ނޭޕާލް ބަލިކޮށް ރާއްޖެއިން ސާފް ފުޓްސަލް ޗެންޕިއަންޝިޕް ކާމިޔާބުކުރުމާއި ގާތަށް ޖެހިލައިފި
22 ޖެނުއަރީ 2026 - 08:58

ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުން ކުޅުނު ހަތަރުވަނަ މެޗުވެސް ކާމިޔާބުކޮށް، ލީގު ތާވަލްގެ އެންމެ ކުރިން ލީޑު ފުޅާކޮށްފިއެވެ. ނޭޕާލާ ދެކޮޅަށް ކުޅުނު މި މެޗު ދިވެހި ޓީމުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ރާއްޖެ މިވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމާ ގާތްގަނޑަކަށް އެންމެ ޕޮއިންޓަކަށް ގާތަށް ޖެހިލާފައެވެ.
ފޮއިންޓް ޓޭބަލް

Ad by Hajj Corporation
މެޗު ފަށައިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އެޓޭކްކޮށްފައިވަނީ ދިވެހި ޓީމުންނެވެ. ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ނުދިޔަ ނަމަވެސް، ރާއްޖެއިން ވަނީ ނުރައްކާތެރި ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މިގޮތުން ރާއްޖޭގެ ތިން ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، ނޭޕާލްގެ ކީޕަރު ވަނީ ހުށިޔާރުކަމާއެކު މުހިންމު ސޭވްތަކެއް ކޮށްފައެވެ.
ދެވަނަ ހާފު ފެށިގެން ކުރީކޮޅު ރާއްޖެއިން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑަކީ ނޭޕާލްގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި އަބްދުﷲ ޝާފިއު ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއީ އަހުމަދު ހަމީދު ނޭޕާލްގެ ޕެނަލްޓީ އޭރިއާ ތެރެއިން ބޯޅަ ހޯދައި، ކީޕަރު ކައިރިން ނައްޓާލުމަށްފަހު ޝާފިއުއަށް ޖައްސާލި ބޯޅައަކުން ކާމިޔާބުކުރި ލަނޑެކެވެ.
ނަމަވެސް، ރާއްޖެއިން ލަނޑު ޖެހިތާ މިނެޓެއްގެ ތެރޭގައި ނޭޕާލުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ލިބުނު ކޯނަރެއްގެ ބޭނުންހިފާ މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބިކްރާތު ނާސިންގ ރާނާއެވެ. މި ލަނޑަށްފަހު ނޭޕާލުން ވަނީ ރާއްޖޭގެ ފަހަތަށް ބާރުބޮޑުކޮށް، ގާތްގާތުގައި ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ.
މެޗުގެ ފޯރިގަދަވެފައިވަނިކޮށް، ނިމެން 7 މިނެޓަށް ވެފައިވަނިކޮށް ނޭޕާލްގެ އަމިތު ލާމާއަށް ވަނީ ޝާފިއުއަށް ކުރި ފައުލަކާ ގުޅިގެން ރަތްކާޑު ދައްކާފައެވެ. މި ފައުލާ ގުޅިގެން ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުން ސީދާ ގޯލުގެ ތެރެއަށް ވައްދާލައިގެން ރާއްޖެ މޮޅުކޮށްދިން ލަނޑު ޖަހައިދިނީ ކެޕްޓަން މުހައްމަދު އިމްރާން އެވެ. މިއީ މި މުބާރާތުގައި އިމްރާން ކާމިޔާބުކުރި 7 ވަނަ ލަނޑެވެ.
މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުކުރުމަށް ރާއްޖެއަށް މިހާރު ބޭނުންވަނީ ކުރިއަށް އޮތް ދެ މެޗުން އެންމެ ދެ ޕޮއިންޓެވެ. ނަމަވެސް މިއަދު ކުޅޭ ޕާކިސްތާނާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗު އެއްވަރުވެއްޖެނަމަ، ބާކީ މެޗުތައް ނުކުޅެ ރާއްޖެއަށް ޗެމްޕިއަންކަން ޔަގީންވާނެއެވެ. ރާއްޖެ ދެން ބައްދަލުކުރާނީ ބޫޓާނާއެވެ.


