logo
Bank of Maldives

Bank of Maldives

ކުޅިވަރު

ފަސްތަރީގެ ރާއްޖެއިން ވަރުގަދަ އިންޑިޔާ ސައިޒަށް ކަނޑާލައި އެއްވަނައިގައި ހަމަޖެހިލައިފި

އަބްދުﷲ ޣާނިމް
20 ޖެނުއަރީ 2026 - 11:57
ފޮޓޯ؛ ސާފް
ފޮޓޯ؛ ސާފް

ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ރާއްޖެއިން ކުޅުނު ތިންވަނަ މެޗުގައި ވާދަވެރި އިންޑިއާގެ މައްޗަށް 0-5 ގެ ބޮޑު ނަތީޖާއަކުން ކުރިހޯދައި، މުބާރާތުގެ ތާވަލުގެ އެއްވަނައިގައި ރާއްޖެއިން މަގާމު ވަރުގަދަކޮށްފިއެވެ. ބެންކޮކުގެ ނޮންތަބުރީ ހޯލުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އިންޑިއާއިން ނުރައްކާތެރި ހަމަލާތަކެއް އުފެއްދި ނަމަވެސް، ރާއްޖޭގެ ކީޕަރު ޒައިދާން އަޙްމަދު ވަނީ ހުށިޔާރުކަމާއެކު އެ ހަމަލާތައް ދިފާއުކޮށްފައެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައި ރާއްޖެއަށް ލީޑު ހޯދައިދިނީ ކެޕްޓަން މުޙައްމަދު އިމްރާން (އިންމި) އެވެ. މިއީ މެޗުގެ 12 ވަނަ މިނެޓުގައި އަބްދުﷲ ޝާއު (ޝާއްޕެ) ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. ފުރަތަމަ ހާފުގައި ރާއްޖެއިން ބޮޑަށް ބެލީ ޑިފެންސިވް ގޭމެއް ކުޅެ އިންޑިއާގެ ހަމަލާތައް ހުއްޓުވުމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފު ފަށައިގެން ރާއްޖެއިން ކުޅުން ވަރުގަދަކޮށް، ހާފުގެ ކުރީކޮޅު ދެ ލަނޑު ޖެހިއެވެ. އެގޮތުން ޝާފިއު ރާއްޖޭގެ ދެވަނަ ލަނޑު ކާމިޔާބުކުރިއިރު، ތިންވަނަ ލަނޑު ޖަހައިދިނީ ހުޒެއިފަތު ރަޝީދު (ހުޒޭ) ތަނަވަސްކޮށްދިން ފުރުސަތަކުން އަލީ ޝަމާލް އަބްދުﷲ (ޝަންމު) އެވެ. މި ލަނޑުތަކާއެކު ރާއްޖެއިން މެޗުގެ ކޮންޓްރޯލް މުޅިން އަތުލިއެވެ.

މެޗުގެ ފަހުކޮޅު އިންޑިއާއިން ޕަވާ ޕްލޭއަށް ބަދަލުކޮށްގެން ކުޅެމުންދަނިކޮށް، ރާއްޖެއިން ވަނީ އިތުރު ދެ ލަނޑު ޖަހާފައެވެ. ކެޕްޓަން އިމްރާން އޭނާގެ ދެވަނަ ލަނޑު އަމިއްލަ ހާފުގައި ހުރެފައި ކާމިޔާބުކުރިއިރު، ރާއްޖޭގެ ފަސްވަނަ ލަނޑު ވެސް ހަމަ އެގޮތަށް ކާމިޔާބުކޮށްދިނީ އަޙްމަދު ހަމީދު (އައްމަޑޭ) އެވެ.

މި މޮޅާއެކު ރާއްޖެ މިވަގުތު އޮތީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ 9 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް ޕާކިސްތާނަށް ހަތަރު މެޗުން 7 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ނޭޕާލަށް ލިބިފައިވަނީ 5 ޕޮއިންޓެވެ. ރާއްޖެ އަތުން ބަލިވި އިންޑިއާ އޮތީ 2 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައެވެ.

މި ނަތީޖާއާއެކު، އަލަށް ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުގެ ފުރުސަތު ރާއްޖެއަށް މިވަނީ ވަރަށް ބޮޑަށް ތަނަވަސްވެފައެވެ. ލީގު އުސޫލުން ކުޅޭ މިމުބާރާތުގައި ކޮންމެ ޓީމެއްވެސް މުބާރާތުގައި ޖުމްލަ 7 މެޗު ކުޅެންޖެހޭއިރު، ރާއްޖެ މިވަނީ މިވަގުތު ކުޅުނު ހުރިހާ މެޗަކުން މޮޅުވެ އެއްވަނައިގައެވެ. ދެވަނައިގައި އޮތީ 7 ޕޮއިންޓާއެކު ޕާކިސްތާނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަސްތަރީގެ ރާއްޖެއިން ވަރުގަދަ އިންޑިޔާ ސައިޒަށް ކަނޑާލައި އެއްވަނައިގައި ހަމަޖެހިލައިފިކުޅިވަރު | 2 ގަޑިއިރު ކުރިންސާފް ފުޓްސަލް ޗެމްޕިއަންޝިޕް: ޕާކިސްތާން ފަސޭހައިން ބަލިކޮށް ރާއްޖެ ތާވަލުގެ އެއްވަނައަށްކުޅިވަރު | 6 ދުވަސް ކުރިން