ބޭރުގެ ފަރާތްތަކުން ވިއްކާ ޓޫރިޒަމް ޕްރޮޑަކްޓްތަކުން ނަގަމުން އައި ޖީއެސްޓީ އުވާލައިފި
19 ނޮވެމްބަރު 2026 - 19:56

ދިވެހިރާއްޖޭގައި ވިޔަފާރީގެ ދާއިމީ ތަނެއް ނެތް ބޭރުގެ ފަރާތްތަކުން ވިއްކާ ޓޫރިޒަމް ޕްރޮޑަކްޓްތަކުން، 1 އޮކްޓޫބަރު 2026 އިން ފެށިގެން 17 އިންސައްތައިން ނަގަމުން އައި ޖީއެސްޓީ، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނަގާ ގާނޫނަށް ގެނައި އިސްލާހަކުން އުވާލައިފިއެވެ. މި މުއްދަތުގައި ނަގާފައިވާ ޖީއެސްޓީ، އެ ޓެކްސް ނެގި ފަރާތްތަކަށް އަނބުރާ ދޭން ޖެހޭނެއެވެ.
މިއީ ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް ގެނެވުނު 9 ވަނަ އިސްލާހު، ގާނޫނު ނަންބަރު 19/2026 އެވެ. ގާނޫނަށް އަމަލުކުރަން ފަށާނީ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން ކަމަށް ގާނޫނުގައި ބުނެފައިވާއިރު، އެ ގާނޫނު ގެޒެޓުގައި ޝާއިއުކޮށްފައިވަނީ 19 ނޮވެންބަރު 2026 ގައެވެ. އިސްލާހުގެ ބައެއް ބަދަލުތަކަށް އަމަލުކުރަން ފަށާނީ 1 ޖަނަވަރީ 2027 އިންނެވެ.
.png&w=750&q=75)
Ad by Hajj Corporation
ގާނޫނުގައި "އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓް" ގެ ނަމުގައި ބަޔާންކޮށްފައި ވަނީ، ދިވެހިރާއްޖޭގައި ހިންގާ އެކޮމޮޑޭޝަން، ކެއުން، ދަތުރުފަތުރު ނުވަތަ އެހެން ޓޫރިސްޓް ހަރަކާތްތަކެވެ. ދިވެހިރާއްޖޭގައި ވިޔަފާރީގެ ދާއިމީ ތަނެއް ނެތް ފަރާތްތަކުން އެފަދަ ޕްރޮޑަކްޓްތަކާއި، އެއާ ގުޅޭ އޭޖެންސީ ނުވަތަ ބުކިންގ ހިދުމަތް ފޯރުކޮށްދިނުމުން، ޓޫރިޒަމް ދާއިރާގެ 17 އިންސައްތަ ރޭޓުގައި ޖީއެސްޓީ ނަގަން 1 އޮކްޓޫބަރު 2026 އިން ފެށިގެން ގާނޫނުގައި ލާޒިމުކޮށްފައިވިއެވެ. އާ އިސްލާހުން އެ ނެގުން ހުއްޓާލައި، އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓާ ގުޅޭ ހުރިހާ މާއްދާއެއް ގާނޫނުން އުނިކޮށްފިއެވެ. އަދި 1 އޮކްޓޫބަރުން ފެށިގެން އިސްލާހަށް އަމަލުކުރަން ފެށުމާ ހަމައަށް ހިނގި މުއްދަތާ ގުޅިގެން، އެ ހިދުމަތް ދިން ފަރާތްތަކުން އިތުރު އިލްތިޒާމެއް އަދާކުރާކަށް ނުޖެހޭނެއެވެ.
އިސްލާހުން ޖީއެސްޓީ އަށް ރަޖިސްޓަރީ ކުރަން ޖެހޭ މިންވަރުވެސް އުފުލާލައިފިއެވެ. 1 ޖަނަވަރީ 2027 އިން ފެށިގެން، ރަޖިސްޓަރީ ކުރަން ލާޒިމުވާނީ 12 މަސްދުވަހުގެ ތެރޭގައި ފޯރުކޮށްދޭ މުދަލާއި ހިދުމަތުގެ ޖުމްލަ އަގު 1,500,000 ރުފިޔާއަށްވުރެ އިތުރުވާ ފަރާތްތަކަށެވެ. މިހާރު އެ އަދަދަކީ 1,000,000 ރުފިޔާއެވެ. އަދި އެ ތާރީހުން ފެށިގެން، 12 މަސްދުވަހުގެ ވިއްކުން 750,000 ރުފިޔާއަށްވުރެ މަދުވާ ފަރާތްތަކަށް ރަޖިސްޓަރީ ބާތިލުކުރަން އެދެވޭނެއެވެ. މިހާރު އެ އަދަދަކީ 500,000 ރުފިޔާއެވެ. މިހާރު ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން އަލުން ރަޖިސްޓަރީ ކުރާކަށް ނުޖެހޭނެއެވެ.
ޖީއެސްޓީ ދެއްކުމުން އެއްކިބާވުމަށް ކުރާ މުއާމަލާތްތައް ބަލައިނުގަތުމުގެ އާ މާއްދާއެއްވެސް އިސްލާހުން ގާނޫނަށް އިތުރުކޮށްފިއެވެ. އެ މާއްދާގެ ދަށުން، މުއާމަލާތެއް ކުރި ހަމައެކަނި ނުވަތަ މައިގަނޑު ސަބަބަކީ ޓެކުހާ ގުޅޭ މަންފާއެއް ހޯދުން ކަމަށް ބެލެވޭނަމަ، ޓެކްސް ހިސާބުކުރުމުގައި އެ މުއާމަލާތް ނުކުރާ ކަމުގައި ބެލުމުގެ އިޚްތިޔާރު މީރާގެ ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ. ދައްކަންޖެހޭ ޖީއެސްޓީ ކުޑަވުމާއި، އިންޕުޓް ޓެކްސް އިތުރުވުމާއި، ރީފަންޑު އިތުރުވުން ނުވަތަ އަވަސްވުމާއި، ޓެކްސް ދައްކަންޖެހޭ ތާރީހު ފަސްވުން، ޓެކުހާ ގުޅޭ މަންފާގެ ތެރޭގައި ހިމަނާފައިވެއެވެ.
އަދި ގުޅުންހުރި ފަރާތްތައް ނޫން ފަރާތްތަކަށް ވިއްކާ މުދަލާއި ހިދުމަތުގެ އަގު ކަނޑައަޅާނީ ގަވާއިދުގައިވާ ގޮތުގެމަތިން ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ. އިސްލާހާ ގުޅިގެން ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތަކާއި އާ ގަވާއިދުތައް، ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 90 ދުވަހުގެ ތެރޭގައި ގެޒެޓުގައި ޝާއިއުކުރަން ޖެހޭނެއެވެ.

-01.jpg&w=3840&q=75)
