ސައްތައިން ސައްތަ ރެކޯޑާއެކު ސާފް ޗެންޕިއަންޝިޕް ފުޓްސަލް މުބާރާތުގެ ތަށި ދިވެހިޓީމު އުފުލާލައިފި
24 ޖެނުއަރީ 2026 - 11:15

ފުރަތަމަ ފަހަރަށް ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކަށަވަރުކޮށް، ސަރަހައްދީ ފުޓުބޯޅައިގެ ރަސްކަން ދިވެހިރާއްޖެއިން ހޯދައިފިއެވެ. މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއިން ކަށަވަރުކުރީ މިއަދު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗު 1-3 އިން ކާމިޔާބުކޮށްގެންނެވެ. މިއީ ފުޓްސަލްގެ ތާރީޚުގައި ރާއްޖެއިން ހޯދި ބައިނަލްއަގްވާމީ ފުރަތަމަ ތަށްޓެވެ.
ބެންކޮކުގެ ނޮންތަބުރީ އިންޑޯ ހޯލުގައި މިއަދު ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ. މެޗުގެ 12 ވަނަ މިނެޓުގައި ޖިގްނޭ ޝުލްޓްރިމް ޖެހި ލަނޑުން ބޫޓާނުން ފުރަތަމަ ލީޑު ނެގި ނަމަވެސް، ރާއްޖޭގެ އަބްދުﷲ ޖުނައިދު (ޖެންނޭ) ވަނީ ހާފު ނިމުމުގެ ކުރިން ބާރު ހަމަލާއެއް ގޯލުގެ ތެރެއަށް ފޮނުވާލައި ނަތީޖާ ހަމަހަމަކޮށްދީފައެވެ.

Ad by Hajj Corporation
ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން އަހްމަދު ހަމީދު (އައްމަޑޭ) ވަނީ ރާއްޖެއަށް ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ހޯދައިދީފައެވެ. އަދި މެޗުގެ 16 ވަނަ މިނެޓުގައި ކެޕްޓަން މުޙައްމަދު އިމްރާން (އިންމި) ކާމިޔާބުކުރި ލަނޑާއެކު ރާއްޖެއިން ވަނީ މޮޅުވިކަން ޔަގީންކޮށްފައެވެ.
މި މުބާރާތުގައި ރާއްޖެއިން މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓް ވަނީ ހޯދާފައެވެ. ތާވަލުގެ ދެވަނައިގައި އޮތް ޕާކިސްތާނަށް ފަސް މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، ބާކީ އޮތް މެޗުން މޮޅުވި ނަމަވެސް އެ ޓީމަށް ރާއްޖެއާ އަރާ ހަމައެއް ނުކުރެވޭނެއެވެ. އެހެންކަމުން ބާކީ އެއް މެޗު އޮއްވައި ރާއްޖެއަށް ވަނީ މުބާރާތުގެ ތަށި ކަށަވަރުވެފައެވެ. ލީގު އުސޫލުން ކުޅޭ މުބާރާތުގެ ފަހުމެޗުގައި ރާއްޖެ ނިކުންނާނީ މިމަހުގެ 26 ވަނަ ދުވަހުގައި ލަންކާއާއި ދެކޮޅަށެވެ.


