެސްޓީގެ ގޮތުގައި 11.0 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ކުރީ އަހަރު ލިބުނު 9.5 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 15.2 އިންސައްތައިގެ ކުރިއެރުމެކެވެ. ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ 10.0 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، މިއީ ކުރީ އަހަރުގެ 8.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު %24.0 ގެ ކުރިއެރުމެކެވެ. އަދި ފާސްކުރި މިންވަރަށްވުރެ 2.0 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
ރިޕޯޓުގައިވާގޮތުން 2024 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުގެ އޯވަރއޯލް ޑެފިސިޓް ހުރީ 13.1 ބިލިއަން ރުފިޔާގައެވެ. 2025 ވަނަ އަހަރުގެ ނިޔަލަށް މި އަދަދު ވަނީ 3.5 ބިލިއަން ރުފިޔާއަށް ކުޑަކުރެވިފައެވެ. މިއީ ދައުލަތުގެ ޚަރަދުތައް ކޮންޓްރޯލްކުރުމާއެކު އާމްދަނީގެ ސިޔާސަތުތަކަށް ގެނެސްފައިވާ ބަދަލުގެ ހެޔޮ ނަތީޖާކަމަށް މާލީ ވުޒާރާއިން ބުނެއެވެ.
އިންވެސްޓަރުން ދައުލަތުގެ މާލީ ދެމެހެއްޓެނިވިކަން ވަޒަންކުރުމުގައި ބަލާ މުހިންމު މިންގަނޑެއް ކަމަށްވާ ޕްރައިމަރީ ބެލެންސް (ދަރަނީގެ އިންޓްރެސްޓް ޚަރަދު ނުހިމަނައި، އާމްދަނީއާއި ޚަރަދުގެ ފަރަގު) ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. އެގޮތުން2024 ވަނަ އަހަރު 8.4 ބިލިޔަން ރުފިޔާއިން ޑެފިސިޓްވި ޕްރައިމަރީ ބެލެންސް، 2025 ވަނަ އަހަރު ނިމުނުއިރު ހުރީ 1.2 ބިލިޔަން ރުފިޔާގެ ސަރޕްލަސްއެއްގައެވެ. މިއީ ފަހުގެ ތާރީޚެއްގައި ފުރަތަމަ ފަހަރަށް ޕްރައިމަރީ ސަރޕްލަސް އެއްގައި މާލީ އަހަރެއް ނިންމާލެވުނު ފުރަތަމަ ފަހަރުކަން މާލީ ވުޒާރާއިން ފާހަގަކުރެއެވެ.


